ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 3 ޖެނުއަރީ 2023 އާ ގުޅޭ )

"ކިހިނެއް އާކިއަށް ތިހާ ރަނގަޅަށް ބުނަން އެނގެނީ." ލައިލީ އަހާލީ އަކިޔަލްއަށް ނަޒަރު ހުއްޓާލައިގެން އިނދެއެވެ. އެހިނދު ދުރުބަލަން އިން އަކިޔަލްގެ ތުންފަތް އެއްފަރާތުން ދެމިލިއެވެ. އެއީ ރިހުން އެކުލެވިފައިވި ފަނޑު ހިނިތުންވުމެކެވެ. އެކަން ލައިލީއަށް ފާހަގަ ކުރެވުނެވެ.

"އަހަރެންގެ ބައްޕަގެ ސަބަބުން. މަންމައާއި ބައްޕަގެ ދެމެދުގައި އަބަދު ކުރެވޭ ޒުވާބަކީ އެއީ. ކައިވެނިކޮށްގެން ހުރެ ބައްޕަ ޗީޓު ކުރީ. އެހެންވެ އެކަހަލަ ވާހަކަތަކަށް އަހަންނަށް މިހާރު އާކަމަކަށް ނުވޭ." އަކިޔަލް ބުންޏެވެ. އެ ވާހަކަތައް ލައިލީއަށް އިވުނު މީ ފުރަތަމަ ފަހަރެވެ. އެކުގައި މަސައްކަތް ކުރާތާ ދޮޅު އަހަރުވީއިރު ވެސް އަކިޔަލްގެ ހަޔާތާ ބެހޭ ގޮތުން ހަޤީޤަތުގައި ލައިލީއަށް އެކައްޗެއް ވެސް ނޭނގެއެވެ.

"ބައެއް ހާލަތުގައި ކިތަންމެ ޝައްކުތަކެއް ކުރެވުނަސް ހަޤީޤަތް ފާޅުވުމަކީ ހަމަޖެހުން ގެއްލިދާނެކަމަށް އޮތް ހިރާސްއެއް. އެ ހިރާސް ނަގަން ލައި ތައްޔާރުތަ؟... އެގޮތް ބޭނުން ނުވަންޏާ... އަމިއްލަ ދިރިއުޅުން އުނދަގޫ ދިރިއުޅުމަކަށް ހަދަންވީ ކީއްވެ. އެއަށްވުރެ މާ ރަނގަޅެއްނު އަމިއްލަ ނަފްސުގެ ހަމަޖެހުމަށް ޓަކައި އެ ހުރިހާ ވަހުމްތަކެއް ސިކުނޑިން ފުހެލިއްޔާ." އަކިޔަލްގެ ޚިޔާލު ފާޅުކުރިއެވެ. ބަހެއް ކިޔަން ނޭނގިފައި ލައިލީ އިނެވެ. ދެ މީހުންގެ ނަޒަރު ބައްދަލުވެފައި ހުރިއިރު ލައިލީ އެ އިންނަނީ ގޮތެއް ނިންމަން ނޭނގިފައިކަން އެ މޫނުގައިވީ އަސަރުތަކުން އަކިޔަލް ދެނެގަތެވެ. ބްރޭކް ގަޑި ނިމުމަކަށް އަތުވެއްޖެކަން ސްޓާފް އޭރިޔާގެ ތެރެއިން ނުކުންނަން ދިޔަ ކުއްޖަކު އަކިޔަލްއަށް ގޮވާލައި ބުނެލިއެވެ. ނަމަވެސް އަކިޔަލް ހަރަކާތެއްނުކޮށް އިނެވެ. އެންމެފަހުން ލައިލީ ކޮފީ ޖޯޑު ހިފައިގެން ތެދުވީއެވެ. އޭނާއަށް ފަރުވާތެރިކަމާއެކު ބަލަން އިން އަކިޔަލް ތެދުވިއެވެ. ލައިލީގެ ފަހަތުން ކައިރިވެލައި ސިންކަށް އޭނާ ކޮފީބުއި ޖޯޑު ލިއެވެ. ދެ ޖޯޑު ދޮވެލާފައި ހަރުގަނޑިގައި ބަންޑުން ޖަހާފައި ލައިލީ ހިނގައިގަތް ވަގުތުން އަކިޔަލް ގޮވާލިއެވެ.

"އޭނަ ޗީޓުކުރާހެން ލައިއަށް ހީވަންޏާ އެކަން ބަލަން ބޭނުންތަ؟. އޭރުން ހަޤީޤަތް އެނގިދާނެ." އަކިޔަލް ބުނެލިއެވެ.

"ބަލަން... ވިސްނާލާނަން." ޔަގީންނުވެ ހުރެ ލައިލީ ބުނެލިއެވެ. އޭނާ ނުކުމެގެން ދިޔަ ދިމާއަށް ބަލަން ހުރެފައި އަކިޔަލް ވެސް ހިނގައިގަތީއެވެ. އޭރު އޭނާގެ ތުންފަތަށް މާނަވީ ހިނިތުންވުމެއް ވެރިވެފައިވިއެވެ.

* * * * *

އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ބޭނުމިއްޔާ ކަންކަމަށް ޝައްކުކުރުން ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެވެ. ކަންކަން ބޮޑުކޮށްލައި ދެމަފިރިންގެ ހަމަޖެހުން ނަގާލަން ފުރުޞަތު ނުދިނުމެވެ. މީ ލައިލީގެ ޚިޔާލުގައި ވީ ބަސްތަކެވެ. ކާއެއްޗެހި ހޫނުކުރަން އޭނާ ހުރީ ބަދިގޭގައެވެ. އޭނާ ޑިއުޓީ ނިންމާފައި ގެއަށް އައިއިރު އެޕާޓްމެންޓް އޮތީ ފަޅަށެވެ. ދަރަކް އެރޭ ވެސް އޮފީހަށް ދިޔައީކަން އެނގުނެވެ. ގަޑިން އެގާރަ ޖަހައި ހިނގައްޖެއެވެ.

"މިހާރު ގަޑިންވީއިރު ބަލާބަލަ." ސިޓިންރޫމު ފާރުގައި ހުރި ގަޑިއަށް ބަލާލާފައި ލައިލީ ހިތާހިތުން ކިޔާލިއެވެ.

ކުރީން މަސައްކަތުގައި ދަރަކް ރޭގަނޑު ވެސް އޮފީހަށް ދެއެވެ. ނަމަވެސް އެގާރަ ބާރަ ޖަހަންދެން އޭނާ އޮފީހުގައި ނީނދެއެވެ. އެންމެ ލަސްވެގެން ދިހަގަޑި ބައިވާއިރު އޭނާ ލައިލީއަށް ގުޅާފައި އޮފީހުން ނުކުންނަނީކަން ބުނާނެއެވެ. ވަރުބަލިވެފައި ހުރިއްޔާ ލައިލީ ގާތު ކުރީބައިގައި ނިދަން އޮށޯންނަން ބުނާނެއެވެ. އެކަމަކު މިހާރު އެ ފޯނުކޯލެއް ވެސް ނާދެއެވެ. ވީއިރު ކުރީގަހެން ލައިލީ ގޮސް އެނދަށް އެރިޔަސް މިހާރު އޭނާއަކަށް އެނދަށް އަރައިގެން ނުނިދޭނެއެވެ.

"ޔަގީންތަ ހަމަ އޮފީހުގެ މަސައްކަތުގައިކަން އެހާ ބުރަވެގެން އެއުޅެނީ... ނޫނީ... ސަމައިރާގެ މަސައްކަތުގައި ނޫންބާ؟." ކުއްލިއަކަށް ލައިލީގެ ކަންފަތް ދޮށުގައި މީހަކު ބުނެލި ކަހަލައެވެ. ލައިލީ ދެ ލޯ މަރާ ބާރުކޮށްލިއެވެ. އެ ޚިޔާލުތަކުން އެއްފަރާތްވެވިދާނޭ ހީކުރިއެވެ. ނަމަވެސް ދެ ލޯ މަރާލުމުން ސިކުނޑި ދެއްކީ އަނެއްކާ އަނެއް މަންޒަރެވެ. އެހެން އަންހެނަކު ދަރަކްގެ އަތުގެތެރޭގައި ވާތީއެވެ.

ލައިލީ މޭ ނުބައި ކުރިއެވެ. ހަމައެއާއެކު އޭނާގެ ބަނޑު ކުކުރާލިއެވެ. އެއާއެކު ހަނދާންވީ މުޅި ދުވަހު އޭނާ އެ ހުރީ ރަނގަޅު ކާއެއްޗެއް ނުކައެވެ. ހެނދުނު ސަޔެއްނުބޮވުނެވެ. ރޮއެރޮއެފައި ތެދުވިގޮތަށް ފެންވަރާލައިގެން އޭނާ ޑިއުޓީއަށް ދިޔައީ ވެސް ނުކައި ހުރެއެވެ. އެތަނުން އަކިޔަލްއާއެކީ ބޯލި ކޮފީއަކީ ލައިލީގެ ފުރަތަމަ ކޮއްތެވެ. މަޑުމަޑުން ބަނޑުގައި ލައިލީ ފިރުމާލިއެވެ. އޭނާ އެހެން އުޅޭންވެއްޖެނަމަ ހަށިގަނޑު ނިކަމެތިވެދާނޭކަން އެނގެއެވެ. އުނދުން ނިއްވާލައި ތެލީގައި މަތިޖަހާފައި ލައިލީ އައިސް އަލަމާރިން މޭވާއެއް ނަގައިގެން އައިސް ކާމޭޒު ދޮށުގައި އިށީނެވެ. ފަޅިފަޅިކޮށްލި އާފަލުން ފޮއްޗެއް ކާލާފައި ލައިލީ ފޯނު ނެގިއެވެ.

