ލައިފްސްޓައިލް

އަންޖަލީގެ ވޭންދެނިވި މަރު ފެނުނު އެކުވެރިޔާ ކަންތައްކުރިގޮތް ރަނގަޅުތަ؟

މިދިޔަ އަންގާރަ ދުވަހު އިންޑިޔާގެ ވެރިރަށް ދިއްލީގައި ހިނގި އެކްސިޑެންޓަކީ އެ ގައުމުގެ ގިނަ ބަޔަކަށް އެ ޚަބަރު އަހާފައި ބޮޑު ޝޮކެއް ލިބުނު އެކްސިޑެންޓެކެވެ. އުމުރުން 20 އަހަރުގެ ޒުވާން އަންޖަލީ އޭނާގެ ސައިކަލުގައި ދުއްވާފައި ދަނިކޮށް ކާރަކާ އެކްސިޑެންޓްވެ ވެއްޓި ކާރުގެ ފުރޮޅު ދަށުގައި ތާށިވި އެވެ. ކާރުގައި ތިބި މީހުންނަށް ސައިކަލަކާ އެކްސިޑެންޓް ވެއްޖެކަން އެނގި ހުރެ ވެސް ކާރު މަޑުނުކޮށް ބާރަށް ދުއްވާފައި ދިޔައީ އެވެ.

އޭރު ކާރު ފުރޮޅު ތެރޭގައި އަންޖަލީގެ ހަށިގަނޑުގެ ކޮންމެވެސް ތަނެއް ތާށިވެފައި އޮތުމުން އަންޖަލީ ވެސް ބިންމަތީގައި ދެމެމުން ކާރާއެކު ދިޔަ އެވެ. އެ މަންޒަރު ފެނުނު ބައެއް މީހުން ފުލުހުންނަށް ގުޅައި ކާރު ނަންބަރު ކިޔައިދިނުމުން މަގުމަތި ބަލަހައްޓާ ފުލުހުންގެ ބަޔަކު އެ ކާރު ހުއްޓުވިއިރު އަންޖަލީ އޮތީ މަރުވެފަ އެވެ. އޭނާ ލައިގެން އޮތް ހެދުން އިރައިގެން ގޮސް ބަރަހަނާ ވެފައި އޮތްއިރު ގައިގައި އެންމެ ހަންކޮޅެއް ވެސް ނެތެވެ. މިހާ ބިރުވެރި މަރަކުން އެކުވެރިޔާ މަރުވި މަންޒަރު އެންމެ ރަނގަޅަށް ފެނުނީ އަންޖަލީ ދުއްވަމުން ދިޔަ ސައިކަލުގެ ފަހަތުގައި އިން އޭނާގެ އެކުވެރިޔާ ނިދީ އަށެވެ.

މި މަންޒަރު ފެނިފައި ނިދީ ހުރީ ބިރުން ގޮސް ގަބުވެފަ އެވެ. އޭނާއަށް ވާހަކަ ނުދެއްކި ވެސް ދެ ދުވަހެއް ދިޔަ އެވެ. ބިރުގަނެފައި ހުރި ވަރުން އޭނާ ފުލުހުން ކައިރީގައި ވެސް އެއްވެސް ވާހަކައެއް ނުބުނެ އެވެ.

އަންޖަލީ ދުއްވި ސައިކަލް ފަހަތުގައި އެހެން މީހަކު އިން ކަން ފުލުހުންނަށް އެނގުނީ ސީސީޓީވީ ފުޓޭޖް ބަލައިގެންނެވެ. އަދި އެމީހަކު ހޯދުމުގެ މަސައްކަތް ކުރާކަން ފުލުހުން އިއުލާން ކުރުމުން ނިދީ ވަރަށް ހިތްވަރު ކޮށްފައި ފުލުހަށް މިހާރު ވަނީ ބަޔާން ދީފަ އެވެ.

ނިދީ ބުނި ގޮތުގައި އެކްސިޑެންޓްވުމުން ދެ މީހުން ވެސް ވެއްޓުނެވެ. އަދި އަންޖަލީ އެ ކާރުގެ ފުރޮޅު ތެރޭގައި ތާށިވީ އެވެ. އަންޖަލީ ރޮއި ހަޅޭއްލަވާ އަޑުވެސް ކާރުގައި ތިބި މީހުންނަށް އިވޭނެ ކަމަށާއި ނަމަވެސް އެމީހުން ކާރު ހުއްޓާނުލާ ދުއްވާފައި ދިޔައީ ކަމަށް ނިދީ ބުންޏެވެ. އަދި އެކުވެރިޔާ ސަލާމަތްކުރަން އޭނާއަށް ކުރެވުނުހާ މަސައްކަތެއް ކުރިކަމަށް ވެސް ނިދީ ބުންޏެވެ.

"އަހަރެންނަށް ހަދާނެގޮތް ހުސްވީ. އަންޖަލީއެއް އެ ކާރުގައި ތިބި މީހުނެއް ނުދަނޭ. އަދި އެކްސިޑެންޓްވީމަ އަހަރެމެން ދެ މީހުންގެ ގައި މަތިން ކާރު ދުއްވަން ވެސް އެމީހުން މަސައްކަތް ކުރި،" ނިދީ ބުންޏެވެ.

ފުލުހުންނަށް ލިބިފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަނީ އަންޖަލީ އާއި ނިދީ ހޮޓަލެއްގެ ބޭރުގައި ތިބެގެން ޒުވާބުކުރާ ތަނެވެ. އެމީހުން އެތަނަށް ގޮސް އުޅުނީ އާ އަހަރު ފާހަގަކުރާށެވެ. ނިދީ ބުނަނީ އަންޖަލީ ހުރީ ވަރަށް ބޮޑަށް މަސްތުވެފައި ކަމަށެވެ. އެ ހާލުގައި ވެސް އަންޖަލީ ސްކޫޓަރު ދުއްވަން ބޭނުންވީމަ އެކަމާ ހިތްހަމަނުޖެހިގެން އޭނާއާ ޒުވާބުކުރީ ކަމަށް ނިދީ ބުންޏެވެ.

ނިދީ ބުނި ގޮތުގައި އެކްސިޑެންޓްގައި އޭނާގެ ފޯނު ހަލާކުވި ކަމަށެވެ. އެކްސިޑެންޓްވީ ވަގުތަކީ ދަންވަރު 2.00 އާއި 3.00 އާ ދެމެދުގެ ވަގުތެއް ކަމުން އެ ގަޑީގައި މަގުމަތީގައި މީހުން މަދުވުމާއެކު އޭނާ އެހީއަށް އެދި ގޮވާ ގޮވާ އެކަކުވެސް އެހީ ވާން ނައި ކަމަށް ނިދީ ބުންޏެވެ.

"ކާރު އައީ ކުރިމަތިން. އައިސް ސައިކަލުގައި ޖެހުމާއެކު އަހަރެން ވެއްޓުނީ އެއް ފަރާތަށް. އަންޖަލީ ވެއްޓުނީ ކާރުގެ ކުރިމައްޗަށް. ވެއްޓި ކާރު ދަށުގައި ތާށިވީ. އޭނާ ވަރަށް ގިނައިރު ހަޅޭއްލަވާ ރޮމުން ގެންދިޔަ. އެކަމަކު ކާރުގައި ތިބި މީހުން ކާރު ނުހުއްޓާ ދުއްވާފައި ދިޔައީ. އެމީހުންނަށް އެނގޭނެ ކާރު ދަށުގައި މީހަކު ތާށިވެފައި އޮތްކަން. އެކަމަކުވެސް މަޑެއް ނުކުރި. ކާރާއެކު އަންޖަލީ ވެސް ދަމާފައި ގެންދިޔައީ،" ނިދީ ބުންޏެވެ.

މި އެކްސިޑެންޓްގައި އަންޖަލީ ކާރު ދަށުވެފައި އޮއްވާ ގާތްގަނޑަކަށް 10 ކިލޯމީޓަރަށް އެ ކާރު ދުއްވާފައި ވެއެވެ.
ނަމަވެސް ނިދީގެ އިންޓަވިއު ބަލާފައި ގިނަ މީހުން އޭނާ ދެއްކި ވާހަކަތައް ގަބޫލެއް ނުކުރި އެވެ. އަދި ދިއްލީ ކޮމިޝަން ފޯ ވިމެން (ޑީސީޑަބްލިޔު)ގެ ރައީސާ ސްވާތީ މަލިވާލް ވެސް ވަނީ ނިދީ އަށް ވަރަށް ބޮޑަށް ފާޑުކިޔައި އޭނާގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވާފަ އެވެ.

ސްވާތީ ބުނި ގޮތުގައި އެކްސިޑެންޓްވެ އެކުވެރިޔާ ކާރު ދަށުގައި ތާށިވެފައި އޮތްތަން ފެނުމުން ވެސް އޭނާ ސަލާމަތްކުރަން ނޫޅެ ނިދީ ދުވެ ފިލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށެވެ. އަދި އޭނާ ފިލައިގެން ގެއަށް ގޮސް ވެސް އެއްވެސް މީހެއް ކައިރީގައި މި ވާހަކަ ނުބުނެ ހުރުމުން އެކަމާވެސް ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ނިދީ އާއި އަންޖަލީ ސައިކަލަށް އެރުމުގެ ކުރިން ދެ މީހުން ހޮޓަލެއްގެ ބޭރުގައި ތިބެ ޒުވާބުކުރާ މަންޒަރުގެ ސީސީޓީވީ ފުޓޭޖް ވެސް ހުރުމާއެކު ގަސްތުގައި އަންޖަލީ އަށް އަޅާނުލައި ނިދީ ދިޔަ ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެ އެވެ.

އަންޖަލީގެ އާއިލާއިން ދައްކަނީ އަދި މުޅިން އެހެން ވާހަކަ އެކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އަންޖަލީ ވަނީ ރޭޕްކޮށްފަ އެވެ. އަދި މިކަން ފޮރުވަން ފުލުހުން ޑްރާމާއެއް ކުޅެގެން އުޅޭކަމަށް އެމީހުން ގަބޫލުކުރެ އެވެ.

ނަމަވެސް އަންޖަލީގެ ޕޯސްޓް މޯޓަމް ރިޕޯޓުގައި އޭނާ ރޭޕްކޮށްފައި ނުވާ ކަމަށް ބަޔާންކޮށްފައި ވެއެވެ. މިވަރުން ވެސް އަންޖަލީގެ އާއިލާ މިކަން ގަބޫލެއް ނުކުރެ އެވެ. އަންޖަލީ ރޭޕްގެ ޝިކާރައަކަށް ވެފައިވާ ކަމަށް އާއިލާއަށް ގަބޫލު ކުރެވެނީ އޭނާގެ އަންނައުނު ނެތީމަ އެވެ.

ފުލުހުން ބުނެފައިވަނީ އަންޖަލީގެ ހަށިގަނޑު ބިންމަތީގައި ދެމެމުން 10 ކިލޯމީޓަރަށް ދިޔައިރު އޭނާ ލައިގެން ހުރި އަންނައުނު އިރައިރައިގެން ގޮސް ފުނޑުފުނޑުވެގެން ދިޔައީ ކަމަށެވެ.

އަންޖަލީގެ ސައިކަލާއި އެކްސިޑެންޓްވީ ކާރުގައި ޒުވާން އުމުރު ފުރައިގެ ފަސް ފިރިހެނުން ތިއްބެވެ. މި މީހުންގެ އުމުރު އުޅެނީ 25 އާއި 27 އާ ދެމެދުގަ އެވެ. މި އެންމެން ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މީގެ ތެރެއިން ކާރު ދުއްވަން އިން މީހާ އާއި އިތުރު މީހަކު ތިބީ ވަރަށް ބޮޑަށް މަސްތުވެފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެކްސިޑެންޓްވީ ކާރަކީ ވިހާރްގައި ދިރިއުޅޭ ލޮކޭޝް ނަމަކަށް ކިޔާ މީހެއްގެ ކާރެކެވެ. ލޮކޭޝް ފުލުހުން ކައިރީ ބުނީ އޭނާގެ ޅިޔަނެއް ކަމަށްވާ އަޝޫތޯޝް ދުއްވާލަން ކާރު ދީފައި އޮތް ކަމަށެވެ. އަދި ކާރުގައި އެ ވަގުތު ތިބި ދީޕަކް ކަންނާ އާއި އަމިތު ކަންނާ އަކީ އޭނާގެ ދެ އެކުވެރިން ކަމަށާއި އެ މީހުން އެދުމުން އެމީހުން ދުއްވާލަން އޭނާ ކާރު ދިނީ ކަމަށް ވެސް އަޝޫތޯޝް ބުނެފައި ވެއެވެ.

ކާރު ދުއްވަން އިނީ ދީޕަކް އެވެ. ކުރީ ސީޓުގައި ދެން އިނީ މަނޯޖް މިއްތަލް ކިޔާ މީހެކެވެ. ކާރުގައި ތިބި އެންމެން މިހާރު ހައްޔަރުކޮށްފައިވާއިރު މި މީހުންނަށް ގާނޫނުގައި ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމުން އިންޑިއާގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.