އެމްޑީޕީ

އެމްޑީޕީ ޕްރައިމަރީގެ ދާއިމީ ލިސްޓަށް 1،091 މީހުންގެ އިތުރުވުމެއް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 1،091 މީހުންގެ އިތުރުވުމަކާއިއެކު ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.

އެމްޑީޕީން އާންމުކުރި ދާއިމީ ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނެ އެވެ. ނަމަވެސް ކުރިން އެމްޑީޕީގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލިއިރު ވޯޓު ލުމުގެ ހައްގު ލިބިފައި އޮތީ 56،164 މީހުންނަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށްޓަކައި ބޭއްވި އިންތިހާބުގައި 94،211 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބުނެވެ. އަދި 48،107 މީހުން އެ އިންތިހާބުގައި ވޯޓުލި އެވެ.

އެމްޑީޕީގެ ދަފްތަރުން 39،910 މީހުން ވަކި ކޮށްފައިވާއިރު، އެ މީހުންނަކީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ އެމްޑީޕީގެ ދަފްތަރުގައި ނެތް މީހުން ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ދަފްތަރުން އުނި ކުރި މެމްބަރުންގެ ތެރޭގައި:

  • ޕީޕީއެމް - 6،357 މެންބަރުން
  • ޖޭޕީ - 3،788 މެންބަރުން
  • އެމްޓީޑީ - 1،543 މެންބަރުން،
  • އެމްޑީއޭ - 3،086 މެންބަރުން
  • އެމްއާރްއެމް - 928 މެންބަރުން
  • އާދަލަތު ޕާޓީ - 1،711 މެމްބަރުން
  • ކޮންގްރެސް ޕާޓީ - 58 މެމްބަރުން
  • އެމްއެސްޑީޕީ - 875 މެމްބަރުން
  • ޑީއާރްޕީ - 389 މެެމްބަރުން
  • އެމްއެންޕީ - 3،845 މެމްބަރުން
  • ޕީއެންސީ - 698 މެމްބަރުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލައްވާފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދު އެވެ. ރައީސް ނަޝީދުގެ ކެނޑިޑޭޓް ނަންބަރަކީ އެކެކެވެ. އަދި ރައީސް ސޯލިހުގެ ކެނޑިޑޭޓް ނަންބަރަކީ ދެއެކެެވެ.

އެމްޑީޕީގެ ރިސާސީ ޕްރައިމަރީ މިމަހު 28 ވަނަ ދުވަހު އޮންނައިރު، އެޕާޓީ ވަނީ ދެ ފެކްޝަނަކަށް ބެހި ބައިބައިވެފަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އިންތިހާބު ކޮމިޓީއެއް ވެސް އައްޔަން ކޮށްފައިވާއިރު، އެކޮމިޓީ އެކުލަވާލާފައިވަނީ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންގެ ބައިވެރިވުން ނެތި އެވެ.