އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން އިއްޔެ މާލޭގެ އެކި ދިމަ ދިމާގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫކޮށްލައިފި އެވެ.
އެ ދެ ބޭފުޅުން ހައްޔަރު ކުރީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޑް ވެކްޝިނާ ބެހޭ ގޮތުން އަޑު އުފުލައި ދަރުބާރުގޭ ކުރިމަތީގައި އިހުތިޖާޖުގެ ކުރަމުން ދަނިކޮށް އިއްޔެ މެންދުރު އެވެ. އެ ދެ ބޭފުޅުން ދޫނިދޫއަށް ގެންގޮސްފައިވަނީ ރެއެވެ. ހޯމަ ދުވަހުވެސް އެ ދެ ބޭފުޅުން ހައްޔަރުކުރި އެވެ. ނަމަވެސް އެ ރޭ ވަނީ ދޫކޮށްލާފައެވެ.
އަބްދުއްރަހީމް އާއި ޝުޖާއުގެ ބަންދަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން އެ ދެ ބޭފުޅުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ކޯޓުން ވަނީ ދޫކޮށްލަން އަމުރުކޮށްފައެވެ. އެއާއެކު އެ ދެ ބޭފުޅުންވެސް ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.
އިދިކޮޅުން މިދިއަ ބުރާސްފަތި ދުވަހަށް ފަހު ސިޔާސީ މަގުމަތީ ހަރަކާތް އިތުރުކޮށް ކޮންމެ ދުވަހަކު ވެސް ގެންދަނީ މާލެ އާއި ބައެއް ރަށްރަށުގައި މުޒާހަރާތައް ކުރަމުންނެވެ. އަދި މާދަމާ މުޅި ރާއްޖޭގައި ފުޅާ މުޒާހަރާއެއް ކުރާނެ ކަމަށް އިދިކޮޅުން ދެ ޕާޓީން ވަނީ ބުނެފަ އެވެ.
އިދިކޮޅުގެ މަގުމަތީ ހަރަކާްތް އިތުރު ކޮށްފައިވާއިރު މިހާރު ވަނީ އަނެއްކާ ވެސް މާލޭ ސަރަހައްދުގައި ކާފިއުގެ ވަގުތުތަކެއް ކަނޑައަޅާފަ އެވެ.