"މިރޭ ވެސް ލަސްވާނެތަ." ލައިލީ މެސެޖު ލިޔެ ދަރަކްއަށް ފޮނުވާލިއެވެ. އޭނާއަށް ޖަވާބު އަންނާނީ ކިހިނެއްކަން އެނގެއެވެ. އެހެންވިޔަސް ހިތް އެދި އާދޭސް ކުރަމުން ދިޔައީ ތަފާތު ޖަވާބަކަށެވެ. އެހެން އިންދާ ދަރަކް މެސެޖުކޮށްފިއެވެ.

"ސޮރީ. އަދި އިރުކޮޅެއްވާނެ. ލައި ހޭލާ ނުހުރެ ދޭ ނިދާލަން." ދަރަކްގެ މެސެޖުގައި ލިޔެފައި އޮތެވެ.

ކޮންއިރަކުންތޯ ނިމޭނީ އަހަން ބޭނުންވެފައި އިންވަރުން ލައިލީ މެސެޖު ލިޔެލިއެވެ. އެހިނދު ކުރީން އިވުނު އަޑު ލައިލީއަށް އިވިގެންދިޔައެވެ. އެ މެސެޖު ފޮނުވައިފިނަމަ ދަރަކް މިރޭ ގެއަށް އަންނަން ވެސް ފޫހިވެދާނޭ އެ އަޑު ބުންޏެވެ.

"އެކަމަކު... އަހާލުމަކުން މައްސަލައެއް ނެތެއްނު." ފޯނަށް ބަލަން އިނދެ ލައިލީ ބުނެލިއެވެ.

"ތި މެސެޖު ފޮނުވައިގެން ދަރަކް ރުޅިގަދަވެދާނެ. އޭނާ ޖަވާބެއް ނުދީފިއްޔާ ތި ކުރާ ޝައްކުތައް އިތުރުވާނެ." ލައިލީއަށް އަނެއްކާވެސް އެ އަޑު އިވުނެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ފުން ނޭވާއެއް ލައިލީ ދޫކޮށްލިއެވެ.

"އައި ޑޯންޓް ކެއާ އެނީމޯ... ނޫޅެން ވިސްނާކަށް. އިޓްސް ސްޓްރެސްފުލް ޓު ޑައުޓް ޕީޕަލް." މޭޒު މައްޗަށް ފޯނު ދޫކޮށްލާފައި ލައިލީ ފުންމައިގެން ތެދުވިއެވެ. ތަށީގައި ބާކީ ހުރި އާފަލު ފޮތިތައް ކާލިއެވެ. ގައިގަ ކުޑަކޮށް ވަރުޖެހިލިކަން އިޙްސާސް ކުރެވުނެވެ.

"އޯލްރައިޓް... މިކަން ހުއްޓާލަންވެއްޖެ. ދަރަކް ކައިރިން މަޢާފަށް އެދޭނީ." އާހިތްވަރަކާއި އަޒުމެއްގައި ލައިލީ ބުނެލީ ނިކަން ޖޯޝާއެކީއެވެ.

"އޭނ!... މަޢާފަށް އެދެނީއޭ... ކޮންކަމަކު..." އެއްކަލަ އަޑު ލައިލީއަށް އިވުނެވެ.

"އާން. ރަނގަޅު ޚިޔާލެއް އެއީ." ލައިލީ ވަގުތުން ބުނެލިއެވެ.

"ދެން ސަމައިރާ!... ތި މީހުންގެ އެނިވަރސިރީއަށް ވުރެ ވެސް އޭނާއަށް އޮފީސް މުހިންމު. އެރޭ ހަތަރުދަން އޭނާ ވިސްނާފައި ހުރީ އޮފީހުގައި އިންނާކަށް ނޫންތަ؟." އެ އަޑު ލައިލީއާ ދެކޮޅަށް ވާހަކަދެއްކިއެވެ.

