ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އަމިއްލަ ދަނޑުގައި އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
ފޯރިގަދަ މެޗު އެއްވަރުވެގެން ނިމުނުއިރު ދެ ރަތް ކާޑާއި 16 ރީނދޫ ކާޑު ވަނީ ދައްކާފަ އެވެ. މެޗުގައި ރެފްރީކަން ކުރީ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އާއި ނެދަލެންޑްސްގެ މެޗުގެ ރެފްރީކަން ކުރި މަޓެއު ލާހޯޒް އެވެ. ވޯލްޑް ކަޕްގެ އެ މެޗުގައި ވެސް ކުޅުންތެރިން ކޮންޓްރޯލް ނުކުރެވި ގިނަ ކާޑުތަކެއް ދެއްކުމުން ރެފްރީ އަށް ފާޑުކިޔުން އަމާޒުވި އެވެ. އޭގެފަހުން އިތުރު މެޗަކުން އޭނާ އަށް ފުރުސަތެއް ނުލިބުނެވެ.
މެޗުގެ ފުރަތަމަ ގޯލު ހަތް ވަނަ މިނެޓުގައި ޖެހީ ބާސެލޯނާގެ މާކަސް އަލޮންސޯ އެވެ. އެކަމަކު 73 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އެސްޕަންޔޯލްގެ ހޮސެލޫ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއީ އަލޮންސޯ، ހޮސެލޫ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެވެ. ހޮސެލޫ އަކީ ކުރިން ޕްރިމިއާ ލީގުގައި ވާދަކުރި ސްޓޯކް ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ކުޅުންތެރިއެކެވެ.
މެޗު އެއްވަރުވިއިރު ބާސެލޯނާ އަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ.
މެޗުގައި ބާސެލޯނާ އިން ރަތް ކާޑު ދެކީ ޖޯޑީ އަލްބާ އަށެވެ. ދެވަނަ ރީނދޫ ކާޑާ އެކު އަލްބާ އަށް ރަތް ކާޑު ދެއްކީ ޑިފެންސިން ވޯލް އެޅިގޮތުން ރެފްރީ ގާތު ޝަކުވާ ކުރުމުންނެވެ. އަލްބާގެ ކާޑަށް އިރުކޮޅެއް ވީފަހުން އެސްޕަންޔޯލްގެ ވިނީޝަސް ސޯޒާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ރޮބާޓް ލެވަންޑޯސްކީ އަށް ފައުލް ކުރުމުންނެވެ.
މީގެ އިތުރުން އެސްޕަންޔޯލްގެ ލިއަންޑްރޯ ކަބްރެރާ އަށް ވެސް ރަތް ކާޑު ދެއްކި އެވެ. އެކަމަކު ވީއޭއާރުގެ އެހީގައި އެ ނިންމުން ރެފްރީ ފަހުން ބަދަލުކުރީ އެވެ.
މެޗުގައި 15 ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކައި އެންމެ ފަހުން ބާސެލޯނާގެ ކޯޗު ޒަވީ އަށް ވެސް ރެފްރީ ރީނދޫ ކާޑު ދެއްކި އެވެ. ޒަވީ އަށް ރީނދޫ ކާޑު ދެއްކީ ރެފްރީގެ ނިންމުންތަކަށް ފާޑުކިޔުމުންނެވެ.
މުހިއްމު މެޗަކުން ދެ ޕޮއިންޓް ގެއްލުނަސް ގޯލުގެ ތަފާތުން ބާސެލޯނާ އޮތީ އެއްވަނައިގަ އެވެ. 15 މެޗު ކުޅެގެން ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ވެސް ލިބިފައިވަނީ 38 ޕޮއިންޓެވެ. ބާސެލޯނާ ފައިދާ 28 ގޯލު އޮތްއިރު ރެއާލް ދެވަނައިގައި އޮތީ ފައިދާ 21 ގޯލާ އެކު އެވެ.