ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ


ކަރަށް ބާރުވަމުން އައި ދެ އަތްތިލަ ނައްޓާލެވޭތޯ އެ ދެ އަތުގައި ލައިލީ ހިފިއެވެ. ހިންދިރުވާލަން އުނދަގޫވެ ކޮށިއެރިއިރު ވެސް އެ މީހާ އޭނާގެ ކަރަށް ހައްތަހާ އައީ ބާރުކުރަމުންނެވެ. ލައިލީއަށް ހުރެވުނީ ކޮންތާކުކަމެއް ނޭނގެއެވެ. ދުރުން ހުޅުވާފައި ހުރި ދޮރެއްގެ ރިވެލިފަށް ފެންނަން ހުއްޓެވެ. ނަމަވެސް އެ އަލިކަން ލައިލީ ހުރި ހިސާބަކަށް ނުފޯރައެވެ. އޭނާގެ ކަރުގައި ދެ އަތުން ހިފައި ބާރު ކުރަމުން ދިޔައިރު އެ މީހެއްގެ ގަސްދަކީ ލައިލީ މަރާލުމެވެ. ކުރިމަތީ ހުރި މީހާގެ ދިގު އިސްތަށިގަނޑާއި އޭނާ އަޅައިގެން ހުރި ހެދުމުން އެއީ އަންހެނެއްކަން އެނގެއެވެ. އޭނާގެ ދެ އަތް ނައްޓާނުލެވި ކަރަށް ބާރުވެ ނޭވާ ހާސްވެ ދެ ލޯ ނުކުންނަން އުޅޭހެން ހީވިއިރު ދެ ކަކޫ މައްޗަށް ލައިލީ ވެއްޓިއްޖެއެވެ.

ސިއްސައިގެން ގޮސް ފުން ނިދިން ލައިލީއަށް ހޭލެވުނީ މާނޭވާލަމުންނެވެ. ދެ ލޯ ހުޅުވުމާއެކު އޭނާ ވަގުތުން ރަޖާ އެއްފަރާތްކޮށްލައި ތެދުވެ އިށީނދެއްޖެއެވެ. ބާރަށް ތެޅެމުން ދިޔަ ހިތުގެ އަޑު ދެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ލައިލީއަށް އަވަސްއަވަހަށް ކަރުގައި އަތް ޖައްސާލެވުނެވެ. އަދިވެސް ހީވަނީ އެ މީހާގެ އިނގިލިތައް ކަރުގައި ވަށާލެވިފައިވާހެންނެވެ. އެ ހުވަފެން ހަޤީޤަތާ އެހާ ވެސް އެއްގޮތީއެވެ.

"އަނެއްކާ މިރޭ ވެސް." ފޫހިކަމާއެކު ސިއްރުން ލައިލީ ކުދިކިޔާލިއެވެ. މީ އޭނާއަށް އެ ހުވަފެން ފެނުނު ފުރަތަމަ ރެޔެއް ނޫނެވެ. އަރުތެރެ ހިކި ހިންދިރުވާލަން ދަތިވެފައި ހުރިކަން އިޙްސާސްވީ ދެނެވެ. އެނދުން ތެދުވާން އުޅެފައި ވެސް ލައިލީ ބަލާލީ އޭނާއާ ޖެހިގެން ނިދާފައި އޮތް ފިރިމީހާއަށެވެ. ކުއްލިއަކަށް ސިހިފައި ހޭލެވުނެއް ކަމަކު ދަރަކްއަށް އެކަމުގެ ހިލަމެއް ނުވިއެވެ. އޭނާ އަދިވެސް އެ އޮތީ ގަދަ ނިދީގައެވެ.

ކޮޓަރިން ނުކުމެގެން ލައިލީ އައިސް ބަދިގެއަށް ވަނެވެ. ފެނުނު ނުބައި ހުވަފެނުން ހޭލެވުނުއިރު މީހާއަށް ހުރީ ހޫނުވެފައެވެ. ހިލިފައި ހުރި ދާތިކިތައް އޮއްބާލުމަށް ލައިލީ ޚިޔާރު ކުރީ ފިނި ފެންފޮދެކެވެ. ފެންތަށި ހިފައިގެން ކާމޭޒު ދޮށުގައި އޭނާ އިށީނެވެ. ކަމަކާ ފިކުރު ބޮޑުވެފައި އިންކަމުގެ އަސަރު ލައިލީގެ މޫނުން ފާޅުވެއެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އޭނާ އެގޮތުގައި އިނީ ކިހާއިރަކުކަމެއް ޚުދު ލައިލީއަކަށް ވެސް ނޭނގެއެވެ. ވަރުބަލިކަމާއެކު މޭޒުގައި ބޯ އަޅައިލައިގެން އޮއްވާ އިރުކޮޅަކަށް ނިދިފައި ހޭލެވުނެވެ. މޭޒުދޮށުން ތެދުވީ ދެނެވެ. ފެންބުއި ބިއްލޫރި ތަށި އެ ހުންނަންވާ ތަނުގައި ބަހައްޓާފައި އޭނާ އެނބުރި އައިސް ކޮޓަރިއަށް އަލުން ވަނީއެވެ.

