ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ހަރަދު 40 ބިލިއަނަށް

ދައުލަތުގެ މިދިޔަ އަހަރުގެ ހަރަދު 40 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުގެ 70 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. 30 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.

މުވައްޒަފުންގެ މުސާރަ އާއި އޮފީސް ހިންގުމަށް މިދިޔަ އަހަރު 28 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ. އޭގެ ތެރެއިން 11 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށެވެ.

ކެޕިޓަލް ހަރަދަށް މިދިޔަ އަހަރު 11.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ތަރައްގީގެ މަޝްރޫއުތައް -- ޕީއެސްއައިޕީއަށް މިދިޔަ އަހަރު 8.8 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. އޭގެ ތެރެއިން ބްރިޖް މަޝްރޫއުތަކަށް 1.6 ބިލިއަން ރުފިޔާ ހޭދަކުރިއިރު ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 1.4 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މަގު ހެދުމުގެ މަޝްރޫއުތަކަށް 825.5 މިލިއަން ރުފިޔާ ހަރަދުކުރިއިރު ބިން ހިއްކުމަށް 784.9 މިލިއަން ރުފިޔާ އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 687.4 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ހަރަދު 2.6 ބިލިއަން ރުފިޔާއަށް އަރައެވެ.

އެހީ އާއި ސަބްސިޑީގެ ގޮތުގައި މިދިޔަ އަހަރު ޖުމްލަ 8.4 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. ސަބްސިޑީއަށް 3.7 ބިލިއަން ރުފިޔާ ހޭދަކުރިއިރު އާސަންދައަށް ކުރި ހަރަދު 1.8 ބިލިއަނަށް އަރަ އެވެ.