މޯލްޑިވްސް ޕޮލިސް ސާވިސް

މުޒާހަރާއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ފުލުހުން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި އެންމެންވެސް ރޭގެ ވަގުތެއްގައި ދޫކޮއްލާފައިވާ ކަމަށެވެ.

އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުވެސް ހައްޔަރުކުރި އެވެ. ޝުޖާއުގެ އިތުރުން ޖުމްލަ ފަސް މީހަކު ރޭ ހައްޔަރުކުރި އެވެ.

އިދިކޮޅު ކޯލިޝަނުން މުޒާހަރާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.

މުޒާހަރާގެ ބައިވެރިންވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފަ އެވެ. އަދި ސަރުކާރު ބައެއް ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދިނުމަށްވެސް ގޮވާފައިވެ އެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ. މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާނެ އެެވެ.