"ލައި... ދެން ތެދުވޭ... ލައި... ހޭލަބަލަ." ލައިލީއަށް ހޭލެވުނީ ދަރަކްގެ އަޑަށެވެ. ކަންނެތްވެފައި އޮންނަން ލައިލީ ބޭނުންވިއެވެ. ނަމަވެސް ދަރަކް ހެނދުނު އޮފީހަށް ދަންދެން ނިދަން އޮތުމަކީ އޭނާގެ އާދައެއްނޫނެވެ. އާފުރިލުމަށްފަހު ލައިލީ ތެދުވެ އެނދުގައި އިށީނެވެ.

"ގުޑް މޯނިން. ހާދަ ނިދިގަދަވެގެން ތިއުޅެނީ. ރޭގަ މީ ބޮޑު ރެޔަކީތަ؟ ތި މީހުންގެ ސަކަރާތުގައި ޖެހިއްޖެއްޔާ ގަޑިންވާއިރެއް އެކަކަށް ވެސް ރޭކާނުލާނެ." ދަރަކް ވާހަކަދެއްކިއެވެ.

ލައިލީ ދެ ލޯ މަރާލައިގެން އިނީއެވެ. ފާޚާނާއަށް ވަންނަން ލައިލީ ގާތު ބުނެފައި ދަރަކް ކޮޓަރިން ނުކުތެވެ. ދޮރު ލެއްޕުނު އަޑާއެކު ލައިލީ ލޯ ހުޅުވައި އެ ދިމާއަށް ބަލާލިއެވެ. މިހާރު އެ ދެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. މަޑުމަޑުން އެނދުން ތެދުވެ އޭނާ ގޮސް ފާޚާނާއަށް ވަނެވެ.

"ނޫރީއާ އެއްކޮތަ އައީ." ކޮޓަރިން ނުކުމެގެން އަންނަ ލައިލީ ފެނުމާއެކު ދަރަކް އަހާލިއެވެ. ކާމޭޒުދޮށުގައި އިށީންނަން އައި ލައިލީ ހޫން ލައްވާލިއެވެ. ދަތްދޮޅިއަށް އަތްދީގެން އިނދެ ލައިލީ ބަލަމުން ދިޔައީ އުނދުން ކައިރީ އުޅޭ ދަރަކްއަށެވެ. ލައިލީއާ ވާހަކަދައްކާއިރު ފެންނަން ހުންނަ ލޯބިވެތި ހިނިތުންވުން އެ މޫނުން ފެނެއެވެ. ވާހަކަދައްކާއިރު ގެންގުޅޭ މަޑުމައިތިރިކަން އެ އަޑުގައި ވިއެވެ. ކައިވެނި ކުރިދުވަހުން ފެށިގެން އެއްވެސް ކަމެއް ތަފާތެއް ނުވެއެވެ.

"ރޭގަ ތަންކޮޅެއް ލަސްވީމަ ހިތަށް އެރީ ތި މީހުންގެ ބޮޑު ރެޔެކޭ." ދަރަކް އަވަސް ނަޒަރެއް އަނބިމީހާއާ ބަދަލުކޮށްލަމުން ވާހަކަދެއްކިއެވެ.

"ޔާ..." ލައިލީގެ ކޮންމެ ޖަވާބެއް ކުރެވެ. އޭނާ މޭޒުމައްޗަށް ނެގި ދެއަތް މަތީ ބޯ އަޅާލިއެވެ. އަދިވެސް ނިދީގައޭ އަނބިމީހާ އޭނީ ދަރަކް ހީކުރިއެވެ.

"ބިސްގަނޑެއް އަޅާނެތަ؟." ދަރަކް އަހާލިއެވެ.

"ނޫން." ލައިލީ ބުންޏެވެ.

ދަރަކް ނާސްތާއަށް ތައްޔާރުކުރި ތަށިތައް ގެނެސް ކާމޭޒު މަތީ އަތުރާލިއެވެ. ބޯ ޖަހާލައިގެން އޮތް ލައިލީގެ ސިކުނޑިއަށް ވަނީ ބަރުވެފައެވެ. ފިރިމީހާ ގޮވަންދެން ނިދާފައި އޮންނަ އަނތްބެއްކަމުގައި ލައިލީވެއްޖެއެވެ. އަދި ލައިލީއަށްވުރެ އޭނާގެ ކަންކަން ބަލަހައްޓާ މީހެއްކަމުގައި ދަރަކް ވެއެވެ. ލައިލީ ހީނުކުރާހާ ދަރަކް ހުރިހާ ގޮތަކުން ވެސް ރަނގަޅީއެވެ.

