ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެން ވާދަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ފެއިލްވެފައި ހުރި މިންވަރު ހެއްކާއި މިސާލާ އެކު އޮޅުންފިލުއްވައިދެއްވާ ނަޝީދުގެ ވާހަކަތަކަށް ވަރުގަދައަށް "ރިއެކްޓް" ކުރައްވައިފި އެވެ. އެކަމަކު ރައީސް ސޯލިހްގެ ވާހަކަފުޅުގައި އެއްވެސް ފަހަރަކު ރައީސް ނަޝީދުގެ ނަން ވިދާޅުވެފައެއް ނުވެ އެވެ.
ރައީސް ސޯލިހަށް އެމްޑީޕީގެ ޕްރައިމަރީވެސް އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުވެސް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވާތީ ރައީސް ސޯލިހުގެ ބައިވެރިވެވަޑައިގެންނެވި ކެމްޕޭންގެ ފުރަތަމަ ޖަލްސާގައި ރައީށް ވާހަކަފުޅު ފެއްޓެވީވެސް ނަޝީދަށް ވަރުގަދަ އަށް ރިއެކްޓް ކުރައްވަމުންނެވެ. އެގޮތުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތީ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވައިގެން ކަމަށެވެ. އަދި އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ފަސް ދައުރު މަސައްކަތް ކުރެއްވީ ވެސް ރައްޔިތުންގެ ވޯޓުން އިންތިހާބުވެގެން ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ނިކުމެ މިހުރީ ތަޖުރިބާ ތަކަކާ އެކު. ރައްޔިތުންގެ ވޯޓުން ހަ އިންތިހާބު އަޅުގަނޑު ކާމިޔާބުކޮށްފިން. މަޖިލީހުގައި ފަސް ދައުރު މަސައްކަތް ކުރެއްވުމަށްފަހު ރިޔާސީ އިންތިހާބުވެސް އަޅުގަނޑު މިހުރީ ކާމިޔާބުކޮށްގެން. ރައްޔިތުންގެ ވޯޓު ހޯދާނެ ގޮތުގެ ފޯމިއުލާ އަޅުގަނޑަށް ވަރަށް ސާފު،" ނަޝީދަށް ހޫނުކޮށް ރައްދުދެއްވާ "ރިއެޓް" ކުރައްވަމުން ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 25 ޕަސަންޓް ވޯޓު ކަމަށާއި ކޯލިޝަނެއް ހައްދަވައިގެން ދެވަނަ ބުރު ކާމިޔާބު ކުރެއްވި ނަމަވެސް ވެރިކަމަށް ވަޑައިގެން ކޯލިޝަން ހިފެހެއްޓެވުނީ އެންމެ ދެ މަސް ދުވަހަށް ކަމުގައިވެސް ވިދާޅުވި އެވެ. އޭގެފަހުން 2013 ވަނަ އަހަރު ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 48 ޕަސަންޓްގެ ވޯޓު ލިބިވަޑައިގެންފައި ވަނިކޮށް އެ އިންތިހާބުގައި ފެއިލްވީ ނަޝީދަށް މީހުންނާ އެކު އުޅެން އެނގިވަޑައިނުގަންނަވާތީ ކަމަށް ދޭހަވާ ގޮތަށް ވިދާޅުވެ ރައީސް ވަނީ ނަޝީދަށް ރައްދު ދެއްވާފަ އެވެ. އޭގެފަހުގައި ރައީސް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީވެސް ރިޔާސީ އިންތިހާބުވެސް އެމަނިކުފާނު ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމުގައި ވިދާޅުވި އެވެ.
