ރައީސް އަބްދުﷲ ޔާމީން

ރ. ފުއްގިރީގެ މައްސަލަ: ރައީސް ޔާމީންއަށް ކުރާ ދައުވާ މާދަމާ

ރ. ފުއްގިރީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ދެން ދައުވާ ކުރަނީ ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ ގެ މައްޗަށެވެ. މި ދައުވާތައް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދެވި އެ ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް މައްސަލައިން ވަނީ ތަނާޒުލްވެވަޑައިގެންފަ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްގާޒީ ޝަކީލު މި މައްސަލައިން ތަނާޒުލްވެ ވަޑައިގަތުމާ ގުޅިގެން ފުއްގިރީގެ މައްސަލަ އާއި ހަވާލުވެވަޑައިގަތީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އެވެ.

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.