"ލައި... ނިދިއަންނަންޏާ ސައިބޮއެގެން ދޭ ނިދާލަން. އަހަރެން ވެސް ދާގަޑި ޖެހެނީ. މިދަނީ ރެޑީވާން. ބޯ ޖަހައިގެން ނޯވެ އަވަހަށް ސައިބޯލާ." ދަރަކް މިހެން ބުނެ މޭޒުދޮށުން ތެދުވިއެވެ. އޭނާ ސައިބޮއެ ނިމުނީއެވެ.

"ލައި... އަދިވެސް ސައިނުބޮން." އޮފީހަށްދާން ތައްޔާރުވެގެން ދަރަކް ނުކުތްއިރު ވެސް ލައިލީ ކާމޭޒުމަތީ ބޯޖަހައިގެން އޮތްތަން ފެނި ބުނެލިއެވެ. އޭނާ އައިސް ލައިލީގެ ކައިރީ ހުއްޓުނެވެ.

"ދާން މިދަނީ. ކޮޅަށް އިނދެ ނުނިދާ ދޭ ކޮޓަރިއަށް. ކުޅިމަސް ހަދާ ވާހަކަ ބުނީމަ މަސްކޮށާފަ ފްރިޖްގަ ހުންނާނެ." ދަރަކް ބުންޏެވެ.

"ތެންކިޔު." ލައިލީ މަޑުމަޑުން ބުނެލިއެވެ. ދަރަކް ގުދުވެލައި ލައިލީގެ ބޮލުގައި ބޮސްދީފައި ފިރުމާލިއެވެ. ލައިލީ ބޯ ހިއްލާލައި ހަށިގަނޑު ސީދާކޮށްލިއެވެ.

"ތަންކޮޅެއް ލަހުން އާދެވޭނީ. ދަނީ އިނގޭ." ބޫޓަށް އަރަން ދޮރު ކައިރީ ހުރެ ދަރަކް ބުންޏެވެ. ފިރިމީހާއަށް ބަލަން އިން ލައިލީ ޖަބާވެއްގެ ގޮތުން ބޯޖަހާލީއެވެ. ލޯބިވެތި ހިނިތުންވުމެއް ބަދަލުކޮށްލާފައި ދަރަކް ގެއިން ނުކުތެވެ. ލައިލީގެ މޫނުން ކުލަ ފަނޑުވީ ހަމައެހިނދުންނެވެ.

މޭޒުމަތީ ހުރި ތަށިތަކަށް ލައިލީ ބަލާލިއެވެ. މިހާރު ހުރީ އޭނާއަށް ޓަކައި ދަރަކް ތައްޔާރުކޮށްފައި ހުރި ތަށިތަކެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަކީ ދަރަކްގެ އާދައެކެއެވެ. ބަންދު ދުވަހެއް އޮފީސް ދުވަހެއް އޭނާ ނުބަލައެވެ. ލައިލީއަށް ކަމުދާނޭ ބާވަތްތައް އޭނާއަށް އެނގެއެވެ. ތައްޔާރު ކުރާ އެއްޗެހީގެ ރަހަ އެހާ މީރެވެ. ނަމަވެސް ލައިލީ ތަށިތަކަށް ބަލަން އިނީ ކާހިތްނެތިފައެވެ. އޭނާ މިއަދު ބޭނުންވަނީ އެ ހުރިހާ ތަށްޓެއް އަތުން ޖަހާ ބުރުވާލާށެވެ. ތަޅާ ފުނޑުފުނޑުކޮށްލާށެވެ.

"ތިހާ ރަނގަޅު ފިރިއެއް ނުލިބޭނެ." ލައިލީގެ ބުނުމުގައި ހިތިކަމެއް އެކުލެވިފައި ވިއެވެ. ތުންފަތަށް ވެރިވި ހިނިތުންވުމުގައި އުފާވެރިކަމެއް ނެތެވެ. ސްޓޯބެރީއާއި ބުލޫބެރީ އަޅައި ތައްޔާރުކޮށްފައި ހުރި އޯޓްސް ތަށި ކައިރިކޮށްލަމުން އެއިން ސަމްސަލެއް ލައިލީ އަނގަޔަށް ލިއެވެ. ކާއެއްޗެހި އެތެރެއަށް ދިއުމުގެ ބަދަލުގައި އުޅުނީ ބޭރަށް ނުކުންނާށެވެ. އެހެންނަމަވެސް ދެ ލޯ މަރާ ބާރުކޮށްލުމާއެކު ގަދަކަމުން ދިރުވައިލީއެވެ. އެގޮތަށް އޭނާއަށް ކެވުނީ ބަރާބަރު ދެ ސަމްސަލެވެ. ކުރިޔަކަށް ނުދިޔައެވެ. މޭޒުދޮށުން ފުންމައިގެން ތެދުވި ގޮތަށް ތަށި ގެނެސް ހުސްކޮށްލީ ކުނި އެއްޗަށެވެ. މޭޒުމަތީ ދެން ހުރި ތަށިތައް ވެސް ގެނެސް ކުނި އެއްޗަށް ކާންދީފައި ސިންކަށް ތަށިތައް އަޅާލިއެވެ. ބޮލަށް ތުރާވެފައިވާ މީހަކު ފަދައިން ލައިލީ ހަޅޭލަވައިގަތެވެ. އެޕާޓްމެންޓުގެ ތެރޭ އެ އަޑު ހިފާލިއެވެ.

