( 1 ޖަނަވަރީ 2023 އާ ގުޅޭ )
ކުއްލިއަކަށް ލައިލީގެ ހަނދާނަށް އައީ ކިރަން މިރޭ ދެއްކި ވާހަކައެވެ. އޭނާގެ ޠަބީޢަތް ގޯސްވާން ޖެހުނު ސަބަބެވެ. އެކަމާ ގުޅިގެން ތަސްލީމާ ދިން ނަޞޭޙަތެވެ. ހަޤީޤަތް ޤަބޫލުކުރާނޭ ހިތްވަރު ނެތިއްޔާ ރަނގަޅުވާނީ އެކަމާ ކުރިމަތި ނުލުންކަން ތަސްލީމާ ބުންޏެވެ. އަދި ކައިރީގައި އިން ސިޔާ އޭނާއާ މިރޭ ކުރި ސުވާލު ކަންފަތުގައި ގުގުމައިގަތެވެ. ދަރަކްގެ ފޯނު ހާވާލަން ފުރުޞަތެއް ލިބިއްޖެނަމަ ލައިލީ އެކަން ކޮށްފާނަން ހެއްޔެވެ.
ލައިލީގެ ހިތުގެ ހިނގުން އަވަސްވިއެވެ. ހިތް ބުނަމުން ދިޔައީ ދަރަކްގެ ފޯނު ބަލަންވީ ކަމެވެ. ނޮޓިފިކޭޝަންއަށް ފިތާލަން ލައިލީ ފޯނުގެ އިސްކުރީނާ އިނގިލި ކައިރިކޮށްލިއެވެ. ނަމަވެސް އެހިނދު ސިކުނޑި އިންޒާރު ދިނެވެ. އެއަށް ފިތާލައިފިއްޔާ ދަރަކްގެ ފޯނަށް އައި މެސެޖު ލައިލީ ބަލައިފިކަން އެނގޭނެއެވެ. ދަރަކްގެ ވަފާތެރިކަމާ ފުށޫއަރާވަރުގެ ކަމަކަށްނުވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ. އިނދެގެން އުޅޭތާ ދެ އަހަރުވެގެން ދިޔައިރު ލައިލީ އެހެން ކަންތައް އެކުރީ ދަރަކްއަށް އިތުބާރު ނުކުރެވޭތީއޭ ހީވާނެއެވެ. ފަހަރެއްގައި ސަމައިރާއަކީ އެންމެންނާ އެފަދަ މޭރުމުން މުޢާމަލާތު ކުރާ ވެރިއަކަށް ވެދާނެއެވެ. އަނެއްކޮޅުން ހަމަ އެހެން ނުވު ވެސް ހިނގައިދާނެއެވެ. ޔަގީން ކުރަންވީ ކޮންގޮތަކަށް ކަމެއް ލައިލީއަކަށް ނޭނގުނެވެ. އެހެންވިޔަސް ފިރިމީހާއަށް ޝައްކުކުރަނީއޭ ހީވާކަށް ވެސް ބޭނުމެއްނޫނެވެ. ހުއްޓުން އަރާފައި ހުރި ލައިލީއަށް ދިރުން އައީ ދަރަކް ހަރަކާތްކޮށްލިތަން ފެނިއެވެ. އޭނާ ނިދީގައި ފުރޮޅިލަން އުޅުނީއެވެ. ހިތްއަވަސްވެފައި ހުރިވަރުން ފޯނު ބާއްވަން އުޅެނިކޮށް ނުވެއްޓުނީ ކިރިޔާއެވެ. އެނދުއަރިމަތީ ކަބަޑުގައި ފޯނު ޖެހުނު އަޑަށް ދަރަކް ލޯ ހުޅުވާލިއެވެ. ހުސިޔާރުކަމާއެކު ދަރަކްއަށް ފެންނަން ވާއިރަށް ލައިލީ ފޯނު ބާއްވައި ދުރަށް ޖެހިލިއެވެ.
"ލައި..." ނިދިބަރު އަޑަކުން ދަރަކް ގޮވާލިއެވެ.
ލައިލީ ވަގުތުން އެނބުރިލީ ކޮޓަރިން ނުކުންނާށެވެ. ނަމަވެސް ދަރަކް ގޮވާލުމުން ހޫން ލައްވާލިއެވެ. ދަރަކްއާ ކުރިމަތިލެވޭ ވަރަށްވުރެ އޭނާ ހުރީ މާބޮޑަށް ހާސްވެފައެވެ.
"ތިއައީތަ؟." ދަރަކް އަހާލިއެވެ.
"އާން. މި އަންނަނީ ފެންފޮދެއް ބޯލައިގެން... ދަރަކް ނިދާލާ." ލައިލީ ބުންޏެވެ. އަދި ދަރަކް އިތުރު ވާހަކައެއް ނުދައްކަނީސް ލައިލީ އަވަހަށް ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ.
