ދުނިޔެ

ޔަމަނުގެ މަސްރަހު ނާމާންވެ ރައީސާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

Jan 22, 2015

ޔަމަން ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހޫތިޔޫން ހަނގުރާމަވެރިން ވެރިރަށުގަައި ބާރުގަދަކޮށްފައި ވަނިކޮށް ރައީސް އަބްދު ރައްބޫ މަންސޫރު ހާދީ އާއި ބޮޑުވަޒީރު ޚާލިދް ބަހާހް އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އާއި ބޮޑުވަޒީރު އަދި ކެބިނެޓް އިސްތިއުފާ ދީފައި މި ވަނީ ހޫތިޔޫން ހަނގުރާމަވެރިންނާއި ސަރުކާރާ ދެމެދު މަޝްވަރާތަކެއް ބޭއްވިތާ އެއް ދުވަސް ފަހުންނެވެ. އެ ބައްދަލުވުމަށް ފަހު ވަނީ ގައުމުގައި ކުރިއަށްދާ ހަމަނުޖެހުންތައް ހައްލު ކުރުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ދެ ފަރާތުން ވެސް އިއުލާނުކޮށްފަ އެވެ.

ސަރުކާރުގެ ތަރުޖަމާނު އޭޕީ އަށް ވިދާޅުވީ ކެބިނެޓް ބުރާސްފަތި ދުވަހު އިސްތިއުފާ ދީފައިވާ ކަމަށެވެ. އެކަމާ ބެހޭ އެއްވެސް ތަފްސީލެއް އޭނާ ދެއްވައިފައެއް ނުވެ އެވެ. ހާދީ އިސްތިއުފާ ދެއްވީ މިކަން އިއުލާނުކުރިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

ބޮޑުވަޒީރު ބަހާހް ސަރުކާރެއް އެކުލަވާލައްވާފައި ވަނީ ސެޕްޓެމްބަރު މަހު ހޫތިޔޫން ހަނގުރާމަވެރިން ވެރިރަށް ސަންއާގައި ބާރުގަދަކޮށްފައި ވަނިކޮށް އދ. މެދުވެރިވެގެން ގާއިމުކުރި ސުލްހައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބޮޑުވަޒީރު އިސްތިއުފާ ދެއްވިކަން އިއުލާނުކުރައްވާފައި ވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ވަރަށް ދަތި އުނދަގޫ ހާލަތުގައި ވެސް މަގާމުގެ ޒިންމާތައް އުފުލާފައި ވާނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވަނީ ހަރުދަނާ ކަމެއް ނެތް އަދި ގާނޫނެއްގެ މައްޗަށް ބިނާވެފައި ނެތް ސިޔާސަތުތަކަކާ އެކު ގައުމު ވެއްޓިދާނެ އަނދަވަޅަކުން ސަލާމަތް ކުރުމަށްޓަކައި ކަމަށެވެ.

"މިހާރު ހިނގަމުންދާ އަދި ހިނގައިފާނެ ކަމެއްގައި ބައިވެރިވާ ފަރާތަކަށް އަޅުގަނޑުމެން ވާން ބޭނުމެއް ނޫނެވެ." ބަހާހް ވިދާޅުވެފައިވެ އެވެ.

ޝިޔައީ ޖަމާއަތެއް ކަމަށްވާ ހޫތިޔޫން އިން ބޭނުންވަނީ އެ މީހުންގެ ސަރަހައްދުތަކުގައި ސިޔާސީ ބާރުވެރިކަން ހޯދުމަށެވެ. އަދި މިހާރުގެ ގަވަރުނަރަކީ ސުންނީ ސައޫދީ އަރަބިއްޔާއާ ގާތް ބޭފުޅެއް ކަމަށް ބުނެ އާ ގަވަރުނަރަކު ހަމަޖެއްސުމަށް ވެސް ހޫތިޔޫން އިން އެދެ އެވެ. އަލްޖަޒީރާ އަށް ލިބިފައިވާ ފޯންކޯލް ރެކޯޑިންއަކުން އެނގޭ ގޮތުގައި ހޫތިޔޫން ހަނގުރާމަވެރިން ހަރަކާތްތެރިވަމުން ދަނީ ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހްގެ އިރުޝާދުގެ ދަށުންނެވެ. – އަލްޖަޒީރާ