މޯލްޑިވްސް ޕޮލިސް ސާވިސް

އިންޑިއާގެ ރިހެބުން ގެއްލުނު ދިވެހި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

އިންޑިއާގެ ބެންގަލޫރުގެ ރިހިބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަމުން ދަނިކޮށް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ އިންޑިއާގެ ރިހިބިލިޓޭޝަން ސެންޓަރަކުން ދިވެއްސަކު ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ކަމާ ބެހޭ ފަރާތްތަކާ މައުލޫމާތު ހިއްސާކޮށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ބްލޮސަމްސް ކޮންވަލެސެންޓް ކެއާ ޓްރަސް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ ހދ. ކުޅުދުއްފުށި، ރެޑްކޯސްޓް، އަބްދުﷲ އާލިމް (37 އ) އެވެ.

އެންމެ ފަހުން އާލިމް ފެނިފައިވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު އެވެ. އެދުވަހުގެ ހެނދުނު ރިހެބުން ބޭރަށް ހިނގާލަން ދިއުމަށްފަހު އާލިމް އަނބުރާ އައިސްފައެއް ނުވެ އެވެ.

ރިހިބިލިޓޭޝަން ސެންޓަރުންނާއި، ބެންގަލޫރު ފުލުހުން ވެސް ދަނީ އާލިމް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އާލިމްގެ އާއިލާއިން މީގެ ކުރިން ވަނީ ފުލުހުންނާއި ފޮރިން މިނިސްޓްރީއަށް ވެސް އާލިމް ގެއްލިގެން އުޅޭކަން އަންގާ އެހީއަށް އެދިފަ އެވެ.

އާލިމް ބްލޮސަމްސް ކޮންވަލެސެންޓް ކެއާ ޓްރަސް ރިހިބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަން ފަށާފައި ވަނީ ޑިސެމްބަރު 2021ގަ އެވެ.