މިނިސްޓްރީ އޮފް އެޑިއުކޭޝަން

ފީލްޑް ޓްރިޕް ދިއުމުގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ހޯދަން އަންގައިފި

ދަރިވަރުން ގޮވައިގެން ފީލްޑް ޓްރިޕް ނުވަތަ މައިދާނީ ދަތުރުތަކަށް ދިއުމުގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ދަރިވަރުންނާ އެކު ކުރާ މައިދާނީ ދަތުރުތަކަކީ ބެލެނެވެރިންނަށާއި، ސުކޫލުތަކުގެ އިތުރުން މިނިސްޓްރީއަށް ވެސް އިތުބާރު ހިފޭ އަދި ރައްކާތެރިކަން ކަށަވަރުކުރެވިގެން ރޭވޭ ދަތުރުތަކެއްކަން ޔަގީންކުރަންޖެހޭ ކަމަށެވެ.

މިގޮތުން މިމަހުގެ އަށްވަނަ ދުވަހު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމާ އެކު ހުރިހާ ސުކޫލުތަކުން ވެސް މައިދާނީ ދަތުރުތަކަށް ދިއުމުގެ ހަތް ދުވަސް ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް ހުށަހަޅައި، ހުއްދަ ލިބިފައިވާ ކަން ޔަގީންކުރުމަށްވެސް އަންގާފައިވެ އެވެ.

އެޑިޔުކޭޝަނުން ނެރުނު ސާކިއުލާގައި ވަނީ މައިދާނީ ދަތުރުތަކަށް ދިއުމަށް ހުއްދަ ހޯދުމަށް ފުރަންޖެހޭ ފޯމުވެސް ހިމަނާފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ތައުލީމީ ނިޒާމުގެ އެންމެ މުހިއްމު އެއް އަސާސް ކަމަށެވެ.

"ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ގަވައިދުތަކެއް މި މިނިސްޓްރީއާއި ސުކޫލްތަކުން ވެސް އެކުލަވާލަން ޖެހެ އެވެ." ސާކިއުލާގައި ބުނެފައިވެ އެވެ.

ދަރިވަރުން ގޮވައިގެން ފީލްޑް ޓްރިޕް ދިއުމުގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސާފައި މިވަނީ މިފަދަ ބައެއް ދަތުރުތަކުގައި ބައެއްް ދަރިވަރުން މަރުވެ، ހިތާމަވެރި ބައެއް ހާދިސާތައް ހިނގާފައި ވަނިކޮށެވެ.