"ކާމް ޑައުން... ޖަސްޓް ކާމް ޑައުން... އަހަރެން ކުރީ ގޯސްކަމެއްނޫން. ދަރަކްއަށް ވަގަށް ކަމެއް ކުރީއެއްނޫން." އަވަސްވެފައިވާ ހިތަށް ހަމަޖެހެން ބުނެ މޭގައި ފިރުމަމުން ލައިލީ ވާހަކަދެއްކީ ހިތާހިތުންނެވެ.
* * * * *
އާދައިގެ މަތިން އެހެން ދުވަސްތަކޭ އެއްފަދައިން ދެމަފިރިން އެކުގައި ހެނދުނުގެ ނާސްތާކުރުމަށްފަހު ދަރަކް އޮފީހަށް ދާން ތައްޔާރުވިއެވެ. ފިރިމީހާއަށް ކުރީން ނުބަލާ ނަޒަރަކުން ލައިލީއަށް ބެލެން ފެށިއްޖެއެވެ. އެކަމާ ލައިލީއަށް ހުރެވެނީ މުޅީން ހިތްހަމަޖެހިފައެއް ނޫނެވެ. ދަރަކްގެ ފޯނަށް އައި މެސެޖުގެ މަތިން ހަނދާންނައްތައެއް ނުލެވުނެވެ. އެ މެސެޖެއް ފެނުނު ފަހުން މަހެއް ފާއިތުވީއެވެ. އަދިވެސް ލައިލީ އެ އުޅެނީ ކަރުގައި ކައްޓެއް ޖެހިގެން އެ ނުނެއްޓިގެން އުޅޭ މީހަކު ފަދައިންނެވެ. އެފަދަ އުނދަގޫ އިޙްސާސެއްގެ މަތީ އެކަމަށް ހައްލެއް ނުލިބި ހުންނާކަށް ލައިލީ ނޭދެއެވެ. ކުރިޔަށް އޮތީ އާ އަހަރެވެ. ޝައްކާއި ވަހުމްތަކުން ސަލާމަތްވެ ހުރެ ފިރިމީހާއާއެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކުރާން ލައިލީ ބޭނުމެވެ. އެހެންވެ އޭނާ ގަސްދުކުރީ ސަމައިރާއާ ބެހޭ ގޮތުން ދަރަކްއާ ސުވާލު ކުރާށެވެ. ހަޤީޤަތް އޮޅުން ފިލާނީ އޭރުން ކަމުގައި ލައިލީ ޤަބޫލުކުރެއެވެ.
"މިއަދު ވެސް ލަހުންތަ އާދެވޭނީ. ހަމަ އެހާ ބިޒީތަ؟." ބޫޓަށް އަރައިގެން ދަރަކް ނުކުންނަން އުޅެނިކޮށް ލައިލީ އަހާލިއެވެ.
"އަހަރު ނިމޭ ދުވަސްކޮޅު މަސައްކަތްތައް ދެގުނަވާނެ." ދަރަކް ބުނެލިއެވެ.
"އެކަމަކު މިފަހަކަށް އައިސް ކޮންމެ ދުވަހަކު... ރޭގަނޑު މިހާރު ގެއިން ކަނީއެއް ވެސް ނޫން." ފަސްޖެހުމަކާއެކީ ލައިލީއަށް ބުނެވުނެވެ.
"ސޮރީ ލައި." ދަރަކް ނިކަން އަވަހަށް ބުނެލިއެވެ.
"މިރޭ... މިރޭ ޕްރޯންސް ހަދަން ކަމަށް. އެ ވެސް ފްރިޖްގަ ހުންނަތާ ކިހާ ދުވަހެއް މިވީ. ދުވަސް ހަމަވާންވާއިރަށް ހަދާލަން ކަމަށް." ލައިލީ ބުންޏެވެ.
"އެހެން އިރަކުން." އެޕާޓްމެންޓްގެ ދޮރުގެ ތަޅުގައި ހިފަހައްޓާލަމުން ދަރަކް ބުންޏެވެ.
"ދަ..ރަ..ކް." ވައި އަޑުން ލައިލީއަށް ކިޔާލެވުނެވެ. އެހިނދު ދަރަކް ފަސްއެނބުރި ލައިލީއަށް ބަލާލިއެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިކޮށްލިއެވެ.
"ބުނީމެންނު ޑިޕާޓްމެންޓުން މީހަކު ކުއްލިއަކަށް ކެނޑުނު ވާހަކަ. އޭނާގެ މަސައްކަތްތައް ވެސް މިހާރު ކުރަނީ އަހަރެން. ދެން އަލަށް ގެނައި މީހަކީ އެއްޗެއް އެނގޭ މީހެއްނޫން. އޭނާ ޓްރެއިން ކުރަން ވެސް ހަވާލުވެފައި އޮތީ އަހަންނާ... އެހެންވެ..." ދަރަކް ބުންޏެވެ.
"އެހެންވީމަ ކުރެވޭނެކަމެއް ނޯންނާނެ." ލައިލީ މާޔޫސްކަމާއެކު ބުނެލިއެވެ. ހީވީ ދަރަކް ބުނަން އުޅުނު ޖުމްލައިގެ ބާކީބައި ފުރިހަމަކޮށްލަ ދިނީ ހެންނެވެ. އޭރު ވެސް އޭނާގެ ސިކުނޑީގައި ކުރެހިފައިވީ ސަމައިރާގެ މެސެޖެވެ.
