އެމެރިކާގެ ދަތިކުރުންތަކުގައި މުޅި ވެނެޒުއޭލާ ފިތިފައި އޮތް ނަމަވެސް، އެމެރިކާއާ ގުޅުން ބަދަހިކުރެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ އެވެ.
ވެނެޒުއޭލާގެ ރަސްމީ ޓީވީން އާދީއްތަ ދުވަހު ދުރަށް ދެއްކި އިންޓަވިއުއެއްގައި ނިކޮލަސް މަޑޫރޯ ވިދާޅުވީ އެމެރިކާގެ މިހާރުގެ ސަރުކާރާއި އަދި ކުރިއަށް އޮތް ސަރުކާރުތަކާ އެކުވެސް ޑިޕްލޮމެޓިކް ފެންވަރުގައި ގުޅުން ބަދަހިކުރައްވަން ތައްޔާރު ކަމަށެވެ.
އެމެރިކާއާ އެކު ސުލްހަ ގާއިމުކުރުމަކީ ވެނެޒުއެލާއަށް މުހިއްމު ކަމަކަށް ވެއްޖެ ކަމަށްވެސް މަދޫރޯ ވިދާޅުވި އެވެ.
މަދޫރޯ މިހެން ބަސްވިދާޅުވި ސަބަބަކީ އިދިކޮޅު ލީޑަރު ހުއަން ގުއައިޑޯ އިސްވެ އެކުލަވާލި އިންތިގާލީ ސަރުކާރެއް އުވާލުމަށް އިދިކޮޅު ޕާޓީތަކުން ނިންމުމާ ގުޅިގެންނެވެ.
ހުއަން ގުއައިޑޯ އަކީ މަދޫރޯއާ ޚިލާފަށް ހުޅަނގަށް ވަފާތެރި އަދި ހުޅަނގުން ބުނާހާ ގޮތެއް ހައްދަވާ ލީޑަރެއް ކަމަށް ބުނެވެ އެވެ.
ހުއަން ގުއައިޑޯ އަކީ ވެނެޒުއެލާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެވެ. އޭނާ ވަނީ އޭނާއަށް ލިބިވަޑައިގެންފައި ހުރި އިމްތިޔާޒުގެ ދަށުން އޭނާ އަކީ ވެނެޒުއެލާގެ ރައީސް ކަމަށް 2019 ކަނޑައަޅުއްވާފަ އެވެ. އަދި އެމެރިކާ ހިމެނޭ ގޮތުން ހުޅަނގަށް ފޫޅުކެނޑި ބައެއް ގައުމުތަކުން ވަނީ އޭނާގެ މި ދައުވާ ބަލައިގެންފަ އެވެ.
ވޮޝިންޓަނާ އެކު މަޑޫރޯ ގުޅުން ކަނޑާލީ 2019 ވަނަ އަހަރު އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގުއައިޑޯ އަކީ ވެނެޒުއެލާގެ އިންތިގާލީ ރައީސްގެ ގޮތުގައި ބަލައިގަތުމުންނެވެ.
ވެނެޒުއޭލާއާ ދެކޮޅަށް އެމެރިކާއިން އެކި ދާއިރާތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭގެ ތެރޭގައި ތެލުގެ ސިނާއަތް ވެސް ހިމެނެ އެވެ.
މަދޫރޯ ވިދާޅުވި ގޮތުގައި އެމެރިކާއާ އެކު ފަތީ ފެންވަރުގެ މަޝްވަރާތައް ބޭއްވުމަށް ތައްޔާރެވެ. އަދި ހަރުކަށި ސިޔާސަތު ދޫކުރައްވައި ސުލްހައަށް އެދޭ ބައެއް ގޮތުގައި އެމެރިކާ ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މަދޫރޯ ވިދާޅުވި އެވެ.
ރައީސް މަޑޫރޯ މަގާމުން ދުރުކުރުމަށް 2019 ވަނަ އަހަރު -- އިދިކޮޅު ލީޑަރު ހުއަން ގުއައިޑޯ -- އެކުލަވާލެއްވި އިންތިގާލީ ސަރުކާރު އުވާލުމަށް ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު ވަނީ ވޯޓު ދީފަ އެވެ.