ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ އިނާޔަތަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ އަހަރުގެ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ، ރ. އަލިފުށީ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިވަގުތު އެލަވަންސްގެ ގޮތުގައި ދެނީ މަހަކު 2،000 ރުފިޔާ އެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރުގެ ޑިޖިޓަލް ޕޯޓަލް އިފްތިތާހްކޮށްދެއްވީ މެޑަމް ފަޒްނާ އެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރަކީ، އެފަދަ މީހުންނަށް ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިއްމު ބައެއް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ދަފްތަރުގެ އެންމެ މުހިއްމު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މައުލޫމާތު، ރައްކާތެރިކަމާއި ފަސޭހަ ކަމާއެކު ބެލެހެއްޓުން ކަމަށެވެ. މިދަފްތަރުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ގިންތި ކުރެވި، އެމީހުންގެ ހާލަތްތަކަށް ވަކިވަކިން ބެލި، އެންމެ އެކަށޭނަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ގާނޫނުގެ ދަށުން އެފަދަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭންޖެހޭ މާލީއެހީ އާއި އެހެނިހެން އެހީތެރިކަމާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. ހަމަމިއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ އިނާޔަތަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ހާމަކުރާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. މިގޮތުން ރިވެލި މައުރަޒަކީ އެފަދަ މީހުންގެ ހުނަރުވެރިކަން ފެނިގެންދާ މަޢުރަޒެއް ކަމުގައި ވިދާޅުވި އެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު މަގުސަދަކީ، ގައުމުގެ ކޮންމެ ފަރުދެއްގެ އިންސާނީ ހަައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދިނުމާއި، އެ ހައްގުތައް ލިބިދިނުން ކަމަށެވެ.
މި ޖަލްސާގައި ރިވެލި ތަރި އެވޯޑް ހާސިލްކޮށްފައިވާ މީހުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ ރައީސް ސޯލިހް އެވެ. ރިވެލި ތަރި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ރިވެލި މައުރަޒުގައި ބައިވެރިވެ އެކި ދާއިރާތަކުން ވަނަ ހޯދާފައިވާ މީހުންނަށް ދެވޭ ހާއްސަ އެވޯޑެކެވެ. މިއެވޯޑު މިއަހަރު ފަސް ދާއިރާއަކުން އަށް މީހަކަށް ވަނީ ދީފަ އެވެ.