"އެޔެއްނޫން. ކަލޭ އަންހެނެއް ކައިރިއަށް ވަންނަންވެގެން ބަހަނާއެއްކަމުގައި އޮފީސް ހަދަނީ." އަޑުގެ ކޮޅަށް ދަރަކްއާ ދިމާއަށް ހަޅޭލަވައިގަންނަން ލައިލީ ބޭނުންވިއެވެ. ނަމަވެސް ކޮންމެ ލަފުޒެއްވީ ހިތުގެ ތެރޭގައެވެ. އަނދަމުންދާ އަލިފާން ފަދައިންނެވެ. ހިތުގައި ނުބަހައްޓާ ހުރިހާ އެއްޗެއް ގޮވާލެވޭނެނަމަ ކޮންފަދަހޭ ލައިލީ ހިތަށް އަރައެވެ. މާޔޫސްވީވަރުން ދަރަކްގެ ކުރިމަތީ ހުންނާކަށް ވެސް ލައިލީ ބޭނުމެއްނުވިއެވެ. އެނބުރިލި ގޮތަށް އޭނާ އައިސް ހުއްޓުނީ ސިންކު ދޮށުގައެވެ. އޭގައި ހުރި ތަށިތައް ދޮންނަން އޭނާ ފެށީއެވެ. އޭރު ލައިލީގެ ދެ ލޯ ފެންކަޅިވާން ފަށައިފިއެވެ. ކުއްލިއަކަށް ދަރަކް އައިސް ލައިލީގެ ފުރަގަހުން ބައްދާލައިފިއެވެ. ކަނދުރާގައި ބޮސްދީފިއެވެ.
"އައި އޭމް ސޮރީ. ލައި އެކަނިކޮށްލެވޭކަން އެނގޭ. އަހަރެން ވެސް ވަގުތު ހޯދަން މަސައްކަތް ކުރަން. ލައި... ނިއު އިޔާއަށް ޑޭޓަކަށް ދާނަންތަ؟." ލައިލީގެ ކޮނޑުގައި ދަތްދޮޅި ޖައްސާލައިގެން ހުރެ ކަންފަތް ދޮށުގައި މަޑުމަޑުން ދަރަކް ވާހަކަދެއްކިއެވެ. ލައިލީގެ ކަރުނަތައް ހިނދި ވަގުތުން ހިނިތުންވުމެއް އެ މޫނަށް ވެރިވެއްޖެއެވެ.
"ރިއަލީ." ދަރަކްއާ ދިމާއަށް އެނބުރިލީ ގޮތަށް އުފާވެރި ރާގެއްގައި ލައިލީއަށް އަހާލެވުނެވެ. ނިއު އިޔާއަކީ ކިހާ ޚާއްޞަ ދުވަހެއްކަން ލައިލީ ހަނދާނެއް ނުނެތެއެވެ.
"އަހަރެން ކުރީބައިގަ އެރެއަށް ރިޒަވޭޝަން ހައްދާނަން. ސޯ ލުކް ފޯވަޑް ޓު އިޓް." ދަރަކް ބުންޏެވެ. ލައިލީއަށް ލިބުނު އުފާވެރިކަން ނުފޮރުވުނެވެ. ޑިސެމްބަރު އެއްތިރީސް އެއީ އޭގެ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވާނެ ދުވަހެވެ. މިފަހަރުގެ އެނިވާރސަރީއާއި އާ އަހަރާއެކީ ފާހަގަކުރެވުމަކީ ލައިލީގެ ހިތުގައިވީ ޝައްކުތައް ފިލައިގެންދާނޭ ސަބަބެކެވެ.
"ރެޑީވެގެން ހުންނާނީ." ދަރަކްގެ ގައިގާ ބައްދާލަމުން ލައިލީ ބުންޏެވެ.
"ސަންޑޭގަ ތަންކޮޅެއް ކުރީން އަންނާނަން." ދަރަކް ބުންޏެވެ.
"ސަންޑޭ... އެކަމް... އެއީ ޖެނުއަރީ އެކެއްނު. އަހަރެމެންގެ އެނިވަރސަރީއަކީ ތާޓީފަސްޓް." ދަރަކްއާ ދުރަށް ޖެހިލައި ނަޒަރު ސީދާކޮށްލަމުން ލައިލީއަށް ބުނެލެވުނެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ އެ މޫނުން ފާޅުވި އުފާވެރިކަން ގެއްލި ސުވާލުމާކެއް ޖެހުނީއެވެ.
"އެރޭ... އޮފީހަށް ދާން ޖެހޭނެ. މަސައްކަތްތައް ދާގޮތުން ޑެޑްލައިނަށް ނުނިންމޭނެ. އަހަރެންމީ ސެކްޝަން ޗީފް. އަނެއް ދުވަހަށް ހުށަހަޅަންޖެހޭ ހުރިހާ އެއްޗެއް ޗެކު ކުރަން ހުންނާނީ އަހަރެން. އޮފީހުގައި ވެސް އެރޭ އެބައޮތް އިވެންޓެއް." ދަރަކް އިސްއޮބާލިއެވެ.
"އެކަމަކު ފާއިތުވި ދެ އަހަރު ވެސް އަހަރެމެން އެނިވަރސަރީ ފާހަގަކުރީ ޖެނުއަރީގައެއްނޫން." ނުރުހުންވީ ލައިލީއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
"އެރޭ އަހަންނަށް އާދެވޭނެކަމެއް ނޭނގޭ." ދަރަކް މިހެންބުނެ ނުކުންނަން ހިނގައިގަތެވެ.
"ނުވާނެ އެހެނެއް... އެރޭ... އެރޭ ސަމައިރާއާއެކު ވަގުތު ހޭދަކުރަންތަ ދަރަކް ބޭނުންވަނީ." ލައިލީގެ ހިތް ދަރަކްއާ ދިމާއަށް ގޮވައިގަތެވެ. ދެ ލޯ ބޮޑުކޮށްލެވުނީ އަމިއްލަ ނަފްސަށް ލިބުނު ސިހުމުންނެވެ. ހަޤީޤަތުގައި ވެސް އެހެންވެދާނެ ހެއްޔެވެ.
"ބޭނުމެއްނޫން." ކުއްލިއަކަށް ލައިލީ މިހެން ބުނެލި އަޑަށް ދަރަކް ހުއްޓި ބަލައިލިއެވެ.
"އެއްތިރީސް އެއީ އަހަރެމެންގެ އެނިވަރސިރީ. ނިމުނުއިރަކުން ގެއަށް އާދޭ. އަހަރެން މަޑުކުރާނަން." ލައިލީއަށް ބުނެވުނީ ހިސާބެއްގެ ހަރުކަށިކަމާއެކީއެވެ.
"ވެރީންނާއެކީ ތިބެފައި ކުއްލިއަކަށް ގެއަކަށް ނާދޭވޭނެ. މީގެ ކުރީން ވެރީންނާއެކީ އެފަދަ އިވެންޓްތަކުގައި ބައިވެރިވާން ނުޖެހެނީ އަހަރެންގެ ބަދަލުގައި ދާނޭ މީހަކު ހުންނާތީ. ޑިޕާޓްމެންޓްއިން މީހަކު ކެނޑުނީމަ މިހާރު އަހަންނަށް ބައިވެރިނުވެ ހުރެވޭކަށް ނޯންނާނެ. އެކަން ނިންމާފައި އޮފީހަށް ގޮސް މަސައްކަތްތައް ފައިނަލްކޮށްފައި އާދެވޭނީ. އެއީ ކިހާއިރެއްކަން ބުނާކަށް ނޭނގޭ." ދަރަކް ބުންޏެވެ.
"އާދެވޭނޭ އިރެއް ބުނާކަށް ނޭނގެއޭ... ސީރިއަސްލީ ދަރަކް." ލައިލީގެ ނުރުހުން އިންތިހާއަށް ދިޔައެވެ.
"އާން. އިޓްސް ވޯކް... ޖަސްޓް ގެޓް އިޓް އޯވާ ވިތް... ކިހިނެއްތަ ތިއުޅެނީ. ތީ ލައިލީގެ ގޮތެއްނޫން. އަހަންނަށް ވަރަށް ލަސްވޭ. ދަނީ." ދަރަކް ބުންޏެވެ. އަދި ހަލުވިކޮށް ގޮސް ދޮރުން ނުކުމެއްޖެއެވެ.
"ފައިން." އަމިއްލަ ނަފްސަށް އިވޭހާ މަޑުމަޑުން ލައިލީ ބުނެލިއެވެ. އޭނާއަށް ހުރި ދިމާއަށް ދެ ކަކޫ މައްޗަށް ތިރިވެވުނެވެ. އެ މޫނުން ކުލަފަނޑުވެ ހުދުވެގެން އައެވެ.