"އާން! އެނގޭ ތިކަން. އެހެންވިޔަސް އަހަންނަށް ކުރެވޭނެކަމެއް އެބައޮތްތަ؟. މިއުޅޭ ގޮތަށް އުޅުމަށްވުރެ އެ ސަމައިރާއެއްގެ މެސެޖުގެ މަތިން ހަނދާންނައްތާލިއްޔާ އަހަންނަށް މާ ރަނގަޅުވާނެ. އެހެންނޫނަސް ޝައްކުތަކެއް ފިޔަވައި ކޯއްޗެއް އަހަރެންގެ އަތުގައި އޮތީ. އެއީ ހަޤީޤަތެއްކަމެއް ވެސް ޔަގީންވަނީއެއްނޫން. އެންމެ މޮޅު ގޮތަކީ އަޅާނުލުން. އޭރުން ހިތްދަތިވެގެން އުޅޭކަށް ނުޖެހޭނެ. ފިރިމީހާއާމެދު ހިތްނުބައި ކުރާނެ ފުރުޞަތެއް ނޯންނާނެ. އަހަރެމެންނަށް ކުރީން އުޅުނުހެން ލޯބިން ހަމަޖެހިގެން އުޅެވޭނެ." ލައިލީ ވާހަކަދެއްކީ ތަންކޮޅެއް ބާރަށެވެ.

"ހަނދާންނައްތާލުން... އެއީ އެންމެ ރަނގަޅު ޚިޔާލަށް ވެދާނެތަ؟." އެ އިވޭ އަޑު ލައިލީއާ ސުވާލުކުރިއެވެ.

"މިބުނީނު ވަރިހަމައޭ. އިތުރަށް އަޑު އަހާކަށް ބޭނުމެއްނޫން. ހަނދާންނައްތާލަން އަހަރެން ބޭނުމީ." އެ އަޑުގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ކުރާ ފަދައިން ލައިލީ ނިކަން ބާރަށް ހަޅޭލަވައިގަތެވެ.

ހުޅުވުނު ލިފްޓުގެ ތެރެއަށް ދަރަކް ވަދެ އެޕާޓްމެންޓް ހުންނަ ފަންގިފިލާގެ ނަންބަރަށް އޮބާލިއެވެ. ވަރުބަލިކަމުގެ ފުންނޭވާއެއް ދޫކޮށްލުމާއެކު ފަޓުލޫނުގެ ޖީބުން ދަރަކް ފޯނު ނަގައި ބަލާލިއެވެ. ބާރަގަޑި ބައިވީއެވެ. މާޔޫސްކަމުގެ އަސަރު އެ މޫނުން ފާޅުވެލިއެވެ.

"އަމިއްލަ ގެއަށް އައުން ދަތިވާވަރަށް މާޔޫސްވެ ހިތްނުތަނަވަސްވާނެ ދުވަހެއް އަތުވެދާނޭ ދުވަހަކުވެސް ހިޔެއްނުކުރަން." ލިފްޓުން ނުކުމެގެން އައިސް އެޕާޓްމެންޓުގެ ދޮރުމަތީ މަޑުކޮށްލައިގެން ދޮރާ ދިމާއަށް ބަލަން ހުރި ދަރަކް ހިތާހިތުން ކިޔާލިއެވެ. ދެން އިސްޖަހާލުމާއެކު ތުންފަތަށް ވެރިވީ ރިހުންއެކުލެވިފައިވީ ފަނޑު ހިނިތުންވުމެކެވެ. ތަޅުދަނޑުފަތި ނަގައި އެޕާޓްމެންޓްގެ ދޮރުގެ ތަޅަށް ޖަހާލިއެވެ.

"މިވީ ދެ އަހަރު ތެރޭ މި ދޮރުން ވަންނަން އަހަރެން ހުންނަނީ ކެތްތެރިކަން ކުޑަވެފައި. މި ދޮރުގެ އެތެރޭގައިވަނީ އަހަރެންގެ ހިތްހަމަޖެހުން. އެކަމަކު މިހާރު... މި ދޮރުން ވަނުމެކޭ ނަރަކައިގެ ދޮރަކުން އެތެރެވުމޭ އެއްފަދަ ވެއްޖެ." ޚިޔާލުތަކުގައި ހުރެ ދަރަކް އެޕާޓްމެންޓުގެ ދޮރު ހުޅުވާލައި އެތެރެއަށް ވަނެވެ.

"ދަރަކް." ނިކަން އުފާވެރި ރާގެއްގައި ގޮވާލި އަޑު އެ އިވުނީ ލައިލީއެވެ. ސޯފާގައި އޮށޯވެގެން އޮވެފައި ކުއްލިއަކަށް ލައިލީ ތެދުވެގެން އައެވެ. ދަރަކް ދިޔައީ ސިއްސައިގެންނެވެ. ހަމައެހާމެ އަވަހަށް ލައިލިއާ ނަޒަރު ވަކިކޮށްލައި އޭނާ އެނބުރިލައިފިއެވެ. ބޫޓު ބާލަން ފެށިއެވެ. ދަރަކް އަދިވެސް ހިތްހަމަނުޖެހިފަހެން ހުރީ ލައިލީއަށް ހީވިއެވެ.

"ނުނިދަންތަ؟. ބުނީމެންނު ހޭލާ ނުހުރެ ގޮސް ނިދާލާށޭ." ދަރަކް ވާހަކަދެއްކީ ލައިލީއަށް ބަލާލުމެއް ނެތިއެވެ. އޭނާ ބޫޓު ކަބަޑުގެ ތެރެއަށް ލާފައި ކޮޓަރިއަށް ގޮސް ވަނެވެ. މަޑުމަޑުން ދަރަކްގެ ފަހަތުން ލައިލީ ވެސް އައިސް ކޮޓަރިއަށް ވަނެވެ. ހެދުން ބަދަލުކުރަން ދަރަކް އުޅުނެވެ. ދޮރުކައިރީ ފާރުގައި ލެނގިލައިގެން ލައިލީ ހުރީއެވެ. ދަރަކްއަށް އޭނާ ފާހަގަ ވެސް ނުވާ ކަހަލައެވެ.

"އަދިވެސް ރުޅިއައިސްފަތަ؟. ނޫނީ މާބޮޑަށް ވަރުބަލިވީތަ؟." ތުންކޮޅު ހަދާލައިގެން ހުރެވުނު ލައިލީގެ ހިތަށް އެރިއެވެ. އޭނާ އިތުރަށް ވިސްނާކަށް ބޭނުމެއްނުވިއެވެ. ނިންމައިގެން ހުރި ގޮތަށް ކަންތައްކުރާން ލައިލީ އަވަސްވެލިއެވެ.

"އައި އޭމް ސޮރީ. އައި އޭމް ސޮރީ ދަރަކް." ކުރިޔަށް ޖެހިލުމާއެކު ލައިލީ ބުންޏެވެ.

"ލަ..އި.." ދަރަކްއަށް ލިބުނީ ހައިރާންކަމެވެ. އެނބުރި ލައިލީއަށް އޭނާ ބަލާލިއެވެ.

"ސޮރީ... މިއަދު ހެނދުނު... އަސްލު... އަސްލު ވީގޮތަކީ އަހަރެމެންގެ ވެޑިން އެނިވަރސަރީއާއި ނިއު އިޔާ އެކީގައި ސެލެބްރޭޓް ކުރަން ބޭނުންވެފައި ހުރީ. ވަރަށް ކުރީންސުރެ އެރެޔަށް ބަލަމުން އައީ... އެހެންވެ އެގޮތަށް ވާހަކަދެއްކުނީ. އައި އޭމް ސޮރީ." ލައިލީ ބުންޏެވެ.

ދަރަކް ބަލަން ހުރިއިރު އެ ބެލުމުގައިވަނީ ކީކޭކަން ދެނެގަންނާކަށް ލައިލީއަކަށް ނޭނގުނެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. އަނެއްކާވެސް ގޯހެއް ހެދުނީބާއޭ ލައިލީގެ ހިތާ ސުވާލުކޮށްލެވުނެވެ. ދަރަކްއާ ނަޒަރު ވަކިކޮށްލައި ލައިލީއަށް އިސްޖަހާލެވުނެވެ.

"އެހެންބުނި އެއްޗެއްނޫން އެއީ. އެނގޭ ބިޒީވީމަކަން ދަރަކް ބިޒީއޭ ބުނާނީ... ދެމީހުން އެކުގައި ވަގުތު ހޭދަކޮށްނުލޭވޭތާ ދުވަސްތަކެއްވީމަ އަހަރެން ހިތަށް އެރީ އެނިވަރސިރީގައި ވަގުތުވާނޭ. އައި އޭމް ސޮރީ. ދަރަކް... އަދިވެސް ހިތްހަމަނުޖެހިފަތަ؟." ލައިލީއަށް އިސްއުފުލާލައި ބަލާލަން ނުކެރި ހުރެ ވާހަކަދެއްކިއެވެ.

"ނާދޭ ރުޅިއެއް." ދަރަކްގެ ދިރިއުމެއްނެތިފައިވާ މޫނަށް ކުއްލިއަކަށް ދިރުން އައި ކަހަލައެވެ. އޭނާ ހިނިތުންވެލިއެވެ. މަޑުމަޑުން ލައިލީއާ ދިމާއަށް ފިޔަވަޅު އަޅަންފެށިއެވެ.

"މަސައްކަތްތައް ގިނަވީމަ އަހަންނަށް ވެސް އުނދަގޫ. ގަސްދުގައި ބިޒީވަނީއެއްނޫން. އައި އޭމް ސޮރީ ލައި." ދަރަކް އައިސް ލައިލީގެ ގައިގާ ބައްދާލިއެވެ. ފިރިމީހާގެ އެ ގާތްކަން ލައިލީގެ ހިތުގައިވި ޖަޒުބާތުތަކާ ކުޅެލައިފިއެވެ. އޭނާގެ ދެ ލޮލުން ކަރުނަ އައީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.

