ޕީޕީއެމް

ރައީސްގެ ޖަލްސާއާއި އިދިކޮޅުގެ އެއްވުން އެއް ސަރަހައްދެއްގައި އެއް ވަގުތެއްގައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް ރައީސްގެ ކެމްޕޭން ޓީމުން ހާމަކުރީ މިއަދު ހެނދުނު އެެވެ.

މިޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ އާޓިފިޝަލް ބީޗު ކުރިމައްޗަށްވާ ގޮތަށް ހުންނަ އެމްޑީޕީގެ މައި ހަރުގޭގަ އެވެ. ޖަލްސާ ފެށުމަށް ނިންމާފައިވަނީ މިރޭ 9:00 ޖަހާއިރު އެވެ. މިއީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ޖަލްސާ އެވެ.

ރައީސް ސޯލިހް ޖަލްސާއެއް ބޭއްވުމަށް ނިންމަވާ އެކަން އިއުލާންކުރުމާ އެކު އިދިކޮޅު ޕީޕީއެމުން މިހާރު ވަނީ އާޓިފިޝަލް ބީޗުގައި މިރޭ ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. ޕީޕީއެމްގެ ހަރަކާތް ފަށާ ގަޑިއަކީ މިރޭ 8:45 އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މި ހަރަކާތް އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް އިއްޔެގެ ވަގުތެއްގައި މާލެ ސިޓި ކައުންސިލުން ހުއްދަ ދީފައިވާ ކަމަށެވެ. އަދި މި ހަރަކާތުގެ ސަލާމަތީ ކަންކަން ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.

ޕީޕީއެމް އިން މިރޭ އާޓިފިޝަލް ބީޗުގައި ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެއީ "ހަރާމު ހުކުމެއް" ކަމަށް ގޮވާލުމަށާއި ޔާމީން މިނިވަންކުރުމަށް ގޮވާލުމަށެވެ.

ޔާމީން ޖަލަށްލީ ދުވަހުން ފެށިގެން ކޮންމެ ރެއަކުވެސް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އިން ގެންދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ.

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ކަމާ ގުޅޭ ގަވައިދުގައި ވެސް މާލޭގައި ސިޔާސީ ހަރަކާތް ހިންގުމަށް މާލެ ސިޓީ ކައުންސިލަށް އެއްވެސް ހުއްދައެއް ދެވިދާނެ ކަމަކަށް ބުނެފައެއް ނުވެ އެވެ. އެކަމަކު މާލޭގައި އެއްވުމެއް ބާއްވާނަމަ ދުރާލައި ފުލުހުންނަށް އެ އެއްވުމުގެ މައުލޫމާތު ހިއްސާކުރުމަށް ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ.

މާލޭގައި މިހާރު އެއްވުންތަކާއި ޖަލްސާތައް ބޭއްވުމުގެ ހުއްދަ އޮތް ހަމައެކަނި ސަރަހައްދަކީ ވެސް މާލޭގެ ކާނިވާ ސަރަހައްދެވެ. އެހެންކަމުން އާޓިފިޝަލް ބީޗްގައި ޕީޕީއެމްގެ ސިޔާސީ ހަރަކާތެއް ހިންގުމަށް މާލެ ސިޓީ ކައުންސިލުން ހުއްދަ ދިން ގޮތެއް އަދި އެކަމުގައި ބެލި ކަންތައްތަކެއް ސާފުވާ ގޮތެއް ނުވި އެވެ.

މާލެ ސިޓީ ކައުންސިލްގައި އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮތް އިރު ހަމައެކަނި ކާނިވާ ސަރަހައްދުގައި މުޒާހަރާ ކުރެވޭ ގޮތް ހެދީވެސް މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނަވަނިކޮށެވެ.