ފޮރިން މިނިސްޓްރީ

ސީމެގަށް ސަރުކާރުން ވަނީ ދައުވަތު ދީފައި: ފޮރިން

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރަން ސަރުކާރުން ވާނީ ދައުވަތު އަރުވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ސަރުކާރުން ވަނީ ބައެއް މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސީމެގްގެ ވަފުދެއް އަންނަ މަހުގެ ކުރީކޮޅު ރާއްޖެ ޒިޔާރަތްކުރުމަށް ދައުވަތު ދީފައި ކަމަށެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނެފައިމިވަނީ މިއަދު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޑޭވިޑް ކެމެރަންއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖެއަށް ސީމެގްގެ ވަފުދެއް ޒިޔާރަތްކުރާނެކަން ކެމެރަން އިއުލާން ކުރައްވާފައިވަނިކޮށެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ކެމެރަންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، އަންނަ ފެބްރުއަރީ މަހު ސީމެގް ވަފުދެއް ރާއްޖެ ޒިޔާރަތްކުރާނެ ކަމުގެ ހަބަރު ރައީސް ނަޝީދަށް ކެމެރަން ދެއްވި ކަމަށެވެ. އަދި ސީމެގްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ބަންދުގައި ތިބި ސިޔާސީ ފަރާތްތަކާ ބެހޭ ގޮތުން ރާއްޖޭގެ ސަރުކާރަށް ދޭން ޖެހޭ މެސެޖް ދިނުމަށް ކޮމަންވެލްތުގެ މެންބަރު ގައުމުތަކަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ކެމެރަން ވިދާޅުވެފައިވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވެ އެވެ.

ރާއްޖެއިން ޑިމޮކްރަސީ ނެތެމުންދާ ކަމުގެ ކަންބޮޑުވުން ބައިނަލްއަގްވާމީ މުޖުތަމައުގައި ފާޅުކުރާނެ ކަމުގެ ޔަގީންކަން ކެމެރަން، ރައީސް ނަޝީދަށް ދެއްވާފައިވާ ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާކުރަން ސަރުކާރަށް ބާރު އަޅުއްވާނެ ކަމުގެ ޔަގީން ވެސް ކެމެރަން ވަނީ ދެއްވާފަ އެވެ. އަދި ސީމެގްގެ ވަފުދުގެ ޒިޔާރަތުގައި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ބާރު އަޅާނެ ކަމަށް ވެސް ކެމެރަން ވިދާޅުވި ކަމަށް ތަރުޖަމާނު ވިދާޅުވެ އެވެ.