"ލައި..." ލައިލީ ރޯކަން އެނގުމާއެކު ދަރަކް ގޮވާލީ ހާސްވެފައެވެ.

"ސޮރީ..." އަވަސްއަވަހަށް ދެ ލޯ ފުހެމުން ލައިލީ ބުންޏެވެ.

ލައިލީގެ ދެ އަތް މޫނާ ދުރުކޮށްލާފައި އެ މޫނުގައި ދަރަކް ހިފަހައްޓާލިއެވެ. ކޯތާފަތުގައި ބޮސްދީފައި ލައިލީގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތުގައި ދަރަކް ލޯބިކޮށްލިއެވެ. ލައިލީއާ ދުރަށް ޖެހިލައި އެ މޫނަށް ދަރަކް ބަލާލީ ކުލުނުން ފުރިގެންވީ ބެލުމަކުންނެވެ. އޭރު ލައިލީގެ ދެ ލޮލުގައި ވެސް ވަނީ ފިރިމީހާއަށް ބޭނުންވެފައިވާކަމުގެ އަސަރެވެ. ލައިލީގެ ނަމުން މަޑުމަޑުން ދަރަކް ގޮވާލިއެވެ. އަނބިމީހާ ގޮވައިގެން ދަރަކް އައިސް އެނދުގައި އޮށޯތެވެ. ދަރަކްގެ ބީހުންތަކުގެ އިޙްސާސާއެކީ ލައިލީގެ ހަށިގަނޑު ހޭލަމުންދިޔައެވެ.

"އިޓްސް އޯލްރައިޓް. އަހަރެމެން ވަކިވާންޖެހޭވަރު ކަމެއް އަދިނުވޭ. އާން!. ދެ މީހުން މުސްކުޅިވެ މި ދުނިޔެއާ ވަކިވެގެންދަންދެން އެކީގައި އުޅޭން ވަޢުދުވީ. އެހެންވީމަ އަދި އަހަރެމެން ވަކިވާކަށް ނުވޭ." ލައިލީގެ ޚިޔާލުތަކުގައި ވިއެވެ.

"އެހެންވީމަ ޖެނުއަރީ ފަސްޓްގަ އަހަރެމެން ޑޭޓަށް ދާނީ." ދަރަކްގެ ބީހުންތަކުން ލައިލީ އޮތީ ހިތްހަމަޖެހިފައި އޮވެ ވާހަކަދެއްކިއެވެ. ވަގުތާއި ހާލަތުގެ ގޮތުން ދަރަކް މާގިނަ ވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ. އެހެންވެ އޭނާ ލައިލީގެ ވާހަކައަށް ހޫން ލައްވާލިއެވެ.

"އެކަމަކު... ނިއު އިޔާ ނައިޓްގަ ކުޑަވަގުތުކޮޅަކަށް ވިޔަސް ދަރަކްއާއެކީ ޓައިމް ސްޕެންޑްކޮށްލެވޭނެނަމައޭ ހިތަށް އަރާ. ހަމަ އެރޭ ނާދެވޭނެތަ. ކުޑަކުޑަ ވަގުތުކޮޅަކަށް ވިޔަސް." ލައިލީއަށް ބުނެވުނެވެ. އެހިނދު ދަރަކްގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އެނދުގައި ދެއަތް ވިއްދާލުމާއެކު ދަރަކްގެ ހަށިގަނޑު އުފުލާލިއެވެ. އޭނާ ލައިލީއާ ނަޒަރު ސީދާކޮށްލިއެވެ.

"ދަރަކް." އަނެއްކާވެސް އެ މޫނުން ފެނުނީ ލައިލީއަށް ދެނެގަންނަން ނޭނގޭ އަސަރުތަކެވެ. ކަރުގައި އަޅުވާލެވިފައިވާ ލައިލީގެ އަތް ދުރުކޮށްލުމާއެކު ދަރަކް ތެދުވެ އެނދުގައި އިށީނެވެ. އަނެއްކާވެސް އެ މައުޟޫޢުއަށް ދެވުނުކަމީ ހެދުނު ގޯހެކޭ ލައިލީއަށް ވިސްނުނެވެ.

"އެރޭ ކޮންމެހެން ވެސް މީޓުވާން ލައި ބޭނުން ދޯ." ދަރަކް ބުނެލިއެވެ. ލައިލީ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. ފައިގައި ވައަތް އަޅުވާލައިގެން ނިތްކުރީގައި ކަނާއަތުން ހިފަހައްޓާލައިގެން ދަރަކް އިނެވެ.

"އެރެޔަކީ އަހަރެމެންނަށް ކިހާ މުހިންމު ރެޔެއް. އަހަރަކު އެއްފަހަރު އަންނަނީ." ލައިލީއަށް ބުނެވުނެވެ.

"އެނގެޔޭ ތިކަން. ލައި... އައިމް ސޮރީ. ލައިގެ އިޙްސާސްތަކަށް އަހަރެން ޤަދަރުނުކުރާކަށްނޫން. އަހަރެން ބަލާނަން އިނގޭ. ބޮސް ކައިރީ ބުނާނަން ތަންކޮޅެއް ކުރީން ގެއަށް ދާން." ދަރަކް ހަށިގަނޑު ސީދާކޮށްލައި އަރިއަކަށް އެނބުރިލިއެވެ. ދެން ހިނިތުންވުމެއް ލައިލީއަށް ދިނެވެ.

"ސީރިއަސްކޮށްތަ." ޤަބޫލުނުކުރެވިފައި ލައިލީއަށް ބުނެވުނެވެ.

"އަހަރެމެންގެ އެނިވަރސަރީއަކީ ކޮންމެ ދުވަހަކު އަންނަ އެއްޗެއް ނޫންތާ. އަހަރެން ބޮސް ކައިރީ އާދޭސްކޮށް ރޮއެގެންވިޔަސް އެރޭ ފޮނުވަން ބުނާނަން." ދަރަކް ބުނެލިއެވެ.

"ވަޓް... ރޮއެ އާދޭސްކޮށްގެން..." އެހިސާބަށް ދާކަށް ލައިލީ ބޭނުމެއްނުވެޔޭ ބުނާފަދައިން ވާހަކަދެއްކިއެވެ. އެއާއެކު ދަރަކް ޖަހާލީ ހިނިގަނޑެކެވެ. އޭނާ މަޖަލަކަށް ބުނީކަމުގައި ބުންޏެވެ. ލައިލީގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެންފެށިއެވެ. ހީވީ ދަރަކްގެ އެ ހިނިތުންވުން އެތައް ޒަމާނަކަށް ނުފެނި ހުރެފައި ފެނުނު ހެންނެވެ.

"އައި ޑޫ މައި ބެސްޓް ޓު ކަމް. އަހަންނަށް އިންތިޒާރު ކުރައްޗޭ." ލައިލީގެ އަތްތިލައިގަ ހިފާ އުފުލާލުމާއެކު ގެނެސް ތުންފަތުގައި ޖައްސާލައިގެން އިނދެ ދަރަކް ވާހަކަދެއްކިއެވެ. އަވަސްއަވަހަށް ބޯޖަހާލިއިރު ރަކި ހިނިތުންވުމެއް ލައިލީގެ ތުންފަތުގައިވިއެވެ. ދަރަކް އޭނާދެކެ ލޯބިވާކަމުގެ ހެއްކެއް ލައިލީއަށް ބޭނުމެއްނުވެއެވެ. އެވަގުތު އޭނާއަށް ދަރަކްގެ ލޯބި އިޙްސާސް އެބަކުރެވެއެވެ. ދަރަކްގެ ގައިގާ ލައިލީ ބައްދާލިއެވެ. މިފަހަރު ލައިލީ ފިރިމީހާގެ ކައިރީ ލައިލީ އިސްނެގިއެވެ. ދަރަކްގެ މޫނުގައި އޭނާ ބޮސްދޭން ފެށިއެވެ. ފަޓުލޫނު ޖީބުގައި އޮތް ދަރަކްގެ ފޯނަށް ނޮޓިފިކޭޝަންއެއް އައި އަޑު އިވުނެވެ. އެ އަޑަށް ދަރަކް ސަމާލުކަމެއް ނުދިނެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ އަޑު އިވުމާއެކު ލައިލީއާ ދުރަށް ދަރަކް ޖެހުނެވެ.

"ލައި... ފެންވަރާލައިގެން އަންނާނަން. ވަރަށް ދާހިތްލާފައި މިހުރީ." ދަރަކް އެނދުން ތެދުވަމުން ބުންޏެވެ.

ލައިލީގެ ޖަވާބަކަށް ދަރަކް ބޭނުންވާހެން ހިޔެއްނުވެއެވެ. އޭނާ ގޮސް ފާޚާނާއަށް ވަނީއެވެ. ހަރަކާތެއް ކުރަން ނޭނގިފައި އެނދުގައި ލައިލީ އިނެވެ. ދަރަކް އަންނަންދެން އޭނާ ހޭލާ އޮންނަންވީކަމެއް ނޫނީ ދަރަކް ޚިޔާލު ބަދަލުވީކަމެއް ބުނަން ނޭނގިފައެވެ. ބާލީހުގައި ބައްދާލައިގެން ލައިލީ އޮށޯވެލީއެވެ. ޚިޔާލުތައް ހިތާއި ސިކުނޑިއަށް ގިނަވާން ސުކުންތެއް ވެސް ނުނެގިއެވެ. ނަމަވެސް މިފަހަރު ލައިލީގެ ތުންފަތުގައިވީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.

