އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ އޮޅުވާލުމަށްޓަކައި ޕާޓީގެ އެތައްހާސް މެންބަރުން ވަކިކުރުމަށް ހިންގާފައިވަނީ މުޑުދާރު ވަރަށް ހުތުރު އަމަލެއް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ބޮޑިބަތް ޕާކްގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ 39،000 މެންބަރުން އެހެން ޕާޓީތަކަށް ވެއްދީ އެ މީހުން ކައިރީ އަހާވެސް ނުލައި ވަގަށް ކަމަށެވެ. އެކަން ކުރީ އެމްޑީޕީގެ މިހާރުގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ގުޅިގެން ކަމަށްވެސް ނަޝީދު ތުހުމަތުކުރެއްވި އެވެ.
"އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ނޭދި އޮއްވާ އޭނާ އެހެން ޕާޓީއެއްގައި މި ހިމަނަނީ ކިހިނަކުންތޯ؟ އެއީ އޭނާ އެމްޑީޕީން ކަނޑާލުމުގެ ނިޔަތުގައި އިލެކްޝަންސް ކޮމިޝަންގެ ތެރެއިން އެކަން މިހިންގުވަނީ. އަޅުގަނޑު ދަންނަވާނީ މި ހުންނަނީ ވަރަށް ވަަރަށް ހުތުރު އަމަލުތައް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިރޭވެސް ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން 39،000 މެންބަރުން ކަނޑާލީ ވަގަށް ކަމަށެވެ. އެމީހުންނާ އެކު އެ މީހުންގެ ބަސް އަޑުއަހާނެ ޖުމްލަ 70،000 މެންބަރުންގެ ވޯޓު ސަރުކާރަށް ގެއްލިގެންދާނެ ކަމަށާއި އެއީ ސަރުކާރުން ހިންގި މުޑުދާރު އަމަލުގެ ނަތީޖާ ކަމުގައިވެސް ވިދާޅުވި އެވެ.
"އިންތިހާބަކު ވަގު ހަދައިގެން މޮޅެއް ނުވެވޭނެ. އެހެންނަމަ އަޅުގަނޑު ރައީސް އަރިހު ދަންނަވަން ބޭނުން، 2018ގައި ރައީސް ޔާމީނަށްވެސް މޮޅުވެވުނީސް. ހުރިހާ ވަސީލަތެއް ހުރި. ހުރިހާ ބާރެއް އޮތް. ހުރިހާ ސިޔާސީ ލީޑަރުން ތިބީ ބަންދުގައި. އެހެންނަމަވެސް ނަތީޖާ ނިކުތީ އިދިކޮޅަށް،" އިންތިހާބުގައި ވަގު ހެދުމަށް މަސައްކަތް ނުކުރެއްވުމަށް ރައީސް ސޯލިހަށް ނަސޭހަތްތެރިވަމުން ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 56،164 މީހުންނަށް ލިބިގެންވާ ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފަ އެވެ. މިހާރު މިއޮތް ދަފްތަރަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު މިރޭ ވިދާޅުވީ 56،000 މީހުންގެ ވޯޓުގެ ބޮޑު އަގުލަބިއްޔަތުވެސް އެމަނިކުފާނު ހޯއްދަވާނެ ކަމަށެވެ. އިންތިހާބުތަކުގައި ކާމިޔާބު ލިބޭނީ ވަގު ހެދުމުގެ ބަދަލުގައި ހެޔޮ މަގުގައި ތިބެގެން ކަމުގައިވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ތުހުމަތުކުރައްވާ ގޮތުގައި އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާ 39،000 މެންބަރުންނަކީ އެމަނިކުފާނަށް ވޯޓު ދިނުން އެންމެ ގާތް މެންބަރުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ހީލަތްތެރި އަމަލެކެވެ.
އެމްޑީޕީގެ މެންބަރުންތަކެއް އެ މެންބަރުންނަށް ނޭނގި ކަނޑާލީ ވަގަށް ކަމަށް ރައީސް ނަޝީދު ވިދާޅުވާތީ އެމްޑީޕީން މީގެ ކުރިން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ. އަދި އެކަން ހިނގާދިޔަ ގޮތް ޕާޓީގެ އާންމު މެންބަރުންނަށް އޮޅުން ފިލުވައިދީފައިވެ އެވެ.