މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމު އޭނާ އަށް ދިނުމަށް އެދި ހޯސޭ މޮރީނިއޯ ސިޓީއެއް ފޮނުވައިފި އެވެ.
އިނގިރޭސި މީޑިޔާތަކުން ބުނާގޮތުގައި އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓީމުގެ ވެރިންނަށް މޮރީނިއޯ ފޮނުވި ސިޓީގައި ވަނީ ހަ ސޮފުހާ އެވެ. އަދި ސިޓީގައި ޔުނައިޓެޑަށް އޭނާ މުހިންމުވަނީ ކީއްވެގެންކަމާއި ކުލަބުން ބޭނުންވާ ގޮތަށް މެންޗެސްޓާގެ ޓީމު އޭނާ ބައްޓަންކުރާނެ ގޮތުގެ ތަފްސީލު ވެސް މި ސިޓީގައި ލިޔެފައިވެ އެވެ.
މީގެ އިތުރުން މޮޅު ކުޅުންތެރިން ތިބެވެސް ކާމިޔާބީ ހޯދުމަސް ދަތިވެފައިވާ ޓީމުގެ ސްކޮޑް ބަދަލުކުރާނެ ގޮތުގެ ތަފްސީލު ވެސް ހިމަނާފައިވެ އެވެ.
މޮރީނިއޯ އެންމެ ފަހުން ހުރީ ޗެލްސީގެ ކޯޗުކަމުގަ އެވެ. އޭނާ އަކީ އެކުލަބުގެ އެންމެ ކާމިޔާބު ކޯޗެވެ. ނަމަވެސް ހުސްވި ސީޒަނުގެ ޕްރެމިއާ ލީގު ޗެލްސީއަށް ހޯދައިދިން ކޯޗުގެ މަގާމު ގެއްލުނީ މި ސީޒަނުގެ ނަތީޖާތައް ގޯސްވެ، ބައެއް ކުޅުންތެރިންނާ އޮތް ގުޅުން ގޯސްވުމުންނެވެ.
އިޓަލީގެ އިންޓަމިލާނާއި ޕޯޗުގަލްގެ ޕޯޓޯ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން މޮރީނިއޯ ވަނީ ރެއާލް މެޑްރިޑުގައި ވެސް ކާމިޔާބު ހޯދައިފަ އެވެ. އޭނާ އަށް 2013 ވަނަ އަހަރު މެންޗެސްޓާގެ ކޯޗުކަން އެއިރުގެ ކޯޗު ސާ އެލެކްސް ފާގަސަން ހުށަހެޅި އެވެ. ނަމަވެސް 27 އަހަރަށް ފަހު ފާގަސަން ހުސްކުރި މަގާމަށް އެއިރު މޮރީނިއޯ އަންނަން ބޭނުންނުވީ ދެ ވަނަ ފަހަރަށް ޗެލްސީއާ ހަވާލުވާން ބޭނުންވުމުންނެވެ.
އޭނާއާއެކު މަސައްކަތް ކުރި ގިނަ ކޯޗުން ބުނަނީ މޮރީނިއޯ ވަރަށް އަވަހަށް ޕްރެމިއާ ލީގުގެ ބޮޑު ކުލަބަކުން ފެންނާނެ ކަމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެކުލަބަކަށް ވާނީ ވެސް މެންޗެސްޓާ ޔުނައިޓެޑެވެ. އިނގިރޭސި ލީގުގެ ފަސް ވަނާގައި އޮތް ޓީމުގެ މިހާރުގެ ކޯޗު ލުއިސް ވެންހާލް އާއި ކުޅުންތެރިންނާއި ސަޕޯޓަރުންގެ ގުޅުން ވެސް އެހާ ރަނގަޅެއްނޫނެވެ.