ކޯޗު އާސެން ވެންގާ އަށްވުރެ ހުރިހާ ގޮތަކުން އޭނާ އަށް ކަމުދިޔަ ކޯޗަކީ ހޯސޭ މޮރީނިއޯ ކަމަށް އާސެނަލްގެ ކުރީގެ ކެޕްޓަން އަދި މިހާރު އެމެރިކާގެ ނިއުޔޯކް އެފްސީގެ ކޯޗު ޕެޓްރިކް ވިއޭރާ ބުނެފި އެވެ.
އޭނާ އަށް އެންމެ ކަމުދާ ފުރަތަމަ 11 ކުޅުންތެރިންނާއި ކޯޗަކީ ކޮބާތޯ އެހުމުން ވިއޭރާ ނަގާފައިވަނީ މޮރީނިއޯ އެވެ.
"ހޯސޭ (މޮރީނިއޯ). އޭނާ އަކީ އަހަރެންނަށް އޭނާ ވަރަށް ކަމުދިޔަ ކޯޗެއް. ކީއްވެ؟ ސަބަބަކީ އޭނާ އަކީ އޭނާގެ މަސައްކަތުގެ އަހުލާގުގެ ސަބަބުން އަހަންނަށް ވަރަށް ކަމުދިޔަ މީހެއް. އޭނާ އަށް އެނގޭނެ އިދިކޮޅު ޓީމުގެ ހުރިހާ އެއްޗެއް. އިދިކޮޅު ޓީމުގެ ރަނގަޅު ކަންތައްތަކާއި ގޯސްކަންތައްތައް. އޭނާ (ކިޔައިދޭ މައުލޫމާތުގެ) ތަފްސީލުތައް ވަރަށް ކަމުދޭ. ކޮންމެ ކުޅުންތެރިއެއްގެ ކިބައިން އޭނާ ބޭނުންވާ ކަންކަން ވަރަށް ސާފުކޮށް އެނގޭނެ. އަހަންނަކަށް ނޭނގެ ޗެލްސީގައި ވީކިހިނެތް ކަމެއް. އެކަމަކު އޭނާ އަކީ އަބަދުވެސް އޭނާގެ ކުޅުންތެރިން ލައްވައި އެމީހުންގެ މޮޅު ކުޅުން ކުޅުވަން އެނގޭ މީހެއް،" ފްރާންސްގެ ކުރީގެ ކެޕްޓަން ބުންޏެވެ.
ވިއޭރާ ބުނީ މޮރީނިއޯއާ ހިލާފަށް ވެންގާ ވިސްނަނީ އަމިއްލަ ޓީމަށް އެކަނި ކަމަށެވެ.
"އާސެން (ވެންގާ) އަކީ އޭނާގެ ޓީމަށް ބޮޑަށް ކޮންސަންޓްރޭޓް ކުރާ މީހެއް. އޭނާ ދޭން އޭނާގެ ކުޅުންތެރިންނަށް އެމީހުންގެ ކުޅުން ދައްކާލަން ވަރަށް ބޮޑަށް ފްރީޑަމް. އެއީ ތަފާތު ސްޓައިލެއް،" ވެންގާގެ ކޯޗުކަމުގައި ގިނަ ކާމިޔާބީތަކެއް ހޯދި ވިއޭރާ ބުންޏެވެ.
އުމުރުން މިހާރު 39 އަހަރުގެ ވިއޭރާ އަކީ 1996 ވަނަ އަހަރު އާސެނަލް އަށް ވެންގާ ގެންދިޔަ ކުޅުންތެރިއެކެވެ. އޭގެ ފަހުން އާސެނަލްގެ ކެޕްޓަން ބޭންޑް ވެސް އެޅި ވިއޭރާ ވަނީ ނުވަ އަހަރު ތެރޭގައި އާސެނަލް އަށް ހަތް ތަށި ކާމިޔާބުކޮށްދީފަ އެވެ.
ނަމަވެސް ނިއުޔޯކް ސިޓީގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އެކަމުގެ މަޝްވަރާ ވެންގާކުރެން އެހިންތޯ ސުވާލުކުރުމުން ވިއޭރާ ބުނީ ވެންގާ އަކީ މާބިޒީ މީހެއް ކަމަށެވެ.
"މަޝްވަރާއޭ. އޭނާ އަކީ ވަރަށް ބިޒީ މީހެއް. އަހަރެން ވަރަށް ގިނަ ދުވަސްވެއްޖެ އޭނާއާ ވާހަކަ ނުދެއްކި ހުންނަތާ،" ވިއޭރާ ބުންޏެވެ.
މޮރީނިއޯގެ ކޯޗުކަމުގައި ވިއޭރާ ކުޅުނީ އިންޓަމިލާނުގައި އެންމެ ދެ އަހަރު އެވެ.