މޯލްޑިވްސް ޕޮލިސް ސާވިސް

ބޭބެގެ ބޯ ފަޅާލި އަންހެން މީހާ ދޫކޮށްލައިފި

އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ހިނގި މާރާމާރީއެއްގައި ބޭބެގެ ބޯ ފަޅާލައި ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފި އެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި އެމީހާ ދޫކޮށްލާފައި ވަނީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ އެވެ. ފުލުހުންގެ ބަންދުން އެމީހާ ދޫކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ހެންވޭރުގެ ގެއެއްގައި ހިނގި އާއިލީ ހަމަނުޖެހުމެއްގައި އުމުރުން 37 އަހަރުގެ ފިރިހެނަކު ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 25 އަހަރުގެ އަންހެނެކެވެ.

މި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފައި ވެއެވެ. އޭނާ ދޫކޮށްލީ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުންނެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:21 ހާއިރު އެވެ.

މާރާމާރީ ހިނގަން މެދުވެރިވީ ދެ މީހުން ޒުވާބުކުރުމަށްފަހު އެކަކު އަނެކަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި މާރާމާރީ ހިންގާފައިވަނީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިންނެވެ.