ފިނިޕޭޖް

މޮޑެސްޓް މައުސްގެ ޑްރަމާ މަރުވެއްޖެ

މޮޑެސްޓް މައުސްގެ ޑްރަމާ އަދި ފައުންޑިން މެމްބަރު ޖެރެމާޔާ ގްރީން އުމުރުން 45 އަހަރުގައި މަރުވެއްޖެ އެވެ. އޭނާ މަރުވެފައިވަނީ ކެންސަރާ ހަނގުރާމަ ކުރުމަށްފަހު އެވެ.

މޮޑެސްޓް މައުސް އިން ޖެރެމާޔާގެ މަރުގެ ހަބަރު ހިއްސާކޮށްފައިވަނީ އާ އަހަރު ފެށުނު ދުވަހު ޖަޒްބާތުން ފުރިގެންވާ ސޯޝަލް މީޑިއާ ޕޯސްޓަކުންނެވެ.

މި ޕޯސްޓްގައި ބުނެފައިވަނީ ޖެރެމާޔާގެ މަރުގެ ހަބަރު ބުނާނެ ފަސޭހަ ގޮތެއް ނެތް ކަމަށާއި މިއަދު އެމީހުންގެ ގާތް ރަހްމެތްތެރިޔާ ޖެރެމާޔާ ގެއްލިއްޖެ ކަމަށެވެ.

ޖެރެމާޔާ ރެސްޓްކުރުމަށް އޮށޯތްތަނައި، ފަނޑުވެގެން ދިޔަ ކަމަށްވެސް ޕޯސްޓްގައި ބުންޏެވެ. އަދި ފޭނުންގެ ފަރާތުން ލިބެމުންދާ ލޯބި ވަރަށް ބޮޑަށް އަގު ވަޒަންކުރާމަށްވެސް ބޭންޑް މެމްބަރުން ބުންޏެވެ.

މި ހަބަރާ ގުޅިގެން މިއުޒިކީ ދުނިޔޭގެ ފަންނާނުން ވަނީ ހިތާމަފާޅުކޮށްފަ އެވެ.

ޖެރެމާޔާއަށް ކެންސަރު ޖެހި ސްޓޭޖް ހަތަރެއްގައި ހުރިކަން ހާމަކޮށްފައިވަނީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.

ޖެރެމާޔާ ވަނީ މީގެ ކުރިން ބައިޕޯލާ ޑިސްއޯޑާ ހުންނާތީ ޑައިގްނޯސްވެސް ކޮށްފަ އެވެ. އަދި 2003 ވަނަ އަހަރު ގަވާއިދުން ކާންޖެހޭ ބޭސްތަކެއް އެކި ގޮތްގޮތަށް ކެއުމުގެ ސަބަބުން ނާވަސް ބްރޭކްޑައުންއެއްވެ ނަފްސާނީ ބަލިތަކާ ބެހޭ ހޮސްޕިޓަލެއްގައިވެސް އެޑްމިޓް ކުރި އެވެ. މިކަމުގެ ސަބަބުން ބޭންޑާވެސް ވަނީ ވަކިވެފަ އެވެ. އަދި 2004 ވަނަ އަހަރު ޖެރެމާޔާ ވަނީ އަލުން ބޭންޑާ ގުޅިފަ އެވެ.

ޖެރެމާޔާ މަރުވިއިރު އަންބަކާއި ހަ އަހަރުގެ ފިރިހެން ކުއްޖެއް ހުއްޓެވެ.