މާލޭ ސިޓީ ކައުންސިލް

މިސްކިތްތަކުގެ މަރާމާތަށް ފަންޑް ހޯދަން ޓެލެތޯނެއް ބާއްވަނީ

މާލެ ސިޓީގެ މިސްކިތްތައް އަންނަ ރަމަޟާން މަހަށް މަރާމާތު ކުރުމަށް ފަންޑް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މި ހަފްތާ ބަންދުގައި ޓެލެތޯނެއް ބާއްވަން ނިންމައިފި އެވެ.

ހުކުރު އަދި ހޮނިހިރު ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވާ މި ޓެލެތޯނު ބޭއްވުމަށް މީގެ ކުރިން ވެސް މާލެސިޓީ ކައުންސިލުން މަސައްކަތް ކުރި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މިސްކިތްތައް މަރާމާތުކުރަން ފަންޑު ހޯދުމަށް ޓެލެތޯންއެއް ބޭއްވުމަށް ނިންމީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއްދޭ ތަންތަނަށް ވުމާއެކު، މިސްކިތްތައް ކައުންސިލާ ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށް ވާތީ އެވެ.

މިސްކިތްތަކުގެ މެއިންޓަނަންސް މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު ކައުންސިލްގެ ބަޖެޓުން އެކަން ނުކުރެވޭ ކަމުގައި ވެސް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.

މި ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މިސްކިތްތައް ބެލެހެއްޓުމަކީ ކައުންސިލްތަކަށް އޮންނަ ޒިންމާ އެކެވެ. މާލެ ސިޓީ ކައުންސިލުން މާލެ އާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެެވެ.