އިބްރާހިމް ޝުޖާއު

ޝުޖާއު ބާރަށު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބާރަށު ދާއިރާއަށް ވާދަކުރެއްވުމަށް އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ނިންމަވައިފި އެވެ.

ޝުޖާއު މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ބާރަށު ދާއިރާއަށް ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.

"އަޅުގަނޑުގެ އިހްލާސްތެރި އެދުމަކީ އަޅުގަނޑުގެ މިމަސައްކަތަށް ތިޔަ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލެއްވުން ދެއްވުމެވެ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވަނީ ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބާރަށު ދާއިރާގެ މެންބަރުކަން ކުރައްވާފަ އެވެ. އަދި 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބުގައިވެސް ބާރަށު ދާއިރާއަށް ވާދަކުރެއްވި އެވެ. ނަމަވެސް އެ ފަހަރު ކާމިޔާބުވާ ގޮތެއް ނުވެ އެވެ.

ޕީއެންސީގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި ޝުޖާއު މިވަގުތު މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ތަމްސީލް ކުރާ ކައުންސިލަރެވެ.

މާލެ ސިޓީ ކައުންސިލްގައި ތިއްބެވި އެހެން ބައެއް ކައުންސިލަރުންވެސް ގެންދަވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެކި ދާއިރާތަކަށް ވާދަކުރެއްވުމަށް އިއުލާންކުރައްވަމުންނެވެ.

ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް ފަހުކޮޅު ނުވަތަ އޭޕްރީލް ކުރީކޮޅު އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަސްމީ ނަތީޖާ ތާރީހް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.