ދުނިޔެ

އިނގިރޭސިވިލާތުން 2023 ވަނަ އަހަރު ފެށުމާ އެކު ހަމަނުޖެނުންތައް އިތުރުވަނީ

މުސާރަ އާއި އިނާޔަތްތަކާ ގުޅުން ހުރި މައްސަލަތަކުގެ ސަބަބުން މަސައްކަތްތެރިންގެ ހަޅުތާލުތައް އިނގިރޭސިވިލާތުގައި އިތުރުވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ޚަބަރުތައް ބުނާ ގޮތުން އިނގިރޭސިވިލާތުގެ އެކި ދާއިރާތަކަށް -- ޚާއްސަކޮށް ދަތުރުފަތުރަށް 2023 ވަނަ އަހަރުގެ ކުރީކޮޅު ހުރަސްތައް ކުރިމަތިވާނެ އެވެ.

ރޭލްވޭގެ މުވައްޒަފުންގެ އިތުރުން ޕޯސްޓުގައި މަސައްކަތްކުރާ މީހުންނާއި ބަސް ޑްރައިވަރުންނާއި ބޯޑަރު ބަލަހައްޓާ މުވައްޒަފުންނާއި ޓީޗަރުން އަދި ނަރުހުން ވެސް ވަނީ މުސާރައިގެ މައްސަލަތައް ހައްލު ނުވެއްޖެނަމަ އިތުރު ހަޅުތާލުތަކެއް ކުރާނެ ކަމަށް އިންޒާރުދީފަ އެވެ.

އެ މީހުން ވަނީ މީގެ ކުރިންވެސް މަގުތަކަށް ނުކުމެ ޝުއޫރު ފާޅުކޮށް ހިތްހަމަނުޖެހިފައި ތިބިކަން ސަރުކާރަށް ދައްކާފަ އެވެ.

2023 ވަނަ އަހަރަށް އަލިވިލުމާ އެކު އިނގިރޭސިވިލާތުގައި ތަފާތު ދާއިރާތަކުން މަސައްކަތްތެރިން ވަނީ އާ އަހަރަށް މަރުހަބާ ކިޔުމުގެ ބަދަލުގައި ނުތަނަވަސްކަން ދައްކައި އަޑުގަދަކޮށްފަ އެވެ.

ރެއިލް، މެރިޓައިމް އެންޑް ޓްރާންސްޕޯޓް (އާރްއެމްޓީ) ޔޫނިއަންގެ މެމްބަރުން ވެސް ވަނީ މުޅި އިނގިރޭސިވިލާތުގައި އެ މީހުންނާ ގުޅުންހުރި ދާއިރާތަކުގައި ހަޅުތާލުކޮށްފަ އެވެ. އަދި މި ހަމަނުޖެހުންތަކުގައި ހައިވޭތަކުގެ މަސައްކަތްތެރިން ވެސް ވަނީ ބައިވެެރިވެފަ އެވެ.

މިކަމާ ގުޅިގެން މަގުތައް ބަންދުވެ ދިގުދެމިގެން ހިނގައިދާނެ ކަމުގެ ބިރު މުޅި އިނގިރޭސިވިލާތަށް މިހާރު އޮތީ ފެތުރިފަ އެވެ.

ރަޝިއާ،، ޔުކްރޭން ހަނގުރާމައާ ގުޅިގެން މުޅި އިނގިރޭސިވިލާތަށް ހަކަތަ ލިބެން ހުރި ގޮތްތައް ވަނީ އާންމުންނަށް ތަކުލީފަކަށް ވެފަ އެވެ. މީގެ ކުރިން ހެޔޮ އަގުގައި ލިބެންމުންދިޔަ ކާބޯތަކެތީގެ އަގުވެސް ވަނީ އެވްރެޖް މީހުންނަށް ބުރައަކަށް ވެފަ އެވެ.