ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރައްވާނެ "ވިނިން ކެންޑިޑޭޓް" ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.
މީކާއިލް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލުމާ ހަމައަށް ރައީސް މުހައްމަދު ނަޝީދު އަރިހުގައި އެމަނިކުފާނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި މިސަރުކާރުގެ ބައެއް ސިޔާސަތުތަކަށް މީގެކުރިން މީކާއިލް ވަނީ މަޖިލީހުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަވެސް ދައްކަވާފަ އެވެ.
ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފުރަތަމަ ޖަލްސާގައި މިރޭ ވާހަަކަދައްކަވަމުން މީކާއިލް ވިދާޅުވީ އޭނާ ހުންނެވީ ޕްރައިމަރީވެސް ރިޔާސީ އިންތިހާބުވެސް ޔަގީންކަމާ އެކު ކާމިޔާބު ކުރައްވާނެ ކެންޑިޑޭޓާ އެކު ކަމަށެވެ.
ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން މީކާއިލް ވިދާޅުވީ ރައީސް ސޯލިހަކީ އެމްޑީޕީގެ އަސާސްތައް ހިފަހައްޓަންޖެހޭ ކަމަށެވެ. އެކަން ކޮށްދެވޭނެ ބޭފުޅަކީ ރައީސް ސޯލިހް ކަމަށް ޔަގީންކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް ނަޝީދަށް ބަހުގެ ހަމަލާއެއް ދެއްވަމުން މީކާއިލް ވިދާޅުވީ ޕްރައިމަރީ ބާއްވަނީ ޕާޓީގައި ހުރި އެންމެ ކަމުވޮށިގެންވާ ބެފުޅަކު ހޮވަން ނޫން ކަމަށެވެ.
"އެމްޑީޕީގެ ޕްރައިމަރީ ބާއްވަނީ އެންމެ ރީތި، އެންމެ ގާތް، އެންމެ ކަމުވޮށިވެގެންވާ އާއިލާއެއްގެ މީހަކު ހޮވާކަށް ނޫން، ޕާޓިއަށް އެންމެ އެކަށޭނަ، ކާމިޔާބު ވާނެ ކެންޑިޑޭޓަކު ހޮވަން ޕްރައިމަރީ ބާއްވަނީ،" މިކާއީލް ވިދާޅުވި އެވެ.
އެމްޑީޕީ އަކީ ހިޔާލުފާޅުކުރުމާއި ފާޑުކިޔުމަށް ޖާގަ ދޭ ޕާޓީއެއް ކަން ފާހަގަކުރައްވާ މީކާއިލް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގައި އެމަނިކުފާނު އައްޔަންކުރައްވާފައި ތިއްބެވި ބޭފުޅުން އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ފާޑު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެކަމުންވެސް އެނގެނީ ފާޑުކިޔުމަށް އޮތް ފުރުސަތު ކަމަށާއި ނަމަވެސް އެކީގައި ނުތިބެވޭ ވަރަށް އަދި ޕާޓީގެ އުސޫލުތައް މުގުރޭ ވަރަށް ފާޑު ކިޔައިގެން ނުވާނެ ކަމުގައިވެސް ވިދާޅުވި އެެވެ.
"ރައީސް ސޯލިހުގެ ވެރިކަމުގައި މި ދެންނެވި ގޮތަށް ފާޑުކިއުމާއި، ފާރަވެރިވުމަށް ފުރުސަތު އޮތް ކަން އެނގިގެން އެބަދޭ،" މީކާއިލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހުރިހާ ވިސްނުމެއް އެއްކުރެވޭނެ ކެންޑިޑޭޓަކާ އެކު އެމްޑީޕީ ކުރިއަށް ދާންޖެހޭ ކަމަށާއި އެކަންވެސް ކުރެއްވޭނީ ރައީސް ސޯލިހަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ޖަލުގޮޅީގެ ބިރު ދައްކާ އެތައް ކަމެއް މާޒީގައި ތަހައްމަލް ކުރަންޖެއްސި ކަމަށާއި ދެން އެކަން ތަހައްމަލް ކުރަން ބޭނުން ނުވާ ކަމަށެވެ.