"ސަމައިރާއަކީ ކޮންމެ މީހެއްވިޔަސް ވަރިހަމަ. ދަރަކް އެބުނީ ނިއު އިޔާ ނައިޓްގަ އަންނާނަމޭ. އެރޭ އަހަރެމެން އެކީގައި ވަގުތު ހޭދަކުރެވޭނެ. އައި އޭމް ސޯ ހެޕީ... ކޮބާތަ ދަރަކް. އަދިވެސް ފާޚާނާއިން ނުނިކުންނަނީ ކީއްވެތަ. ދަރަކް ފެންވަރައިގެން އައިސް އަހަރެމެން ނިންމާލި ހިސާބުން ފަށާނެކަން ޔަގީން. އެކަމަކު... މިގޮތަށް މިހާ ފަސޭހައިން ހުރިހާކަމެއް ހަނދާންނައްތާލައި ދަރަކްއަށް މަޢާފުކުރުން އޯކޭވާނެތަ. މިރޭ ދެން ވިސްނާކަށް ބޭނުމެއްނޫން... އަހަރެން ވެސް ދަރަކް ބޭނުން." ލައިލީ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. ދަރަކް އެނދަށް އަރައި ލައިލީއާ ކުރިމަތިލާނޭ ގޮތުގެ ފޮނި ޚިޔާލުތައް ލައިލީގެ ލޯ ކުރިމަތިން ސިފަކުރެވެން ފެށިއެވެ. ލައިލީއަށް ބޭނުންވެގެން ދަރަކް އުޅޭ ގޮތް އޭނާއަށް އެނގެއެވެ.

ޚިޔާލުތަކުގައި ގަޑިއިރަކަށްވުރެ ގިނައިރު ވެގެން ހިނގައްޖެއެވެ. ނަމަވެސް ދަރަކް ފާޚާނާއިން ނުނިކުމެވެ. އިންތިޒާރުގެ ވަގުތު ދިގުވެ ލައިލީގެ މޫޑު ގޯސްވިއެވެ. އެހެންވެ ނިދާބޮކި ޖައްސާފައި އެނދަށް އަރައި ގައިމަތީ ރަޖާ އަޅައިގެން ލައިލީ އޮށޯތީ ނިދަން އޮތް މީހަކު ފަދައިންނެވެ. ދެ ލޯ މަރައިގެން އޮތްއިރު ދަރަކް އައިސް އޭނާ ހޭލައްވާލާނަމައޭ ލައިލީ ހިތާހިތުން ދުޢާކުރިއެވެ. ހަށިގަނޑުގައި އުފެދިފައިވާ އޮއިވަރެއްގެ ސަބަބުން ދަރަކްގެ ބީހުންތަކަށް ލައިލީ އޮތީ ނުހަނު ބޭނުންވެފައެވެ. އެހެން އޮއްވާ ފާޚާނާ ދޮރު ހުޅުވުނުކަމުގެ ހިލަން ލައިލީއަށް ވެއްޖެއެވެ. ހަރަކާތެއްކޮށްނުލައި ލައިލީ އޮތީ ނިދާފައިކަމަށް ހެދިގެންނެވެ. އޭނާގެ ތެޅެމުންދިޔަ ހިތުގެ އަޑު ދަރަކްއަށް އިވިދާނޭތީ ކަންބޮޑުވެފައެވެ.

ދަރަކް އައިސް އެނދު ކައިރީ ހުއްޓުނެވެ. ފަރުވާތެރިކަމާއެކު ލައިލީއަށް ބަލާލިއެވެ. މޫނުމައްޗަށް ވެއްޓިފައި އޮތް ދެތިން އިސްތަށި އެއްފަރާތްކޮށްލައި ބޮލުގައި ފިރުމާލިއެވެ.

"ނަސީބެއް ލައިއަށް ނިދުނުކަން." ފޫޅަށްއިވޭހާ މަޑުން ދަރަކް ބުނެލިއެވެ. އޭނާ ދެން އައިސް އެނދުގެ އަނެއްކޮޅުގައި އޮށޯވެއްޖެއެވެ.

ލައިލީއަށް ވަގުތުން ލޯ ހުޅުވާލެވުނެވެ. ކިތަންމެ ސިއްރުން ބުންޏަސް ދަރަކް އެބުނި އެއްޗެއް އޭނާއަށް އިވުނީއެވެ. އޭނާ ނިދާފައި އޮތުން ދަރަކްއަށް ނަސީބަކަށްވީ ކީއްވެ ހެއްޔެވެ.

(ނުނިމޭ)