ރައީސް މުހައްމަދު ނަޝީދު

ފްލެޓް އަޅައިދީ ކުލި ދައްކަން އެލަވަންސް ދޭނަން: ނަޝީދު

އެމްޑީޕީގެ ދެން އުފެެދޭ ސަރުކާރެއްގައި އަވަސް މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ފްލެޓް ބިނާކޮށް ރައްޔިތުންނަށް އުޅެވޭނެ ގޮތް ހަދައިދޭނެ ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވާ ހިޔާ ފްލެޓްތަކުގެ ސަރަހައްދަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވާ ނަޝީދު ވިދާޅުވީ ސަރުކާރުގެ ބަޖެޓުން ނުވަތަ ސަރުކާރުން ލޯނު ނަގައިގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި، ވިޔަފާރި އުސޫލުން ގިނަ އަދަދެއްގެ ފްލެޓްތައް އެއް ފަހަރާ އިމާރާތް ކުރަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ނުދަރާ، ބޯހިޔާވަހިކަން ފޯރުކޮށްދެވެން ޖެހޭނެ ކަމަށެވެ. މިހާރު މި ދައުލަތުގެ އެންމެ ބޮޑު ދަރަންޏަކީ، ހުޅުމާލެއަށް އޮތް ދަރަނި ކަމުގައިވެސް ވިދާޅުވި އެވެ. ޓެކްސް ބޮޑުކުރަން ޖެހިފައިވަނީ ވެސް ސަރުކާރުގެ ދަރަނި އަނބުރާ ދެއްކުމަށްޓަކައި ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"ދައުލަތަށް އެ ދަރަނި އަލުން އެކުލަވާނުލެވި، މިއަދު 2023 ވަނަ އަހަރު މިވަނީ ޓެކްސް ބޮޑުކޮށް، ދަރަނި އަނބުރާ ދެއްކުމަށް ފައިސާ ހޯދަން ޖެހިފައި،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފްލެޓް ކުލި ދައްކަން ދަތިވާ މީހުންނަށް އިނާޔަތެއް ދިނުމަކީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ސަރުކާރުން މިހާތަނަށްވެސް ހަމަޖައްސާފައި ނެތް އިރު، މާލެ ސަރަހައްދުގައި އަދި މި ސަރުކާރުން ފްލެޓްތަކެއް އަޅާފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

ހަމައެކަނި ހުޅުމާލެއާއި މާލެ ކައިރިން ބޯހިޔާވަހިކަން ދިނުމުގެ ބަދަލުގައި މާލެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފްލެޓްތައް އަޅައި، އެ ރަށްރަށުގެ އާބާދީ ބޮޑުކުރަން ޖެހޭ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

"ތުލުސްދޫ، ހުރާ، ހިންމަފުށި، މާލެ އަތޮޅުގައި މިވާ ރައްތައް ތަރައްގީކޮށް ދިރިއުޅުން ބޮޑުކުރަން ޖެހޭ، އާބާދީ ބޮޑުވީމާ، އެރަށްރަށުގެ ރައްޔިތުންނަށް ވެސް ފައިދާ ވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތަށް ހާއްސަކޮށް އެމްޑީޕީއަށް، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ.

"ދައުލަތުގެ މާލިއްޔަތަށް ބުރަނުވެ ދައުލަތް ނުދަރާ މިކަންކަން ކުރެވެން އޮންނަ އުސޫލުން ކުރަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިއަދު ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަތުމުން ބަޔަކު ވަނީ އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާކޮށްފަ އެވެ. އަދި އެތަނުގައި ހުރި އަންހެނަކަށް ބަޔަކު ހަމަލާވެސް ދީފައިވެ އެވެ.