އިޒްރޭލުގެ ނެޝަނަލް ސެކިޔުރިޓީ މިނިސްޓަރު -- ގައުމީ ސަލާމަތާ ބެހޭ ވަޒީރު -- އިތަމާރު ބެންގަވީރު، އިރުމަތީ ގުދުސްގައި ހުންނަ މަސްޖިޖުލް އަލްއަގްސާގެ ގޯތިތެރެއަށް ވަދެވަޑައި ގަތުމަކީ ރުޅިވެރިކަން އުފެއްދުމަށް ގަސްދުގައި ހިންގެވި އިހުތިރާމު ކުޑަ އަމަލެއް ކަމަށް އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ޔައީރު ލަޕީދު ވިދާޅުވެއްޖެ އެވެ.
ލަޕީދު ކުރެއްވި ޓްވީޓެއްގައި ވިދާޅެފައި ވަނީ މިއީ ބެންގަވީރާ ބެހޭ ގޮތުން ދުނިޔެ ބުނަމުން ދިޔަ ވާހަކަތައް ކަމަށެވެ. ބެންގަވީރުގެ ގޮތެއްނެތް ސިޔާސަތުގެ ސަބަބުން މުޅި އިޒްރޭލު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށްވެސް ކުރީގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
ބެންގަވީރު މިހާރު ހުންނެވި މަގާމުގެ ގޮތުން މަސްޖިދުލް އަގްސާގެ ގޯތިތެރެއަށް އެއްގޮތަކަށްވެސް ވަދެެވަޑައިގެން ނުވާނެ ކަމަށްވެސް ލަޕީދު ވިދާޅުވި އެވެ.
ބެންގަވީރުގެ އަމަލުތައް -- އިޒްރޭލުގެ މިހާރުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ -- ކޮންޓްރޯލް ނުކުރައްވައިފިނަމަ އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް ލަޕީދު ވިދާޅުވި އެވެ.
ޚަބަރުތައް ބުނާ ގޮތުން ބެންގަވީރު އަގްސާއަށް ވަޑައިގަތީ ވަރުގަދަ ސެކިޔުރިޓީއާ އެކު އަދި ފުލުހުންގެ ހިމާޔަތުގަ އެވެ. ފުލުހުންގެ ހިމާޔަތަށް އެދި އޭނާގެ އޮފީހުން ފުލުންނަށް އަންގާފައި އޮތް ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
ބެންގަވީރާ މެދު ކުރިންވެސް ބުނެވުނީ އޭނާ އަކީ ފަލަސްތީން މީހުން ރުޅިއެރުވެން ހުރި ހުރިހާ ކަމެއްގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. ހުޅަނގު އައްސޭރީ އާއި އަގްސާ މިސްކިތުގައި މީގެ ކުރިންވެސް ހިންގާފައި ހުރި ހުރިހާ ހަމަނުޖެންތަކުގައި ބެންގަވީރުގެ ހައްދުފަހަނައެޅި އަމަލުތައް ވަނީ ފެނިފަ އެވެ.
ބެންގަވީރަކީ ފަލަސްތީނާ މެދު އަބަދުވެސް ހަރުކަށި ފިކުރުގެ ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެކެވެ. ފަލަސްތީން މީހުން އެ މީހުންގެ ބިންތަކުން ބޭރުކުރަން އޭނާ ވަނީ އެތައް ފަހަރަކު ގޮވާލައްވާފަ އެވެ.
ޝައިޚް ޖައްރާހު އަވަށުގައި އަމިއްލަ އޮފީހެއް ކުރައްވައި އެ އޮފީހުގެ ބޭނުންކުރައްވާފައި ވަނީ ވެސް ފަލަސްތީން މީހުން ރުޅިއަރުވައި އެ މީހުންގެ އަމިއްލަ ބިންތަކުން ބޭރުކުރަން ގޮވާލެއްވުމުގަ އެވެ.
ބެންގަވީރު އަގްސާ މިސްކިތަށް ވަޑައިގަތުން އިޒްރޭލުގެ ސިޔާސީ ލީޑަރުންނަށް ކުށްވެރި ކުރެއްވޭނީ އޮތް ބިރެއްގެ ބޮޑުކަމުންނެވެ. އޭނާގެ މި އަމަލު ކުށްވެރިކޮށް ސައޫދީ އަރަބިއްޔާ އާއި ތުރުކީ، ޔޫއޭއީ، އުރުދުން، ފަލަސްތީން އަދި އެމެރިކާ އިން ވެސް ވަނީ ކުށްވެެރިކޮށްފަ އެވެ.
ބެންޖަމިން ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާލެއްވުމަށް ދައުވަތުދެއްވުމުގެ ކުރިން އިޒްރޭލުގެ ސިޔާސީ ލީޑަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގް ވެސް ވަނީ ބެންގަވީރުގެ ހައްދުފަހަނައެޅި އަމަލުތަކަށް އިންޒާރު ދެއްވާފަ އެވެ.
އޭނާ ވިދާޅުވީ ބެންޖަމިން ނަތަންޔާހުގެ ސަރުކާރުގައި ހިއްސާވެ ވަޑައިގެން ބެންގަވީރު ކުރައްވަފާނެ ކަމަކާ މެދު މުޅި ދުނިޔެ ކަންބޮޑުވާ ކަމަށެެވެ. އޭނާގެ ހަރުކަށިކަމާ ހެދި އިޒްރޭލަށް ކެއްސެއް ލިބުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ވެސް ހަރޮޒޮގް ވިދާޅުވި އެވެ.