މޯލްޑިވިއަން

މޯލްޑިވިއަންގެ އާ ދެ ބޯޓު މާދަމާ ރާއްޖެ އަންނަނީ

ރާއްޖޭގެ ގައުމީ އެއާލައިނަށް މުޅިން އަލަށް ގެންނަ ތިން ބޯޓުގެ ތެރެއިން ދެ ބޯޓު މާދަމާ ރާއްޖެ އަންނާނެ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

މި ދެ ބޯޓު ފްރާންސްގެ ޓޫލޯސް އިން ރާއްޖެ އައުމަށް މިހާރު ވަނީ ދަތުރު ފަށާފަ އެވެ. ދެ ބޯޓުވެސް މާދަމާގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނެ ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.

އަވަސްއަށް މައުލުމާތު ދެއްވަމުން އައިލެންޑް އޭވިއޭޝިއަންގެ މާކެޓިން އެންޑް ޕީއާރް އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހު ވިދާޅުވީ އޭޓީއާރް 72600 ބްރޭންޑްގެ ދެ ބޯޓަކީ ވެސް 70 ފަސެންޖަރުންގެ ޖާގައިގެ ބޯޓެއް ކަމަށެވެ.

"މި ދެ ބޯޓަކީ އެންމެ ފަހުގެ އިންޖީނު އަޅާފައިވާ އަދި ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ މުޅިން އާ ދެ ބޯޓު،" މުޝްއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ބޯޓުގައި ބޭނުންކުރާ އިންޖީނުގެ ސަބަބުން ބޯޓަށް ބޭނުންވާ ތެލުގެ އަދަދު މިހާރު ބޭނުންކުރާ ބޯޓުތަކަށް ވުރެ ތިން އިންސައްތަ ކުޑަ ވާނެ ކަމެވެ. އަދި މި ދެބޯޓުގެ މެއިންޓަނަންސް ހަރަދުތައް ގާތްގަނޑަކަށް 20 އިންސައްތަ ކުޑަ ވާނެ ކަމަށެވެ.

މުޝްއިލް ވިދާޅުވީ މި ދެ ބޯޓުގެ އިތުރުން ތިންވަނަ ބޯޓު ވެސް ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށެވެ. އެކަމަކު މިވަގުތު ސީދާ ތާރީހެއް ދަންނަވަން ދަތިކަމުގައި ވިދާޅުވި އެވެ.

"ތިންވަނަ ބޯޓަކީ ވެސް ޖާގައިގެ ގޮތުން ކުޑަ ބޯޓެއް. ވީހާވެސް އަވަހަށް ގެނެވޭތޯ މިދަނީ މަސައްކަތް ކުރަމުން،" މުޝްއިލް ވިދާޅުވި އެވެ.

އަލަށް ގެނެވޭ ދެ ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެތެރޭގެ އުދުހުން ތަކުގަ އެވެ.

މިހާރު ގައުމީ އެއާލައިންގެ ފްލީޓުގައި 50 ފަސެންޖަރުންގެ ޖާގައިގެ ޖުމުލަ އަށް ބޯޓު ހިމެނެ އެވެ. އަދި 37 ފަސެންޖަރުންގެ ސީޓުގެ 2 ބޯޓު ހިމެނެ އެވެ. މީގެ އިތުރުން ޖުމުލަ 11 ސީޕްލޭން އާއި އެއް އެއާބަސް ހިމެނެ އެވެ.