ނަޝީދަކީ ފްލެޓް އަޅައިދޭ "ފްލެޓް ދޮންބެ" ކަމާއި ރައީސް ސޯލިހަށް މިވެރިކަމުގައި އަދި އެއްވެސް ފްލެޓެއް އެޅިފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާތީ ރައީސް ސޯލިހް ވަނީ އެކަމަށްވެސް ރައްދުދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ހަގީގަތެއް ނެތް ވާހަކަތައް ނަޝީދު ދައްކަވަމުން ގެންދަވަނީ މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ރަނގަަޅަށް އެނގިވަޑައިގެން ހުންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަކީ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ވަކިކޮށް، ކަނޑަޖަހާ މިވެރިކަމުގައި ހަވާލުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު އެކަން ކުރާނީ ކުރެންދޫ ރައްުޔިތުންނަށް ކަނޑުން އެއްހާސް ގޯތި ދިން ގޮތަކަށް ނޫން،" ކުރެންދޫ ރައްޔިތުންނަށް އެއްހާސް ގޯތި ކަނޑުން ދެވިދާނެ ގޮތެއް އެބައޮތް ކަމަށް ވިދާޅުވެ ނަޝީދު ކުރިން ދެއްކެވި ވާހަކަފުޅަކަށް ރައްުދުދެެއްވާ ރައީސް ވިދާޅުވި އެވެ. ކުރެންދޫއާ ގުޅުވައިގެން ރައީސް ސޯލިހް މިސާލެއް ދެއްކެވި އަނެއް ސަބަބަކީ މިސަރުކާރުން ދޫކުރާ ގޯތިތައް އޮތީ ކަނޑުއަޑީގައި ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށްވެސް ރައްދު ދެއްވަމުންނެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މާލެ ސަރަހައްދުގައި 8،882 ފްލެޓް އެޅުމުގެ މަސައްކަތް އަމަލީ ގޮތުން ހިނގަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުގައި 16،000 އެއްހާ ފްލެޓްގެ މަސައްކަތް އެކި މަރުހަލާގައި ހިނގަމުންދާ ކަމަށެވެ. އެއްވެސް ސަރުކާރަކަށް އެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނިންމުމަށްފަހު ރައްޔިތުން ފްލެޓްތަކަށް ވެއްދިފައި ނެތް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިސަރުކާރުން އަޅަމުންދާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކަށް މިވެރިކަމުގައި މީހުންނަށް ވަދެވޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި މަސްވެރިންނަށް ހަމަ އަގު ހޯއްދަވައިދެއްވި ކަމަށް އެމަނިކުފާނު އާންމުކޮށް ވިދާޅުވާތީ ރައީސް ސޯލިހް މިރޭ ވަނީ ނަޝީދުގެ ވެރިކަމުގައި އެކަން ކުރެއްވި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރިއެޓްކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އޭރު މަސް ކިލޯއެއް 26 ރުފިޔާއަށް ގަތުމުގައި އަމަލުކުރި ގޮތަށް އެމަނިކުފާނަށް މިވެރިކަމުގައި ރިޔާސީ އިންތިހާބާ ދިމާކޮށް މަސްވެރިންގެ އަތުން މަސް ގަނެވިދާނެ ކަމަށެވެ. ނަމަވެސް އޭރު 26 ރުފިޔާއަށް މަސް ކިލޯ ގަތީމާ މަސް ޓަނަކުން 290 ޑޮލަރުގެ ގެއްލުންވަމުން ދިޔަ ކަމުގައި ރައީސް ވިދާޅުވި އެވެ.
މަސްވެރިން ބާނާ މަހަށް ހަމައަގު ލިބޭނީ ރޯމަސް ރާއްޖެއިން ބޭރުކުރުމުގެ ބަދަލުގައި ވެލިއުއެޑް ނުވަތަ މަހުގެ އެކި އުފެއްދުންތައް އުފައްދައިގެން އެކްސްޕޯޓްކޮށްގެން ކަމަށް ނަޝީދު ވިދާޅުވާތީ އެކަމަށް ވެސް ރައީސް ރިއެކްޓް ކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން 50 ޓަނުގެ ފެލިވަރު ފެކްޓަރީ 15 ޓަނަށް ކުޑަކޮށްލެވި ކަމަށެވެ.