"އައްދޯއި..." ބޮލުގައި ލައިލީ ހިފަހައްޓާލިއެވެ. އޭނާގެ ބޮލުގައި ރިއްސައިގަތީއެވެ.

ތަށިތައް ދޮވުމުގެ ބަދަލުގައި ލައިލީ އައިސް ވެއްޓިގަތީ ސޯފާއަށެވެ. ނިތްކުރިއާއި ދެ ލޯ ނިވާވާނޭހެން މޫނުގައި ދެ އަތް އަޅުވާލައިގެން އޭނާ އޮތެވެ.

"ކަމެއް ސިއްރުކުރުން ދޮގު ހެދުމާ އެއްވަރުވާނެތަ؟... އެހެންވެއްޖެނަމަ... އެކަކުއަނެކަކަށް ދޮގު ނުހަދާނޭ ދެމަފިރިއަކު ހުންނާނެބާ." ލައިލީ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ.

ލައިލީގެ ޚިޔާލުތައް މާޒީއަށް ދަތުރުފެށިއެވެ. ހަ މަސް ކުރިއެވެ. އެ ރެޔެއަކީ އެންމެން ކޮފީއަށް ދާން ކިޔާފައި އޮތް ރެއެވެ. ޒަމާންވެ ގުޅުމަށް ބަދަލު ނައި ލައިލީގެ އެންމެ ގާތް އެކުވެރީންނެވެ. އެއީ ލައިލީއާއެކު ހަ ފަހުލަވާނުން އެކުލެވޭ އޭނާގެ ގޭންގެވެ. ހަޔާތުގެ ހުރިހާ ހިތާމައަކާއި އުފަލެއް ޚިއްޞާ ކުރަމުން އައި މީހުންނެވެ. ލޭގެ ގުޅުމެއްނެތް އެހެންނަމަވެސް ނުހަނު ލޯބިވާ ކުޑަކުޑަ ޢާއިލާއެކެވެ.

"މުޅި އިންސާނީ ތާރީޚުގައި ވެސް އިންސާނުން އީޖާދުކުރި އެންމެ ފީކަޅާ އެއްޗަކީ ސްމާޓްފޯނާއި އިންޓަނެޓް." އެކި ވާހަކައިގެ ތެރެއިން ކިރަން ބުނެލީ އެއްވެސް ވަރަކަށް ގަޔާނުވެފައި އިނދެއެވެ. އޭނާ ކޮފީއަށް އައި އިރު ވެސް މޫޑު ރަނގަޅު ނޫންކަން އެންމެންނަށް އެނގެއެވެ.

"އެޔޯ!... އޭގެ ސަބަބުން ކިހާ ފަސޭހައެއްވޭތަ." ޗޮކުލެޓް މިލްކްޝޭކް ތަށީގައިވި ހޮޅި ތުނބުން ނައްޓާލުމާއެކު ސިޔާ ބުނެލިއެވެ.

"އަހަންނަށް ފޯނާ ނުލައެއް ނޫޅެވޭނެ. ފޯނު ނެތިއްޔާ ގައިން ބައެއް މަދުވެގެން އުޅޭހެން ހީވާނީ." ހިނިއައިސްފަ އިނދެ ޔޫން ބުންޏެވެ. ހަމަ އެވަގުތު ފޯނު ރިންގުވާ އަޑު އިވިގެން ދިޔައެވެ. ރިންގުވީ ޔޫންގެ ފޯނެވެ.

"ފިރިސޮރު ގުޅީ ދޯ. މީނައަށް މި ލިބުނީ ޕޮސެސިވް ޑީމަންއެއް ކަހަލަ ފިރިއެއް." ޔޫންއާ ޖެހިގެން އިން ތަސްލީމާ ބުންޏެވެ. އެއާ ވިއްދާ ކިރަން ވާހަކަދެއްކިއެވެ.

"ފޯނަށް ޖަވާބު ދޭން އެންމެ ސުކުންތެއް ލަސްވިޔަސް ޔޫންއަށް ނުރޮހޮއްޕާންފަށެއް ކޮށްލާނެ." ކިރަން އޭނާގެ މޫޑީ ރާގުގައި ބުނެލިއެވެ.

