ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިތްވަރުން ހިތްވަރު ލިބި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުކުރުމުގެ އަޒުމުގައި ނުކުތުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މިކަމަށް ގޮވާލީ އާ އަހަރުގެ ތަހުނިޔާ ކިޔުމުގެ ގޮތުން އާންމުކުރި ބަޔާނެއްގަ އެވެ.
މިބަޔާނުގައި ބުނެފައިވަނީ މި އަހަރު ފެށިގެން އައީ ދިވެހި ރައްޔިތުންގެ އުއްމީދު، ގައުމުގެ ތަރައްގީގެ ބާނީ ރައީސް ޔާމީންގެ މައްޗަށް ސިޔަސީ ނުފޫޒުން "ހަރާން ހުކުމެއް" ޖަހާ ޖަލުގެ ތޭރިތަކު ތެރެއަށް ލައިގެން އަނިޔާވެރިވަމުން ދަނިކޮށް ކަމަށެވެ.
ރައީސް ޔާމީނަށް "ހަރާން ހުކުމެއް" ޖެހުމުގެ އެންމެ ބޮޑު ބޭނުމަކީ މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަމުގައި ހުންނެވި ރައީސް ސޯލިހް އިތުރު ދައުރަކަށް އިންތިހާބު ވުމަށް ކޮށާ މަގެއްގެ ގޮތުގައިކަން ދިވެހި އެންމެހައި ރައްޔިތުންނަށް ކަށަވަރު ކަމަށްވެސް ބަޔާނުގައިވެ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ރައީސް ސޯލިހްގެ ވެރިކަމުގެ ހަތަރު ނިމުނުއިރު މި ހަތަރު އަހަރަކީ ދިވެހި ރައްޔިތުންނަށް ހިތްދަތިކަމާއި މާޔޫސްކަން އިތުރުކުރުވި ހަތަރު އަހަރު ކަމަށެވެ. މިއަހަރު އިތުރު މާޔޫސްކަން ކުރިމަތިވާނެ ކަމަށް ބުނެ ބައެއް ކަންކަން ބަޔާނުގައި ފާހަގަވެސް ކޮށްފައިވެ އެވެ.
"ރައްޔިތުންގެ ދިރިއުޅުމުގެ އަގު ބޮޑުކޮށް، ރައްޔިތުން އަތުން 8 ޕަސެންޓްގެ ޖީއެސްޓި ނަގާ ތަކެތީގެ އަގުބޮޑުކުރުމުގެ އިތުރުން ރައްޔިތުން ނިކަމެތި ކުރަމުންނެވެ. މި ހުރިހާ ކަމަކުން އަރައިގަނެވެން އޮތީ މިއަހަރު ރިޔާސީ އިންތިޚާބުގައި އިބްރާހީމް ރައީސް އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ފަރާތްތައް ބަލިކޮށް ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނެސްގެން ކަން އެއީ ޔަގީންވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީން ޖަލުގައި ރަހީނުކޮށްގެން ގެންގުޅުނު ނަމަވެސް، އެމަނިކުފާނުގެ ހިތްވަރަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާއެކު، ދިވެހިންގެ ގައުމު ދިވެހީންނަށް އަނބުރާ ހޯއްދަވައިދެއްވުމުގެ އަޒުމުގައި ކަމަށްވެސް ބުނެފައިވެ އެވެ. އަދި ހުރިހާ ރައްޔިތުންވެސް ރައީސް ޔާމީންގެ ހިތްވަރުން ހިތްވަރު ލިބި، މިވެރިކަން ބަދަލުކުރުމުގެ އަޒުމުގައި ނުކުތުމަށްވެސް ގޮވާލާފައިވެ އެވެ.
"އަޅުގަނޑުމެންގެ ދުއާ އަކީ ވީއެންމެ އަވަހަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަންވެވަޑައިގެން، މިއަހަރުގެ ރިޔާސީ އިންތިހާބު ބޮޑު އަޣްލަބިއްޔަތަކުން އެމަނިކުފާނަށް ކާމިޔާބުވެ، މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ސަލާމަތްވާނެ މަގު މާތްﷲ ސުބުހާނަހޫ ވަތައާލާ ތަނަވަސްކޮށްދެއްވުމެވެ." އިދިކޮޅުގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.