އެކި ގައުމުތަކުގެ ފުލުހުން މީހުން ހައްޔަރުކުރާ ތަފާތު ގިނަ ސަބަބުތައް ހުރެ އެވެ. ބައެއް ފަހަރަށް ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެންނެވެ. އަނެއްބައި ފަހަރަށް ވަރަށް ކުދިކުދި ކުށްތަކުގައި ވެސް މީހުން ހައްޔަރުކުރެ އެވެ. މިފަދަ ބައެއް މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމް އަންނައިރު އަނެއްބައި މީޙުން ކުށްވެރިކުރެވޭ ވަރަށް ހެކި ނެތުމުން ދޫވެ އެވެ.
ނަމަވެސް އާދަޔާ ޚިލާފު ރީތި މީހަކަށް ވެގެން މީހަކު ހައްޔަރުކުރި ވާހަކަ އަޑު އެހިން ހެއްޔެވެ؟ ރީތި މީހަކަށް ވުމަކީ ވެސް ކުށަކަށް ވޭހެއްޔެވޭ؟ އެމެރިކާގެ މި އަންހެން މީހާ ބުނާ ގޮތުގައި އެ ގައުމުގެ އެއާޕޯޓަކަށް ފުރަން ގޮސް ހުއްޓާ ފުލުހުން އައިސް އޭނާ ހައްޔަރުކުރީ މާ ރީތިކަމުންނެވެ.
ހަގީގަތުގައި މިކަން ވީ އެހެނެއް ނޫނެވެ. އޭނާ އެއާޕޯޓަށް ފުރަން ގޮއްސައި ރެސްޓޯރަންޓަކުން ކައިފައި ބިލް ނުދައްކާ ފުރަން ދިޔައީ އެވެ. ފުލުހުން އެމީހާ ހައްޔަރުކުރީ އެހެންވެ އެވެ. ނަމަވެސް އަންހެން މީހާ ބުނަނީ އޭނާއަށް ޓާގެޓްކުރީ އޭނާ ރީތިކަމުން ކަމަށެވެ.
ހެންޑް ބުސްތާމީ ކިޔާ 28 އަހަރުގެ މި ޒުވާން އަންހެން މީހާ ސެޕްޓެމްބަރު 2022ގެ ދުވަހަކު އެއާޕޯޓަށް ފުރަން ގޮސް ހުރެފައި އެތާ ހުރި ރެސްޓޯރަންޓަކުން ކައިގެން ބިލަށް ފައިސާ ނުދައްކާ ދިޔައީ އެވެ. ރެސްޓޯރަންޓުން މިކަން ފުލުހުންނަށް އެންގުމުން ފުލުހުން ދިޔައިރު ބުސްތާމީ އިނީ އެއާޕޯޓުގެ ޗެކް ޕޮއިންޓެއް ކައިރީގައި ހުރި ގޮނޑިއެއްގައި ނިދާފަ އެވެ.
ފުލުހުން ގަބޫލުކުރާ ގޮތުގައި އޭނާ އިނީ ވަރަށް ގަދަޔަށް ރާބޮއި މަސްތުވެފަ އެވެ. ނަމަވެސް ހައްޔަރުކޮށްގެން ގެންގޮސް ޓެސްޓްކުރިއިރު އޭނާގެ ހަށިގަނޑުގައި ރަލުގެ އަސަރެއް ނެތެވެ.
ބުސްތާމީ މިކަމަށް އިންކާރު ކުރެ އެވެ. އޭނާ ބުނަނީ ފުލުހުން އޭނާއަށް ޓާގެޓްކުރީ ފުލުހުންނަށް އޭނާ ވަރުގެ ރީތި އަންހެނަކު ދުވަހަކުވެސް ފެނިފައި ނުވާތީ އެވެ. ނަމަވެސް ފުލުހުން ބުސްތާމީ ހައްޔަރުކޮށްގެން ގެންގޮސް ބެލި ބެލުމުން މީގެ ކުރިން ވެސް އޭނާ ހޯދަން ފުލުހުން މަސައްކަތް ކޮށްފައިވާކަން އެނގުނެވެ. މަންމަ މަރާލިކަމުގެ ތުހުމަތުގަ އެވެ.