ބޮލީވުޑް

"ޔޭ ހޭ މުހައްބައްތޭން"ގެ ރޫހީ 15 އަހަރުގައި ގެއެއް ގަނެފި

ސްޓާ ޕްލަސްގެ ކާމިޔާބު ސިލްސިލާ "ޔޭ ހޭ މުހައްބަތޭން"ގައި ރޫހީ ބައްލާގެ ރޯލު އަދާކުރި ކުޑަ ކުއްޖާ ރޫހާނިކާ ދަވަން އުމުރުން 15 އަހަރުގައި މުމްބައި އިން އަގުބޮޑު ގެޔެއް ގަނެފި އެވެ.

ސަލްމާން ޚާންގެ "ޖެއި ހޯ"ގައި ވެސް މުހިއްމު ރޯލެއް އަދާކުރި ރޫހާނިކާ އިންސްޓަގްރާމް ސްޓޯރީގައި މި ވާޙަކަ ޝެއާ ކޮށްފައި ވެއެވެ.

އުމުރުން 15 އަހަރުގައި އަމިއްލަ ފައިސާއިން ގެޔަށް ގަތުމަށްފަހު ރޫހާނިކާ ވަނީ އޭނާގެ މައިންބަފައިންނަށް ޝުކުރު އަދާކޮށްފަ އެވެ.

"އަމިއްލަ ގެއެއް ގަތުމަކީ އަހަރެންގެ ހުވަފެނެއް. އަހަންނާއި އަހަރެންގެ އާއިލާއަށް މިވަރުގެ ގެއެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. އެހެންވެ މި ވާޙަކަ އެންމެންނާ ޝެއާކޮށްލީ،" ގޭގެ ތަޅުދަނޑިފަތި ހިފައިގެން ހުރި ފޮޓޮއަކާއެކު ރޫހާނިކާ ޝެއާ ކުރި ޕޯސްޓްގައި ލިޔެފައި ވެއެވެ.

މި ފުރުސަތުގައި އޭނާ އެންމެ ބޮޑު ޝުކުރެއް އަދާކުރީ ފޭނުންނަށެވެ. ފޭނުންގެ ލޯބި ނުލިބުނުނަމަ އެހާ ގިނަ ދުވަސްވަންދެން "ޔޭ ހޭ މުހައްބަތޭން"ގައި މަސައްކަތްކުރުމުގެ ފުރުސަތު ރޫހާނިކާ އަށް ނުލިބޭނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

"އަހަންނާއި އަހަރެންގެ މައިންބަފައިން އަހަރެންގެ ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ވަރަށް ޚާއްސަ ޝުކުރެއް މަންމަ އަށް އަދާކުރަން. މަންމައަކީ ހަމަ ހަގީގަތުގައި ވެސް ބޮޑު ޖާދޫގަރެއް. އަހަންނަށް ލިބުނު ހުރިހާ ފައިސާއެއް ވަރަށް ރައްކާތެރިކަމާއެކު އިސްރާފު ނުކޮށް މަންމަ ބަލަހައްޓައިދީ އެ ފައިސާ ޑަބަލްކޮށްދިން،" ރޫހާނިކާ ބުނެފައި ވެއެވެ.

ރޫހާނިކާ އެކްޓިން ކެރިއަރު ފެށީ 2012ގައި ޒީ ޓީވީން ދެއްކި "މިސިޒް ކޯޝިކް ކީ ޕާންޗް ބަހޫއޭން"ގައި އަދާކުރީ އާޝީގެ ރޯލުންނެވެ. އޭގެ ފަހުން ވެސް ބައެއް ޝޯތަކުގައި އޭނާ މަސައްކަތްކުރުމަށްފަހު "ޔޭ ހޭ މުހައްބަތޭން" ގިނަ އަހަރުތަކެއް ވަންދެން ކުޅެފައި ވެއެވެ.