ރައީސް މުހައްމަދު ނަޝީދު

ހަތަރު މައްސަލައެއް ފާހަގަކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިދިނުމަށް ނަޝީދު ގޮވާލައިފި

Jan 2, 2023

މިނިވަން އިންސާފުވެރި ރިޔާސީ ޕްރައިމަރީއެއް ބާއްވައިދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން އޮފީހުން އެމްޑީޕީގެ ލީޑަޝިޕަށް ގޮވާލައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވީ ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން މައިގަނޑު ހަތަރު މައްސަލައެއް ފާހަގަކޮށްފަ އެވެ.

ފުރަތަމަ ކަމަކަށް ފާހަގަކޮށްފައިވަނީ އެމްޑީޕީގެ ދަފްތަރު އުނިކުރި މެންބަރުންގެ މައްސަލަ އެވެ. މި ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު ރައުސުލްމާލަކީ ޕާޓީގެ މެންބަރުން ކަމުގައިވާއިރު އިނގިލީގެ ނިޝާން ޖެހި މެންބާޝިޕް ފޯމު ހުށަހަޅާފައި ނުވާތީ އާއި، އެހެން ޕާޓީއެއްގައި ނަން އޮވެގެން ކަމަށް ބުނެ އެމްޑީޕީގެ ދަފްތަރުން 39،398 މެންބަރުން (ޕާޓީގެ ދަފްތަރުގެ 42 ޕަސަންޓް) ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ. މިއީ ރައީސް ނަޝީދަށް ވޯޓު ދިނުން އެންމެ ގާތް މެންބަރުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ހީލަތްތެރި އަމަލެއް ކަމަށާއި މިއީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ މާފަހުން އެކުލަވާލާ ޝަރުތުތަކެއް، މާކުރިއްސުރެ އެމްޑީޕީއަށް ސޮއިކޮށްގެން ތިބި ޕާޓީގެ އެންމެ ސީނިއާ މެންބަރުންގެ މައްޗަށް ތަންފީޒުކުރުމަކީ ބުއްދީގެ މަގުންވެސް، އަދި ގާނޫނުގެ ދަށުންވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ގަނޑުކޮށް އުނިކުރި މެންބަރުންގެ މެންބަޝިޕް އިޔާދަކޮށް، އެމެންބަރުންގެ ސިޔާސީ-މަދަނީ ހައްގުތައް ހިމާޔަތްވާނެ މަގުން، އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ދިނުމަށް މި ކެމްޕެއިނުން ޕާޓީގެ ޗެއާޕާސަނާއި، އިސް އޮފިޝަލުންގެ މައްޗަށް ގޮވައިލަމެވެ،" ބަޔާނުގައިވެ އެވެ.

ދެވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް ނެގި ކޮމިޓީއާ ގުޅޭ މައްސަލަ އެކެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ގައުމީ މަޖިލީހުން މި ކޮމިޓީ އިންތިހާބު ކުރުމުގެ ކުރިން ކޮމިޓީން ކުރަންޖެހޭ މަސައްކަތް ކޮންމެވެސް އެހެން ފަރާތަކުން ކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.

"މިކެމްޕޭނުން ދެކޭ ގޮތުގައި އެއީ އަސާސީ ގަވާއިދާ ހިަލާފަށް ހިންގާފައިވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

ތިންވަނަ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރިޔާސީ ޕްރައިމަރީ އިއުލާންކުރުމުގެ ކުރިން ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ފުރަންޖެހޭ ފޯމު، ރައީސް ސޯލިހްގައި ކެމްޕޭންގައި އުޅޭ މީހުންނަށް ލިބި، އެ ފޯމު މާކުރިން ފުރާފައިވާ މައްސަލަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާންކުރީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު އެެވެ.

ބަޔާނުގައި ބުނެފައިވަނީ އެ ތާރީހުގެ މާކުރިން ރައީސް ސޯލިހްގެ ކެމްޕޭނަށް ފޯމު ލިބި، އެމުއްދަތުގައި ތާއީދު ފޯމުތައް ފުރަމުން ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ރައީސް ސޯލިހްގެ ކެމްޕޭންގެ އިސް ހަރަކާތްތެރިން ތާއީދު ފޯމު ފުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް، ފޮޓޯއާ އެކު އާންމުކޮށްފައިވާ މައްސަަލަ ފާހަގަކޮށްފައިވެ އެވެ.

"މިކަން މިހައި ހާމަކަން ބޮޑުކޮށް ކުރުމުންވެސް، އެކަން ހިންގާފައިވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން އެނގެނީ ހިނގަމުންދާ ޕްރައިމަރީގެ މަސައްކަތުގައި އިންސާފުވެރިކަން ގެއްލިފައިވާ މިންވަރެވެ.،" ބަޔާނުގައި ބުނެފައިވެ އެެވެ.

ހަތަރުވަނަ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭނީ ޕްރައިމަރީ އިއުލާންކުރި ތާރީހު ކަމުގައިވާ ޑިސެމްބަރު 18 ވަނަ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނޭ ޕާޓީގެ މެންބަރުންނަށް އެކަނި ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ތާރީހަށް ދަފްތަރުގައި ނުހިމެނޭ ބަޔަކު ދަފްތަރުގައި ހިމެނި މައްސަލަ އެކެވެ.

"އެތާރީހުގައި [18 ޑިސެމްބަރު] އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ނުހިމެނޭ 457 މީހަކު އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވެ އެވެ. މިކެމްޕޭނަށް ގަބޫލުކުރެވެނީ އެ މީސްމީހުން ދަފްތަރުގައި ހިމަނާފައި އެވަނީ ވާދަވެރި ކެންޑިޑޭޓަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ." ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލަތައް އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ޕޯޓަލް އަދި ސިޓީ މެދުވެރިކޮށް ހުށަހަޅާފައިވާނެ ކަމަށެވެ.