ސޮނީ ޓީވީގެ "ބަޅޭ އައްޗޭ ލަގްތޭހޭ 2"ގެ ފޭނުން މި ވަގުތު ވަނީ ވަރަށް މާޔޫސްވެފަ އެވެ.
ޝޯގެ ލީޑް އެކްޓަރު ނަކުލް މެހެތާ ޝޯ އިން ވަކިވުމާ ގުޅިގެންނެވެ. ނަކުލްގެ ބަދަލުގައި ޝޯގައި ލީޑް ރޯލު ދެން ކުޅޭނީ ހިތެން ތޭޖްވާނީ އެވެ. ހިތެން ކުޅެނީ ނަކުލް ކުޅުނު ރާމް ކަޕޫރުގެ ކެރެކްޓާގެ ކޮއްކޮ ލަކަންގެ ރޯލެވެ.
ނަކުލް ވަކިވުމާ އެކު ޝޯގައި ޕްރިޔާގެ ރޯލު ކުޅޭ ދިޝާ ޕަރްމާރް ވެސް ޝޯ އިން ވަކިވާން ވަނީ ނިންމައިފި އެވެ.
އީޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ދިޝާ ބުނީ އަހަރަކަށް ވުރެ ގިނަ ދުވަހު މި ޝޯ ކުޅެފައިވާތީ ޝޯ އިން ވަކިވާން ވަރަށް ދަތި ކަމަށެވެ. ފަސް އަހަރުގެ ކުއްޖެއްގެ މަންމަގެ ރޯލު ކުޅެން ޖެހުމުން ވެސް ޝޯ އިން ވަކިނުވެ ހުރީ އެހެންވެ އެވެ. ނަމަވެސް ދެން ޝޯގައި ދައްކާނީ 20 އަހަރު ފަސް ކަމަށް ވާތީ އެހާ ބޮޑެތި ކުދިންގެ މަންމައެއްގެ ރޯލު ކުޅޭކަށް އަދި އޭނާ އެހާ ހިތްހަމައެއް ނުޖެހެ އެވެ. އެހެންވެ ޝޯއިން ވަކިވާން ނިންމީ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ދުވަސްވީ ދެމަފިރިއެއްގެ ކެރެކްޓާ ކުޅޭކަށް ނަކުލް ވެސް ދިޝާ ވެސް އަދި ހިތްހަމައެއް ނުޖެހެ އެވެ. ދެ މީހުން ޝޯ އިން ވަކިވަނީ އެހެންވެ އެވެ.
ދިޝާގެ ބަދަލުގައި ނީތީ ޓޭލާ އަށް މި ސިލްސިލާގެ ލީޑް ރޯލު ދޭން ހަމަޖެހިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ. "ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ ފުރަތަމަ ސީޒަންގައި ވެސް ނީތީ ބައިވެރިވި އެވެ.
ސިލްސިލާއާ ގުޅުންހުރި މީހަކު ބުނެފައިވާ ގޮތުގައި ނީތީ އަށް މިހާރު މި ޝޯގެ ލީޑް ރޯލު ކުޅެން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ނީތީ އަދި ޝޯ ކުޅެން ސޮޔެއް ނުކުރެ އެވެ.
ނީތީ އަށް މަޝްހޫރުކަން ލިބުނީ އެމްޓީވީގެ "ކޭސީ ހޭ ޔާރިޔާން" އިންނެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ކަލާޒް ޓީވީން ދެއްކި "ޖަލަކް ދިކްލާ ޖާ 10"ގެ ބައިވެރިއެއްގެ ގޮތުގައި ނަށަނިކޮށެވެ.