"މިހާރު ލޯބިވާ ގޮތަކީ އެޔެއްނު. އޮބްސެސްޑްވެ ކޮންޓްރޯލް ފްރީކަށް ނުވަންޏާ ލޯބިވާ ކަމަކަށް ނުވޭ. ހުރިހާކަމެއް އެޑިކްޝަންއަކަށް ވެއްޖެ." ބޯން އިން ވޭޕްގެ ދުންތައް ދޫކޮށްލުމާއެކު ނޫރީ ބުންޏެވެ.

"ދެން މީނދަ ކިރަން މިއުޅެނީ ކިހިނެއްވެގެން. ފޯނާ އިންޓަނެޓްގެ އަވައިގަ ނުޖެހޭ މީހަކު އެބަހުރިތަ؟." ތަސްލީމާ ބުންޏެވެ. އެއާއެކު ކިރަންގެ މޫޑު އިތުރަށް ގޯސްވީއެވެ.

"ތިބުނާ އެއްޗެހީގައި ހުރިހާ މަޢުލޫމާތެއް ލިބެން ހުންނާތީއޭ މައްސަލައަކީ. ޚާއްޞަކޮށް ސޯޝަލް މީޑިއާ... އިޓްސް ފުލް އޮފް ޝިޓް... ނޭނގުނު ނަމައޭ ހިތަށް އަރާ. އޭރުން ހަމަގައިމުވެސް ނޭނގޭ ކަމަށް ހަދާލައިގެން ހުރެވޭނެ. މިހުރިހާ ކަމެއް ނުހިނގާނެ." ކިރަންގެ އަޑު ބާރުކަމުން ކައިރި މޭޒުތަކުގައި ތިބި މީހުން ވެސް ބަލާލިއެވެ. ސިޔާ އަވަހަށް އޭނާގެ އަތަށް ދަމާލީ ހަމަޖެހޭށޭ ބުނާ ފަދައިންނެވެ. އެއާއެކު މޭޒުމަތީ ފޯނު ނިކަން ބާރަށް ބާއްވަމުން މޭޒުމަތީގައި ކިރަން ބޯޖެހީއެވެ.

"ކިރަން... ރަނގަޅުތަ ހުރިހާކަމެއް." ކަންބޮޑުވުން އެކުލެވިފައިވާ ރާގެއްގައި ޔޫން އަހާލިއެވެ.

"އަހަންނަށް ހީވަނީ ފާޚާނާއަށް ދާންވީހެން. ޕެޑެއް އެބައޮތްތަ އެކަކު އަތުގަވެސް." ކިރަން އަހާލިއެވެ.

"އެބައޮތް. އަހަރެން ވެސް ތިކަމުގައި އުޅެފައި މިހާރު ހުރީ ރަނގުޅުވާކޮޅަށް އަޅާފަ." ސިޔާގެ އަތްދަބަހުން ނެގި ސެނިޓަރީ ނެޕްކިން ކިރަންއަށް ދިނެވެ. އޭނާ އެ ހިފައިގެން މޭޒުދޮށުން ތެދުވެ ފާޚާނާއާ ދިމާއަށް ދިޔައެވެ.

"ކިރަން މިރޭ އެ އިންނަނީ ވަރަށް މޫޑީވެފައި." ކިރަން ދިޔަ ދިމާއަށް ބަލަން އިނދެފައި ސިޔާ ބުނެލިއެވެ.

"ޕީރިއަޑް ދުވަސްކޮޅު އޭނާ އަބަދުވެސް ވަރަށް ވޭނުގަ އުޅޭނީ." ނޫރީ ބުންޏެވެ.

"އެހެންވެ އެކަންޏެއްނޫން. ޖުނޭގެ ފޯނު ބަލައިގެން އެ އުޅެނީ." ތަސްލީމާ ބުންޏެވެ.

"ސުބްޙާނައްﷲ... ޕެންޑޯރާ ބޮކްސް ހުޅުވާލީ ދޯ." ޔޫންއަށް ބުނެވުނެވެ.

"ޖޫނޭ ހާދަ ޔަންގޭ." މިހުރިހާ އިރު އެއްޗެކޭ ނުބުނެ އިން ލައިލީއަށް ބުނެލެވުނެވެ.

"އަހަރެމެންނަށްވުރެ ހަ އަހަރު ހަގުވާނެ. އެހެންވީމަ... ތޭވީސް އަހަރު ޖުނޭއަށް ވާނީ." އަތަށް ދަތްދޮޅި އަރުވައިގެން އެންމެންނަށް ބަލަން އިނދެ ސިޔާ ވާހަކަދެއްކިއެވެ. އެންމެންނާ އެކުވެރިވުމުގެ މާކުރިން ކިރަންއަކީ ސިޔާގެ އެކުވެރިއެކެވެ.

