މޯލްޑިވްސް ޕޮލިސް ސާވިސް

އަލަމްގީރުގެ ވީޑިއޯ ގެންގުޅުނު ކަމަށް ބުނި މީހުން ދޫކޮށްލައިފި

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް އެ ވީޑިއޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، ބުލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދި ކަމަށް ބުނާ މީހުން ދޫކޮށްލައިފި އެވެ.

މި މީހުން ދޫކޮށްލައި މައްސަލަ މިހާރު ފުލުހުން ވަނީ ފައިލްކޮށްފަ އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މައްސަލައާ ގުޅޭގޮތުން ލިބިފައިވާ ހެއްކަކީ ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ ހެކިތަކެއް ނޫން ކަމަށް ޕީޖީ އޮފީހާ މަޝްވަރާކުރުމުން އެ އޮފީހުން އަންގާފައިވާ ކަމަށެވެ. އަދި މިދިޔަ ނޮވެމްބަރު މަހުގައި މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލައި ޕީޖީގެ ލަފާގެ މަތިން މައްސަލަ ފައިލްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިއްޖެ ނަމަ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮންނާނެކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

މިއީ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް އެ ވީޑިއޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، ބުލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކުރި މައްސަލައިގައި ހައްޔަރު ކުރި މީހުންނެވެ.

މި މައްސަލައިގައި ފުލުހުން ފަސް މީހަކު ހައްޔަރުކުރި ކަމަށް ބުނި ނަމަވެސް ވަނަވަރު ހާމަކޮށްފައިވަނީ ތިން މީހުންގެ ވަނަވަރެވެ.

ދެ މީހުންގެ މައުލޫމާތު ހާމަނުކުރީ އެ މީހުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުން ދޫކޮށްލުމާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ހައްޔަރުކޮށް މިހާރު ދޫކޮށްލާފައިވާ މީހުންގެ ތެރެއިން ވަނަވަރު ހާމަ ކުރި މީހުންނަކީ ބ. ދަރަވަންދޫ އަކިރި، ހަމްދޫން އަބްދުﷲ (37އ) އާއި، ބ. ދަރަވަންދޫ ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ) އަދި ށ. ފުނަދޫ ސީސްޓަރ، މައުމޫން މޫސާ (41އ) އެވެ.