އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭނުގައި ހަތަރު އަތޮޅަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަޑައިގަންނަވަނީ އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ފ. އަތޮޅާއި ދ. އަތޮޅަށެވެ.
ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން މައުލޫމާތު ދޭގޮތުގައި އެމަނިކުފާނު ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް ކެމްޕޭން ޓީމުން މައުލޫމާތު ދެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދު ދަނީ ހުއްޓުމެއް ނެތި ކެމްޕޭން ކުރައްވަމުންނެވެ. މިގޮތުން ރައީސް ނަޝީދު ވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި މިއަދު ކެމްޕޭންގައި ރައީސް ނަޝީދު ގެންދަވަނީ ގަލޮޅާއި ހެންވޭރުގައި ދޮރުންދޮރަށް ހިންގަވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.
މިރޭ ރައީސް ނަޝީދު ވަނީ ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރަން ނިންމަވާފަ އެވެ. މި ބައްދަލުވުން އޮންނާނީ މާލޭގެ ކާނިވާގައި ހުންނަ ޓޭސްޓްމީ ކެފޭގައި އެވެ.