ކާނާ

ޕެޝަން ފުރުޓް: ހަށިގަނޑަށް ބޭނުންވާ ވިޓަމިނުން ފުރިފައި

ސައިޒުން ކުޑަ ނަމަވެސް ޕެޝަން ފުރުޓަކީ ވިޓަމިންތަކުން މުއްސަނދި މޭވާ އެކެވެ. ރާއްޖޭގައިވެސް ހައްދާ އުޅޭ މި މޭވާއަކީ ސިއްހަތަށް ބަލައިގެން އުޅޭ މީހުންގެ މެދުގައި މަގުބޫލު މޭވާ އެކެވެ.

ޕެޝަން ފުރުޓަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ހައްދާ އުޅޭ ވަރަށް އާންމު މޭވާ އެކެވެ. ޖޫސް ގިރުމަށާއި ޑެޒާޓްސް ހެދުމަށް ޕެޝަން ފުރުޓް ބޭނުންކުރެ އެވެ.

ނިއުޓްރިއެންޓްސް

މިއީ ފައިބާ އާއި ވިޓަމިން ސީ އަދި ވިޓަމިން އޭ އިން މުއްސަނދި މޭވާ އެކެވެ. ދަނބުކުލައިގެ އެންމެ ޕެޝަން ފުރުޓެއްގައި 17 ކެލޮރީ ހުރެ އެވެ. މީގެ އެންމެ ޕެޝަން ފުރުޓަކުން މީހަކަށް ދުވާލަކަށް ވިޓަމިން ސީ ބޭނުންވާ މިންވަރުގެ ނުވަ ޕަސެންޓް އަދި ވިޓަމިން އޭގެ އަށް ޕަސެންޓް ލިބެ އެވެ.

ހަށިގަނޑަށް އެއް ދުވަހަށް އަޔަން -- ދަގަނޑު އަދި ޕޮޓޭސިއަމް ބޭނުންވާ މިންވަރުގެ ދެ ޕަސެންޓް އެންމެ ޕެޝަން ފުރުޓަކުން ލިބޭއިރު ދެ ގްރާމް ފައިބާ ލިބެ އެވެ.

ފައިބާ މުއްސަނދި މޭވާއެއް

ޕެޝަން ފުރުޓަކީ ފައިބާ މުއްސަނދި މޭވާ އެކެވެ. ފައިބާއަކީ ހަޖަމުކުރުމުގެ ނިޒާމު ހަރުދަނާކޮށް ގޮހޮރު ދުޅަހެޔޮކޮށްދޭ މާއްދާ އެކެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި ފައިބާ އަކީ ކޮލެސްޓްރޯލް ދަށްކޮށްދީ ހިތް ދުޅަހެޔޮކޮށްދޭ މާއްދާ އެކެވެ.

ޕެޝަން ފުރުޓްގެ ސަބަބުން ހަޖަމުކުރުން ރަނގަޅުކޮށްދޭއިރު ލޭގައި ހަކުރު އެކުލެވޭ މިންވަރު މައްޗަށް ދިއުމުން ދުރުކޮށްދެ އެވެ.

ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ

ވިޓަމިން ސީ އިން މުއްސަނދި ޕެޝަން ފުރުޓަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މޭވާ އެކެވެ.

ޕެޝަން ފުރުޓްގައި ހިމެނޭ ވިޓަމިން ސީގެ ސަބަބުން ބަލިތަކާއި ދެކޮޅަށް ހަށިގަނޑުކުރާ މަސައްކަތް ވަރުގަދަކޮށް ހަރުދަނާކޮށްދެ އެވެ.

ހިތުގެ ދުޅަހެޔޮ ކަމަށް

ޕެޝަން ފުރުޓަކީ ހިތަށް ފައިދާ ހުރި ޕޮޓޭސިއަމް ހިމެނޭ ސޯޑިއަމް މަދު މޭވާ އެކެވެ.

ޕެޝަން ފުރުޓްގައި ހިމެނޭ އޮށްތަކުގައިވެސް ގިނަ އަދަދަކަށް ފައިދާ ހިމެނެ އެވެ. މިއީ ކޮލެސްޓްރޯލް މިންވަރު ދަށްކޮށްދޭން އެހީވެދޭ މާއްދާ އެކެވެ. ސޯޑިއަމް ދަށްވެ ޕޮޓޭސިއަމް މުއްސަނދިވުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ ކަމެކެވެ.

މީގެއިތުރުން ޕެޝަން ފުރުޓަކީ ހަކުރުބަލިން ދުރުކޮށްދިނުމަށް އެހީތެރިވެދޭ މޭވާ އެކެވެ.