"އެކަމަކު އޭނާ ހާދަ ލޯބިންނޭ އުޅުނީ. އަހަރެންދެކެ ލޯބިވެގެން މޮޔަވެދާނޭ ހީވަނީ..." އިށީންނަން އައި ކިރަންއަށް އެކުވެރީންގެ މައުޟޫޢު އިވުމާއެކު ހިތް ފަޅައިގެން ދިޔައީއެވެ. މޭޒުގައި އިށީންގޮތަށް އެކުވެރީންގެ ކުރިމައްޗަށް ހިތް ބަންޑުންކޮށްލެވުނީ ފެންކަޅިވެފައެވެ. ކިރަންއަކީ އެ "ގޭންގް"ގައި ހިމެނޭ ޝުގާ މާމް އެވެ. އެއީ އެ އެންމެންނަށް އެނގޭ ކަމެކެވެ.

"ވާއޮ... ތިވަރު ވާނޭ ހިޔެއްނުކުރަން." ސިޔާ ބުންޏެވެ.

"އައިސްކްރީމް ގެންނަމާ." ކިރަންގެ ބުރަކަށީގައި ޖަހާލަމުން ލައިލީ ނިކަން އަވަހަށް ބުނެލިއެވެ. އައިސްކްރީމް އިން ކިރަންގެ ހަލާކުވެފައިވާ ހިތަށް ފޮނިމީރުކަމުގެ ވަގުތީ ލައްޒަތެއް ހޯދައި ދިނުމުގެ ވިސްނުމުގައެވެ.

"ކަލޭ ވެއްޖެވިއްޔާ އޭނާ ފެންވަރަން ވަތް ވަގުތު ބަލާފައި ފޯނު ބަލަން." ސިޔާގެ ބަސްތަކުން ކިރަންގެ ހިތް އިތުރަށް ޒަޚަމްކޮށްލައިފިއެވެ.

"ފޯނު ބަލަން ޖެހޭނީ އެއިން ކޮންމެފަދަ އެއްޗެއް ވެސް ފެނިދާނެކަމަށް ތައްޔާރުވެ ހުރެ. ހިތްހަލާކުވެގެން އެކަމާ ދެރަވެ ރޮއެ ހިތާމަކުރުމަށްވުރެ ފުރަތަމަ ވެސް ފޯނު ނުބެލިއްޔާ މާ ރަނގަޅެއްނު. އޭރުން ހިތްހަމަޖެހިލައިގެން އުޅެވޭނެ. ބޭކާރު ވިސްނުންތަކެއް ވިސްނާ ޝައްކުތަކެއް ކުރާކަށް ނުޖެހޭނެ. އެގޮތް މާބޮޑަށް ވެސް ރަނގަޅު... ނޫންތަ." ތަސްލީމާގެ ޚިޔާލު ފާޅުކުރިއެވެ.

"ލައިގެ ޚިޔާލަކީ ކޮބާ؟. ފިރިމީހާގެ ފޯނު ހާވަލަން ފުރުޞަތެއް ލިބިއްޖެނަމަ ބަލާނަންތަ؟." ސިޔާ އަހާލިއެވެ.

"އަހަރެން..." ކުއްލިއަކަށް ލައިލީ ބަސް ހުއްޓުނެވެ. އެއީ އޭނާ ޚިޔާލުކޮށްފައި އޮތްކަމެއް ނޫންވީމައެވެ. ނިކަން ފަރި ހިނިތުންވުމެއް ލައިލީގެ ތުންފަތަށް ވެރިކޮށްލިއެވެ.

"ނުބަލާނަން. އެއަށްވުރެ ދަރަކްއަށް އަހަރެން އިތުބާރުކުރަން." ޔަގީންކަމާއެކުކަން ލައިލީ އެހެން އެބުނީ އޭނާގެ މޫނުމަތިން ފާޅުވެއެވެ.

"މީނަ ކައިވެންޏަށް ދެ އަހަރުވީއިރު ވެސް އަދިވެސް ހަނީމޫން ފޭސް ނުނިމޭ. ދަރަކް ނުޖަހާ އޮޅުވާލާނޭ ވައްތަރެއް. އެއަށްވުރެ އޭނާ ފެންނަނީ އޯގާތެރި ނިކަން ލޯބިވާ ވަފާތެރި ފިރިއެއް ގޮތުގައި." ޔޫން ބުންޏެވެ.

"ޔޫން ވެސް ތިއުޅެނީ ހަނީމޫން ފޭސްގައެއްނު." ލައިލީ ބުންޏެވެ.

"އިދާންއަށް އަހަންނާ ނުލާ ޓީވީގެ ރިމޯޓު ފެންނަކަމަށް ވެސް ނުވާނެ. ބާލާ އިސްޓާކީނު ބޫޓަށް ކޮށްޕާލެވޭ ކަމަށް ވެސް ނުވާނެ. ލޯބިން އެކަކުއަނެކަކަށް ބޭނުންވުމަކީ އެޔެއްނޫން." މާބޮޑު އަސަރެއް ނެތްހެން ޔޫންގެ ދުލުން ބޭރުކޮށްލިއެވެ.