"ދެން ކިހިނެއްތޯ ވެލިއުއެޑް ކުރާނީ،" ނަޝީދުގެ ވެރިކަމުގައި މިފްކޯ ދެބައިކޮށްލި މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން އިނގިރޭސިވިލާތާއި ޔޫރަޕަށް އެތެރެކުރާ މަހަށް ބޮޑު ޑިއުޓީއެއް ނަގަމުން ދިއުމަކީ ދިވެހި ސަރުކާރުން މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. މިމައްސަލަ ހައްލުކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނަވައިގެން މަސައްކަތްތަކެއް ކުރައްވާތާ ދުވަސްތަކެއް ވެއްޖެ އެވެ.
ސަރުކާރުން މިމަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ މަހުގެ ތެރޭގައި ރައީސް ނަޝީދު ވަނީ ކުރިއަށް ދެ މަހެއްގެ ތެރޭގައި ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ޑިއުޓީ ކަނޑާލާނެ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. ރައީސް ނަޝީދުގެ މި ވާހަކަފުޅަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވަނީ އެ މަސައްކަތުގެ "ކެރެޑިޓް" ނެންގެވުމަށް ނަޝީދު މަސަައްކަތް ކުރައްވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. ނަމަވެސް އެއީ މިނިސްޓަރު ޝާހިދު މިދިޔަ ދުވަސް ތަކުގައި ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށް ރައީސްގެ ވާހަކަފުޅުން އެނގިގެން ދިޔަ އެވެ.
"އެކަން މިއިންނެވި އަބްދުﷲ ޝާހިދު ކުރައްވާ ނިންމެވި ހިސާބުން މިހާރު އެ ވިދާޅުވަނީ މިއަންނަ މަހު އެކަންވާނެއޭ. ޝާހިދު ކުރެއްވީ ދެން ކޮން ކަމެއްތޯ،" ޝާހިދު އަށް އިޝާރަތް ކުރައްވާ ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ އެޅުއްވި ކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަމުގެ ހަގީގަތްތައް ވެސް ރައީސް މިރޭ ވަނީ ހާމަކޮށްދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި ފެނުގެ ނިޒާމު ގާއިމުކުރުމަށް ސޮއިކުރައްވާފައިވަނީ އެންމެ މަޝްރޫއެއްގައި ކަމަށާއި ފެނުގެ ނިޒާމު ގާއިމުކުރެވުނީ އެންމެ ރަށެއްގައި ކަމަށެވެ. ނަޝީދުގެ ވެރިކަމުގައި ނަރުދަމާ ގާއިމުކުރުމަށް ސޮއި ކުރެއްވީ އެންމެ އަށް ރަށުގައި ކަމަށްވެސް ވިދާޅުވި އެވެ.
"2018ގައި އަޅުގަނޑުމެން ވެރިކަމަށް އައިސް 141 އެއް ރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް އެދަނީ ކުރިއަށް. އެކަން ކޮށްފައި އަޅުގނޑު ނިކުމެ މިހުރީ،" ވަރަށް ޖޯޝާއި ފޯރީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް މަލާމާތުގެ ބަހެއްވެސް ރައީސް ސޯލިހް މިރޭ ނުސީދާކޮށް ރައްދުކުރެއްވި އެވެ. ރައީސް ނަޝީދު ފަސް އަހަރުގެ ދައުރަކަށް ވެރިކަމަށް އިންތިހާބު ކުރުމުން ތިން އަހަރު ފަހުން އިސްތިއުފާ ދެއްވާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އަޅުގަނޑު ވެރިކަމާ ހަވާލުވަނީ އެއް އަހަރު، ދެ އަހަރު އަދި ތިން އަހަރަށް ނޫން ކަމަށާއި ފަސް އަހަރު ވެރިކަން ކޮށްދެއްވުމަށް ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަން ކުރައްވާނީ ހުރިހާ ރައްޔިތުންގެ އަޑުއައްސަވައިގެން ހުރިހާ ރައްޔިތުންގެ ހައްގުތައްވެސް ލިބޭކަން ކަށަވަރުކުރައްވައިގެން ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.