"ދަރަކް... ދަރަކް އެ ދިޔައީ ހިތްހަމަނުޖެހިގެން ކަންނޭނގެ. ކިހިނެއް މިވީ... އަހަރެން ވެސް ޓިޕިކަލް ހައުސްވައިފްއަކަށް ވީތަ؟. ފިރިމީހާ ބުނާއެއްޗެއް ޤަބޫލުނުކޮށް ޝައްކު ކުރާ އަނތްބަކަށް ބަދަލުވީތަ؟. ކޫސަނި ޝަކުވާކުރަން ފެށުނީތަ؟. ދަރަކް ބިޒީއޭ ބުނީމަ އަހަރެން ކީއްވެ ޤަބޫލުނުކުރަންވީ... މިއަދު ފުރަތަމަ ފަހަރަށް... ދަރަކް އެ ދިޔައީ... އަހަންނަށް ބަލާ ވެސް ނުލާ. ހިނިތުންވުމެއް ވެސް ނުދީ. ދަރަކް އަހަންނަށް ވިސްނައިދޭން މަސައްކަތް ކުރި. އެކަމަކު އަހަރެންގެ މި އިޙްސާސްތައް... ހިތްހަމަނުޖެހުމާއި ގުޅިފައިވީ ޖަޒުބާތުތައް... މި ހުރިހާކަމެއް ފޮރުވަންވީތަ؟. ކައިވެނި... ހަމަޖެހޭ އުފާވެރި ކައިވެންޏެއް ދެމި އޮންނާނީ އޭރުންތަ؟. ކަންކަން ނޭނގޭކަމަށް ހަދާލައިގެން ހީނލަހީނލާ ހުންނަ އަނތްބަކަށްތަ އަހަރެން ވާންވީ. އިޓްސް ފްރަސްޓްރޭޓިން... އިޓްސް ސޯ ފްރަސްޓްރޭޓިން. އެހެންވާންވެއްޖެނަމަ ހިތްދަތިކަމާއި އެކަނިވެރިކަން ނޫނީ އަހަރެންގެ ބައިވެރީންނަކަށް ނުވާނެ. އެކަމަކު... އެކަމަކު އަހަރެންދެކެ ދަރަކް ފޫހިވާކަށް ވެސް ބޭނުމެއްނޫން. މީގެ ކުރީން ދަރަކް ދުވަހަކުވެސް ނުބުނާ އެއްޗެއް އެބުނީ... ކޮންފާޑަކަށް ލައިލީ ތިއުޅެނީ." އަމިއްލަ ނަފްސާ ކޮށްލި ސުވާލެއް ފަދައިން އެންމެ ފަހު ޖުމްލަ ލައިލީއަށް ހިތާހިތުން ކޮށްލެވުނުއިރު އޭނާއަށް ރޮވިއްޖެއެވެ. މޫނުގައި ދެ އަތް އަޅައިގެން ތަޅުންމައްޗަށް ތިރިވެ ލައިލީ އޮތެވެ. ލިބުނު ނުތަނަވަސްކަން ފިލައިގެން ނުދިޔަޔަސް ހިތް ފުރޭންދެން އޭނާ ރުޔެވެ.
ހަމަޖެހޭ ކައިވެންޏެއްގެ މަތީ ހުރި އުފާވެރި އަނތްބެއްގެ ގޮތުގައި ލައިލީ ޤަބޫލުކުރަންފެށިތާ އަދި ގިނަ އަހަރުތަކެއްވީއެއް ނޫނެވެ. އޯގާތެރި ފިރިއެއްގެ ލޯބީގެ ހިޔަލުގައި އޭނާ އުޅެމުން އައީ ރައްކާތެރިކަމާއި މިނިވަންކަމުގައެވެ. ކައިވެނީގެ ފޮނިމީރުކަން އުނިވުމެއްނެތިއެވެ. ވީއިރު ލައިލީގެ މިހާރުގެ ހާލަތާމެދު އޭނާގެ ހިތާއި ސިކުނޑިއާ ސުވާލުކުރިއެވެ. ކާކުކަން ނޭނގޭ ނުވެސް ދަންނަ އަންހެނަކު ފޮނުވާފައި އޮތް މެސެޖަކުން މިހާބޮޑު އަސަރެއް ލައިލީއަށް ކުރަންވީ ކީއްވެ ހެއްޔެވެ؟.
* * * * *
މެންދުރު ފަހެވެ. ލައިލީ ގެއިން ނުކުތީ އޭނާގެ ވަޒީފާއަށް ދާށެވެ. އޭނާއަކީ ހޮޓަލެއްގެ ކަސްޓަމާރ ސާވިސްގައި މަސައްކަތް ކުރާ ސްޓާފެކެވެ. އާންމުކޮށް އިންނަނީ ރިސެޕްޝަންގައެވެ. ނާންނަން ހުރެފައި ވެސް އޭނާ އައީ ގޭގައި އެކަނި ނުވާންވެގެންނެވެ. އޭގެ އިތުރުން ވަޒީފާގައި އުޅޭތާ ހަތަރު އަހަރުވީއިރު އެންމެ ފަހަރަކު ވެސް ސަލާމެއް ބުނެފައި ނުވާތީ އެ ރިކޯޑު އެގޮތުގައި ބާއްވަން ވެސް ގަސްދުކޮށެވެ. މަސައްކަތުގެ މާޙައުލުގައި ވިސްނާ ފިކުރުކުރާނޭ ވަގުތެއް ނުލިބޭނެކަން ލައިލީއަށް އެނގެއެވެ.
"ލައިލީ. ބަނަހެއް އަރުވާލައިގެންތަ ތިއައީ." ލައިލީއާއެކު އާންމުކޮށް މެންދުރުފަހުގެ ޑިއުޓީގައި އިންނަ އަކިޔަލް ބުންޏެވެ. އޭނާ އިނީ ފަރުވާތެރިކަމާއެކު ލައިލީގެ މޫނަށް ބަލާށެވެ.
"ބަނަހެކޭ." ލޯ ހިމަކޮށްލަމުން ލައިލީ ބަލާލިއެވެ.
"ބަނަސް ކައިގެން މޫނު ފުފުނީ." އަކިޔަލްގެ ނަޒަރު ލައިލީއާ ވަކިކޮށްލުމާއެކު ބުނެލިއެވެ. ލައިލީ ޖަވާބެއް ނުދީ ލޯ އަޅާލީއެވެ. އަދި އެނބުރި މަސައްކަތަށް ސަމާލުވެލިއެވެ.
"މޫނުގެ ރީތިކަން ގެއްލޭވަރަށް ރޯން ޖެހުނީ ކީއްވެ؟." އަކިޔަލް އަހާލިއެވެ. މިފަހަރު ލައިލީއަށް ހަރުކަށިކަމެއް ވެރިވިއެވެ. އޭނާ އެ އައީ އެތައް ފަހަރަކު ލޯގަނޑުން މޫނު ބަލާފައެވެ. އެހެންވިޔަސް އަކިޔަލް ވަރަށް ހުސިޔާރެވެ.
"އަހަރެން ހަމަ އެހާ ހުތުރުތަ؟." ސަމާސާގޮތް ދައްކަން ލައިލީ ދެ ކޮލުގައި ދެއަތް ޖައްސާ ފިތާލައި ތުންކޮޅު ނެރިލަމުން އަކިޔަލްއާ ވާހަކަދެއްކިއެވެ. އޭނާ ބަދަލުކޮށްލީ އަވަސް ނަޒަރެވެ.
"ލޯ ކައިރި ތިހުރީ ދުޅަވެފަ. ނޭފަތުގައި އަދިވެސް ރަތްކަން އެބަހުރި." މާބޮޑު އަސަރެއް ނެތް ރާގެއްގައި އަކިޔަލް ބުނެލިއެވެ. އެއީ އާންމުކޮށް އޭނާ ވާހަކަދައްކާ އުޅޭ ފަރުވާކުޑަ ރާގެވެ.
"އާކި... ޔޫ..." ލައިލީ ދެބުމަ ކައިރިކޮށްލިއެވެ.
"އިޓްސް ޓައިމް ފޯ ވޯކް." އަކިޔަލް ނިކަން އަވަހަށް ކިޔާލިއެވެ.
ބްރޭކް ގަޑި ޖެހުމުން "ސްޓާސް އޭރިއާ"އަށް ލައިލީއާއެކީ އަކިޔަލް ވެސް އައެވެ. އޭނާ ކޮފީ ހެދީ ލައިލީއަށާ އެކީއެވެ. ރިސެޕްޝަންގައި ތިބިއިރު އެކި ވާހަކައިގެ ތެރެއިން ލައިލީއަށް ދަރަކްގެ ވާހަކަ ދެއްކުނެވެ. ލައިލީގެ ކޮންމެ ހަރަކާތަކަށް އަކިޔަލް ބަލަނީ ފަރުވާތެރިކަމާއެކީއެވެ. އެހެންނަމަވެސް އޭނާގެ އުޅުމާއި ވާހަކަދެއްކުމުގައި އެއްވެސް ކަމަކަށް އޭނާގެ ޝައުގުވެރިކަމެއް ހުންނަ ކަމަކަށް ފާހަގައެއް ނުވެއެވެ.
"ސޯ... ލައިގެ ހަޒްބަންޑް އަސްލު ވެސް ޗީޓު ކުރީތަ؟." އަކިޔަލް އަހާލިއެވެ.
"ވަޓް... ނޭނގެ ތިކިޔާ އެއްޗެއް." ލައިލީ އަޑުނީވޭ ކަމަށް ހެދުނެވެ.
ލައިލީގެ ޖަވާބުން އަކިޔަލް ޖަހާލީ ހިނިގަނޑެކެވެ. ލައިލީ ދައްކަން ބޭނުންނުވާ ވާހަކައެއް ގަދަކަމުން އޮޅުންފިލުވާކަށް އޭނާ ބޭނުމެއްނޫނެވެ. ލަސްލަހުން ކޮފީ ބޮމުން އޭނާ ދިޔައެވެ. ލައިލީ ގޮނޑިއަށް ހަށިގަނޑު ދޫކޮށްލުމާއެކު ދެއަތް އުރާލިއެވެ. އޭނާ ދެ ލޯ މަރާލިއެވެ. އެއާއެކު އަކިޔަލްގެ ނަޒަރު އެ މޫނަށް އަނެއްކާ ވެސް ހުއްޓުނެވެ. ކުއްލިއަކަށް ލައިލީ ލޯ ހުޅުވާލިއެވެ. އެއާއެކު ނިކަން އަވަހަށް އަކިޔަލްގެ ނަޒަރު ވެސް އެހެން ދިމާއަކަށް އަމާޒުކޮށްލައިފިއެވެ.
"އާކި ދުވަހަކުވެސް އެފެއާއެއް ހިންގިންތަ؟" ޚިޔާލަކަށް ގެއްލި އިނދެ ލައިލީ އަހާލިއެވެ.
"ތިބުނީ..." ލައިލީ މާނަ އެކުރީ ކިހިނެއްކަން ދެނެގަންނަން އަކިޔަލްއަށް ދަތިވިއެވެ.
