ލައިފްސްޓައިލް

ބައްޔެއްގެ ސަބަބުން މުޅި ގައިގައި ދިގު އިސްތަށި ހުރި ކުއްޖެއް އުފަން ވެއްޖެ

މުޅި ގައިގައި ދިގު، ކަޅު އިސްތަށިތަކެއް ފަޅާފައި ހުރި ކުއްޖެއް އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ހަރްޑޯއީ ކިޔާ ރަށެއްގައި އުފަން ވެއްޖެ އެވެ.

މި ކުއްޖާ ފެނުމުން ފުރަތަމަ ޑޮކްޓަރުން ވެސް ވަރަށް ހައިރާންވި އެވެ. އެމީހުންގެ ޑޮކްޓަރީ ހަޔާތުގައި ވެސް މިފަދަ ކުއްޖަކު ފެނިފައި ނުވާތީ އެވެ. އަދި މި ކުއްޖާގެ ޓެސްޓްތައް ހެދުމުން މިއީ ބައްޔެއްގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަން ވަނީ އެނގިފަ އެވެ.

ޖައަންޓް ކޮންޖެނިޓަލް މެލޮނަސިޓިކް ނޭވަސް ކިޔާ މި ބައްޔަކީ ވަރަށް މަދުން ނޫނީ ފެންނަ ބައްޔެއް ނޫނެވެ. ހަރްޑޯއީގެ ހޮސްޕިޓަލެއްގައި އުފަންވި މި ފިރިހެން ކުއްޖާގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ.

މި ތުއްތު ކުއްޖާއަށް ފަރުވާ ދެނީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އިކްރާމް ހުސައިން އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކުއްޖާއަށް ޖެހިފައިވަނީ ހަމުގެ ބައްޔެކެވެ. މި ބަލީގެ ސަބަބުން ހަންގަނޑު މާބޮޑަށް ކުރަކިވެ ހިރުވާ އަދި ވަރަށް އުނދަގޫތައް ކުރިމަތިވާނެ ކަމަށްވެސް ޑޮކްޓަރު ވިދާޅުވި އެވެ.

މިއީ ފުރާނައަށް ނުރައްކާވާ ބައްޔަކަށް ނުވިޔަސް މި ބަލި ބޮޑުވަރުވުމުން ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

މި ބަލީގެ އަސަރު ސިކުނޑިއާއި މައިބަދައިގެ ޓިޝޫތަކަށް ކުރުމުން އެތަންތަނަށް ވެސް މައްސަލަތައް ކުރިމަތިވެ ބޮލުގައި ރިއްސުމާއި ހޮޑުލެވުން އަދި ސިކުނޑީގައި ޓިއުމަރު އުފެދުމުގެ ފުރުސަތު ބޮޑުވާކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

މި ކުއްޖާ އުފަންވީ ހޮސްޕިޓަލަކީ އެ އަވަށުގައި ހުންނަ ވަރަށް އާދައިގެ ހޮސްޕިޓަލަކަށް ވާތީ ލަކްނޫގައި ހުރި ބޮޑު ހޮސްޕިޓަލަކަށް ކުއްޖާއަށް ފަރުވާދޭން މިހާރު ވަނީ ފޮނުވާލާފަ އެވެ.

ހަމުގެ ބައްޔެއް ހުރި ނަމަވެސް މި ކުއްޖާ އާއި އޭނާގެ މަންމަގެ ހާލު ވެސް އާއްމު ގޮތެއްގައި ރަނގަޅު ކަމަށް ޚަބަރުގައި ބުނެފައި ވެއެވެ.