"ޔޫން އޭނާ ހަލާކުކުރަނީ. އޭނާ ބުނާހާ ކަމެއްކޮށްދީގެން އޭނާ ބުނާހާ ގޮތަކަށް އުޅޭތީ އެހެން އެވަނީ." ނޫރީ ބުނެލިއެވެ.

"އެކަމަކު އަހަރެން އެހެން ކަންތައް ނުކޮށްފިއްޔާ އިދާން މުޅި ދުވަހު ހުރެ ދާނެ ވާހަކަނުދައްކާ. އަހަންނަށް މާ އުނދަގޫވޭ އެގޮތަށް އޭނާ ރުޅި އައިސް އެއްޗެއް ނުބުނެ ހުރީމަ." ޔޫން ބުންޏެވެ.

"އެކަމަކު ކައިވެނީގެ ކުރީކޮޅު ތިހެން އުޅޭންވެއްޖެނަމަ ފަހުން މާ ކަންތައް ގޯސްވާނެ." ތަސްލީމާ އިނދެފައި ބުންޏެވެ.

"އޭ ތަސް... ތީނަ މައިދައިތައާ ފެށި ހަނގުރާމައަށް ކިހިނެއްވީ؟. ކާކުގެ ކޮޅު މޮޅުވީ." ސިޔާ އަހާލިއެވެ.

"އަހަރެން ބުނީމެންނު މަށޭ ބަލިވާނީ. އެހެންނޫނަސް މިފަހަރު މީ ހައްޔާން އޭނާގެ މަންމައާ ކުރިމަތިލާން ޖެހޭ ފަހަރު." ތަސްލީމާ ބުންޏެވެ.

"ދަރަކް ފެމެލީގަ ހުރޭ ދޯ އަދި އެހެން ކުއްޖެއް." ޔޫން ވާހަކަދެއްކީ ލައިލީއާއެވެ.

"އޭނަ ދޮންބެ ދެން ހުންނާނީ. އެގެއަށް މި ދިޔަ ހަފްތާގަ ދިޔައިން. ދަރަކްއާ އޭނަ ދޮންބެއާ ވަރަށް ތަފާތުވާނެ." ލައިލީ ބުންޏެވެ.

"އަހަރެމެންގެ ތެރޭ ހުރި އެންމެ ޑިވޯޓެޑް ހަޒްބަންޑް އެއީ. ޑޭމްޑް... އައި އޭމް ޖެލަސް." މޫނުގައި ދެއަތް އަޅަމުން ކިރަން އިނދެފައި ބުންޏެވެ.

"ކަލޭމެންނަށް ހީވަނީ ތިހެން. ދަރަކްއަކީ ޕާފެކްޓް މީހެއްނޫން. އޭނާ ލައްވާ ވާހަކައެއް ދެއްކުން އެއީ އުނދަގޫކަމެއް. ކެއުމުގައި އެހާ ފާޑުވާނެ. އޭނާ ކަނޑުމަސް ކަންޏާ ކަޅުމަހެއް ނުކާނެ. އިސްތިރިކޮށްފައި ނޫނީ އަލަމާރީގައި އެއްޗެހި އަޅުވައިގެން ނުވާނެ." ލައިލީ ކިޔާލިއެވެ.

"އެހެންވިޔަސް ދަރަކް ކަހަލަ ފިރިއަކު ލިބުނީތީ އެކަމާ ލައި ފަޚުރުވެރިވޭ." ކިރަން ބުންޏެވެ. ލައިލީ ޖަހާލީ ހިނިގަނޑެކެވެ.

"ތިބުނީތާ." ހިނިއައިސްފަ އިނދެ ލައިލީ ބުންޏެވެ. ދިރިއުޅުމަށް ޓަކައި ހަޔާތުގެ ބައިވެރިޔަކަށް ޚިޔާރު ކުރެވުނީ ރަނގަޅު ފަރާތެއްކަން ލައިލީގެ ހިތުގައި އޭރު ވިއެވެ. އަދި ފާޅުނުކުރިޔަސް ހިތުގެ އަޑިން އޭނާއަކީ އުފާވެރި އަނތްބެއްކަން ޤަބޫލުކޮށް އެކަމާ ޝުކުރުވެރިވެއެވެ. ހަޔާތުގައި މިހާ އުފާވެރި ދުވަސްތަކެއް ލައިލީއަށް ނާދެއެވެ.