"ނުކުރަންތަ އެކަހަލަ ކަމެއް." ލައިލީ އަނެއްކާ ވެސް އަހާލިއެވެ.
"އަހަރެން ނުކުރާނޭ ހީވަނީތަ؟." އަކިޔަލް ބުންޏެވެ.
"ކީއްވެ ފިރިހެނުން ޗީޓުކުރަނީ؟." ލައިލީ ސުވާލުކުރިއެވެ.
"މަޖަލަށް." އަކިޔަލް ބުނެލިއެވެ. އެ ޖަވާބާމެދު ލައިލީ އެއްގޮތަކަށް ވެސް ގަޔައެއްނުވިއެވެ.
"ވަރިހަމަތަ އެކަމުގެ ސަބަބުން ރައްޓެހިވެގެން އުޅޭ ކުއްޖާއާއި އަނބިމީހާއަށް ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް." ލައިލީއަށް ވަގުތުން ރައްދު ދެވުނެވެ.
"ހަވާނަފްސުގެ އެދުންތަކާއި ސިއްރުން ނަގާ މަޖަލަށްވުރެ ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ވޭތަ؟. ހަމައެކަނި އެކަމުން ހާސިލުވަނީ ހިތްދަތިކަން އެކަނި ކަމަށްވާނަމަ އެކަކުވެސް އެހެންނެއްނޫޅޭނެ." އަކިޔަލް ބުންޏެވެ.
"އެހެންވިޔަސް ހެޔޮ. އަހަރެން އެކަމަށް ނަފުރަތު ކުރަން." ލައިލީ ބުންޏެވެ.
ދަރަކް ވެސް ސަމައިރާގެ ގާތުން ބޭނުންވަނީ މަޖާކޮށްލަންބާއޭ ލައިލީ ހިތަށް އެރިއެވެ. އެކަމާ ހުރެ އޭނާ މިވަނީ ފިކުރުކޮށްކޮށް ވަރުބަލިވެފައެވެ. ލިބެމުންދާ ހިތްދަތިކަން ހާމަކުރަން ދަތިވެފައެވެ. ރަނގަޅު ވިސްނުމެއްގައި ހުރުމަށްވުރެ ކިރިޔާ ކަމެއްވާއިރަށް ދިމާ އިދިކީއްޔަށް ޚިޔާލުތައް ހިތާއި ސިކުނޑި ތެރޭ ބޮނޑިވެގަނެވެ. އެ ޚިޔާލުތަކާއި ކުރިމަތިލުން ފަސޭހަކަމަކަށް ނުވެއެވެ.
"އަހަރެން ދުވަހަކުވެސް މަޢާފެއް ނުކުރާނަން. އޭނާ ލައްވާ އެއްބަސް ކުރުވާނަން އޭނާ އަހަންނަށް އޮޅުވާލަނީކަން." ކުއްލިއަކަށް ލައިލީގެ އަޑު ތަންކޮޅެއް ބާރުވެލި ގޮތުން އަކިޔަލްއަށް ވެސް ބަލާލެވުނީ އަޖައިބުވެފައެވެ. ހިތުގައި އޮތް އެއްޗެއް ދުލުން ބޭރުކޮށްލެވުނީކަން ލައިލީއަށް ރެއަކާލީ ދެނެވެ.
"ވަޓް..." އަކިޔަލް ބަލަން އިން ގޮތުން ލައިލީ ރަކިވިއެވެ.
"ލައިއަށް ޔަގީންތަ އޭނަ ޗީޓުކުރާކަން." އިރުކޮޅަކު ހިމޭނުން އިނދެފައި އަކިޔަލް އަހާލިއެވެ.
"ޔަގީނެއްނޫން... އެކަމަކު އަންހެނަކު ހިތްތަކާއެކު މެސެޖު ކުރަންވީ ކޮންމާނައެއްގައި. އަނެއްކާ ނިއު އިޔާ ނައިޓްގަ އެހެންޏާ އޭނަ އަހަންނާއެކީ ވަގުތު ހޭދަކުރާނީ. އެކަމަކު މިފަހަރު ކުއްލިއަކަށް އޮފީހުގައި އިވެންޓުތައް ރާވައިފި. މަސައްކަތްތައް އެހާ ގިނަވެއްޖެ. ބިޒީކަމުން ގެއަށް އާދެވޭނެކަމެއް ވެސް ނޭނގެ." ފައްޗަކަށް ލައިލީގެ ހިތަށް ލިބިފައިވާ ނުތަނަވަސްކަމުގެ ޝަކުވާތައް އަކިޔަލްގެ ކުރިމަތީ ބަންޑުންކޮށްލެވުނެވެ.
"ހޫމް... އެހެންވީމަ އެއްވެސް ހެއްކެއްނެތް." އަކިޔަލް ބުންޏެވެ.
"އާން. ނެތް." ތުންދަމާލައިގެން އިނދެ ލައިލީ ބުންޏެވެ.
"އެހެންވީރު ތިކަން ހުއްޓާލަންވީނު. ޔަގީންނުވާކަމެއްގައި ތިވަރުވުން ރަނގަޅެއްނޫން. އެއްވެސް ހެއްކެއް ވެސް ހުރީއެއްނޫން." އަކިޔަލްގެ ޚިޔާލު ފާޅުކުރިއެވެ.
"އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި." ލައިލީ ބުންޏެވެ.
"އެކަމަކު ތިކަހަލަ ކަމެއް ބޮލުގައި އެޅުވީމަ ފިރިހެނުން ވަރަށް ފޫހިވާނެ." އަކިޔަލް ބުންޏެވެ.
"އަހަރެންނެއްނޫން މިއުޅެނީ ޝައްކުކުރެވޭ ގޮތްގޮތައް." އަކިޔަލްއަށް ލައިލީ ލޯ އަޅާލިއެވެ. އެއާއެކު އަކިޔަލް ހޭންފެށިއެވެ.
"އެކަމަކު ބުނަން. ލައި ތިގޮތަށް އޭނާއަށް މާބޮޑަށް ޝައްކުކުރާނަމަ އޭނާ ބްލޭމް ކުރަން ފަށާނީ ހަމަ ލައިއަށް." ހުނުން ހުއްޓާލާފައި އަކިޔަލް ވާހަކަދެއްކީ ނިކަން ސީރިއަސްކޮށެވެ.
ލައިލީއަށް ވެސް އަކިޔަލް އެ ބުނަނީ ކީކޭކަން ވިސްނެއެވެ. ދަރަކްއަކީ ވާހަކަދައްކަން ފަސޭހަ ޒުވާނެއްނޫނެވެ. ވިސްނާ ކަންކަމާއި ހިތުގައިވާ އެއްޗެއް ހުޅުވާފައި އޮތް ފޮތެއްހެން ފެންނާކަށް ނޯވެއެވެ. ދަރަކް އެފަދަ ޝުޢޫރުތައް ހާމަކުރާލެއް މަދެވެ. ޚިޔާލު ތަފާތުވާ ކަންކަމާއި ދެބަސްވާންޖެހޭ ކަންކަމާ ކުރިމަތިލާކަށް ދަރަކް ބޭނުމެއްނުވާނެއެވެ. ލައިލީ ޝަކުވާ ކުރަން ފަށައިފިއްޔާ ދަރަކް ދުރުވެދާނޭކަމުގެ ބިރު ލައިލީގެ ހިތުގައި އެބައޮތެވެ. އެހާތަނުން އޭނާ ލައިލީ ނޫން އަންހެނަކަށް ބަރޯސާވާން ފަށާފާނޭތީ ލައިލީ ނުހަނު ކަންބޮޑުވެފައެވެ.
"ދެމަފިރިންނަށްވެ ތިބެ ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ނުބުނެވުމަކީ އަޖައިބުވާންޖެހޭ ކަމެއް. ލޯބިން ސަމާސާއެއް ކުރުމުގެ ކުރީން ވެސް ވިސްނަންޖެހޭ އެކަމާ އޭނާ ގަޔާވެދާނެތޯ ނޫނީ އަހަންނަށް ކުރެވޭ ކަމަކުން ހިތްހަމަނުޖެހިދާނެތޯ. ކީއްވެތަ ކަންކަން ދެމަފިރިންގެ މެދުގައި ޚިއްޞާ ނުކުރެވެންވީ. ކޮންމެކޮންމެ ވާހަކައެއް ނުދެއްކެންވީ. ހުރިހާކަމެއް ކިޔާ ނުދެވެންވީ. ދެމަފިރިންގެ މެދުގައި ވެސް ސިއްރުތައް އޮންނަން ޖެހޭތަ." ލައިލީއަށް ބުނެވުނެވެ.
"ލައިގެ މުށުތެރޭގައި އޭނާ ބަހައްޓަންތަ ބޭނުންވަނީ. ވަރިވާން ގަސްދުކުރިޔަސް އަހަރެން ލައިގެ ނިންމުމަކަށް ފާޑެއް ނުކިޔާނަން. އެކަމަކު އަހަރެން ބުނާނީ... އުފާވެރި ދިރިއުޅުމެއް ދެ މީހަކު އުޅޭން ބޭނުންވާނަމަ ބޭކާރު ކަންކަމާ ވިސްނުން ދޫކޮށްލާށޭ. އެކަކަށް ވެސް އަނެއްމީހާގެ ހުރިހާކަމެއް ކޮންޓްރޯލެއް ނުކުރެވޭނެ." އަކިޔަލް ބުންޏެވެ.
"ކިހިނެއް އާކިއަށް ތިހާ ރަނގަޅަށް ބުނަން އެނގެނީ." ލައިލީ އަހާލީ އަކިޔަލްއަށް ނަޒަރު ހުއްޓާލައިގެން އިނދެއެވެ. އެހިނދު ދުރުބަލަން އިން އަކިޔަލްގެ ތުންފަތް އެއްފަރާތުން ދެމިލިއެވެ. އެއީ ރިހުން އެކުލެވިފައިވި ފަނޑު ހިނިތުންވުމެކެވެ. އެކަން ލައިލީއަށް ފާހަގަ ކުރެވުނެވެ.
(ނުނިމޭ)