އެރޭގެ ކޮފީ ނިންމާފައި އާދައިގެ މަތިން ލައިލީ ގެއަށް އައީ ނޫރީއާ އެކީއެވެ. އޭރު ބާރަޖަހައި ހިނގައްޖެއެވެ. ކިރަންގެ މޫޑު ރަނގަޅު ކުރުމުގައާއި އެންމެންގެ ދިރިއުޅުމުގެ ވާހަކައިގައި އެހެން ރޭ ރެޔަށްވުރެ ގިނައިރު ކޮފީގައި ތިބެވުނީއެވެ. ކޮންމެ ރެއަކު އެންމެން ބައްދަލުވަނީކީ ނޫނިއްޔާއެވެ. އެހެންވެ އެންމެން ދިމާވާ ރެއަކު ލައްކަ ވާހަކަ ދައްކަން އޮވެއެވެ.

އެޕާޓްމެންޓަށް ލައިލީ ވަންއިރު ބަދިގެއާ ދިމާގައި ހުރި ބޮކި ފިޔަވައި އެހެން ބޮކިތައް ހުރީ ނިވާފައެވެ. މައިދޮރު ތަޅުލާފައި ލައިލީ އައިސް ވަނީ ކޮޓަރިއަށެވެ. ދަރަކް އޮތީ ނިދާފައެވެ. އެހެންވެ ފާޚާނާއަށް ވަދެލާފައި ނުކުމެ ލައިލީ ވެސް ތައްޔާރުވީ ނިދާށެވެ. ނިދާ ހެދުން ލައިގެން އެނބުރިލި ލައިލީއަށް ދަރަކްގެ ދަމާލެވިފައި އޮތް އަތުތެރޭ ފޯނު އޮއްވާ ފެނުނެވެ. އެހެން އޮއްވާ ފޯނު ވެއްޓޭނީކަން އެނގި އޮށޯތުމުގެ ކުރީން ލައިލީ އައިސް ދަރަކްގެ އަތުން ފޯނު ނެގިއެވެ. އެނދުއަރިމަތީ ހުރި ކުޑަމޭޒުގައި ފޯނު ބޭއްވި ވަގުތު އިސްކުރީނު ދިއްލުނެވެ. ފެންނަން އިން ނޮޓިފިކޭޝަން ލައިލީ ބަލާލީ މާބޮޑު ގަސްދެއް ނެތިއެވެ. ނަމަވެސް އެ މެސެޖު ފެނުމާއެކު ލައިލީގެ މެޔަށް ނުބައިގޮތެއް ވެގެން ދިޔައެވެ.

"އައި ހެޑް އަ ގުޑް ޓައިމް. ތޭންކްސް." އިނގިރޭސިން މެސެޖުގައި ލިޔެފައި އޮތެވެ. އޭގެ އިތުރުން ބަސްކޮޅުގެ ފަހަތަށް ހިތުގެ އިމޯޖީތައް ލާފައި ހުއްޓެވެ. މެސެޖު ފޮނުވި ފަރާތުގެ ނަމަކަށް ފެންނަން އިނީ ސަމައިރާއެވެ.

"ސަމައިރާ... ކުރީން އަޑެއް ނާހަން. ދަރަކް ބުނި މިރޭ ބޮސްއާއެކީ މީޓިންއެއް އޮތް ވާހަކަ.... ނޯވޭ!... ދަރަކްގެ ބޮސްއަކީ ސަމައިރާތަ؟. އެކަމަކު މީ ބޮސްއެއް އޭނާގެ ދަށުން މަސައްކަތް ކުރާ ކޮލީކަކަށް ފޮނުވާ ކަހަލަ މެސެޖުތައް. ކީއްކުރާ ހާޓުތަކެއް އެއީ... ކޮބާ މީގެ މާނައަކީ." ލައިލީގެ ސިކުނޑި ތެރޭ ބޮމެއް ގޮވި ކަހަލައެވެ.

ކުއްލިއަކަށް ލައިލީގެ ހަނދާނަށް އައީ ކިރަން މިރޭ ދެއްކި ވާހަކައެވެ. އޭނާގެ ޠަބީޢަތް ގޯސްވާން ޖެހުނު ސަބަބެވެ. އެކަމާ ގުޅިގެން ތަސްލީމާ ދިން ނަޞޭޙަތެވެ. ހަޤީޤަތް ޤަބޫލުކުރާނޭ ހިތްވަރު ނެތިއްޔާ ރަނގަޅުވާނީ އެކަމާ ކުރިމަތި ނުލުންކަން ތަސްލީމާ ބުންޏެވެ. އަދި ކައިރީގައި އިން ސިޔާ އޭނާއާ މިރޭ ކުރި ސުވާލު ކަންފަތުގައި ގުގުމައިގަތެވެ. ދަރަކްގެ ފޯނު ހާވާލަން ފުރުޞަތެއް ލިބިއްޖެނަމަ ލައިލީ އެކަން ކޮށްފާނަން ހެއްޔެވެ.

(ނުނިމޭ)