އެމެރިކާގެ ކޮލަރާޑޯގެ ފިއުނެރަލް ހޯމް އަކަށް ގެންދިޔަ ގަބުރު ތަކެއްގެ ތެރެއިން 560 ގަބުރެއް ފަޅައި އޭގެ ބައިތައް ނަގައި ވިއްކި ކަމުގެ ކުށް އެ ފިއުނެރަލް ހޯމްގެ ވެރިއަކަށް ކުރިން ހުރި އަންހެނަކާއި އޭނާގެ މަންމަގެ މައްޗަށް ސާބިތުވެއްޖެ އެވެ.
މެގަން ހެސް، 46 އާއި އޭނާގެ މަންމަ ޝާލީ ކޯޗް، 69، ވަނީ އެމީހުން ހިންގި ފިއުނެރަލް ހޯމް އަށް 2010 އާއި 2018 އާ ދެމެދު ދުވަސްތަކުގައި ގެންދިޔަ 560 ގަބުރު ފަޅާ އޭގެން އެމީހުން ބޭނުންވާ ބައިތައް ނަގާފަ އެވެ.
މޮންޓޮރޯސް އަވަށުގައި މެގަން އާއި އޭނާގެ މަންމަ ހިންގި ސަންސެޓް މެސާ ފިއުނެރަލް ހޯމް އަށް ގެންނަ ކޮންމެ ގަބުރެއްގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކޮށް އެ ގަބުރު އަންދާލުމަށް 1000 ޑޮލަރު ކޮންމެ އާއިލާ އެއް އަތުން މި ދެ މައިން ނަގާފައި ވެއެވެ. ނަމަވެސް މި ފައިސާ ނެގުމަށްފަހު އެ ކުރަން އޮންނަ ކަންތައްތައް ފުރިހަމަކޮށް ގަބުރު އަންދާލާފައެއް ނުވެ އެވެ.
އޭގެ ބަދަލުގައި އެތަނަށް ގެންނަ ގަބުރުތައް ފަޅާ ކުދިކޮށް ގުނަވަންތަކާއި މައިބަދަ ނަގައިގެން ވިއްކާލަ އެވެ. މިއީ މެޑިކަލް ޓްރެއިނިން ވިޔަފާރިއަށް ބޭނުންތެރި އެއްޗަކަށް ވާތީ އެމީހުން މި އެއްޗެތި ވިއްކަނީ އެ ތަންތަނަށެވެ.
މަރުވެފައިވާ ބައެއް މީހުންގެ އަނގައިގައި ޖަހާފައި ހުރި ރަން ދަތްތައް ވެސް އުފުރާލައިގެން މެގަން އާއި އޭނާގެ މަންމަ ވިއްކާފައި ވެއެވެ.
މެޑިކަލް ކޮމިއުނިޓީ އަށް މެގަން އާއި އޭނާގެ މަންމަ އިންސާނުންގެ ހަށިގަނޑުގެ ބައިތައް ވިއްކާލަނީ ޑޯނާ ކޮންސެންޓް ފޯމެއް އަމިއްލައަށް ހަދައިގެން އޭގައި މަރުވި މީހާގެ އާއިލާއިން އެ ގުނަވަންތައް ވިއްކަން ހުއްދަ ދިން ކަމަށް ފޭކް ސޮއި ކޮށްގެންނެވެ.
އެމެރިކާގައި ޓްރާންސްޕްލާންޓް ކުރަން ގުނަވަނެއް އެކަކު އަނެކަކަށް ދިނުން ހުއްދަ އެވެ. ނަމަވެސް ވިއްކުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
ކޯޓުގައި މެގަން އާއި އޭނާގެ މަންމަގެ ޝަރީއަތް ކުރިޔަށް ގޮސް މިހާރު ވަނީ ހުކުމް ކޮށްފަ އެވެ. މެގަން އަށް 20 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު އޭނާގެ މަންމައަށް 15 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވެއެވެ.
ޑޯނާ ސާވިސަސް ކިޔާ މުޅިން ތަފާތު ވިޔަފާރިއެއް ފިއުނެރަލް ހޯމް ހުންނަ ބިލްޑިންގްގެ އެހެން ބައެއްގައި މި ދެ މައިން ހިންގަމުން ގެންދިޔަ އެވެ. އެއީ ގަބުރުތަކުން ވަގަށް ނަގާ ބައިތައް ވިއްކުމަށް މަގު ފަހިކުރަން ކުރަމުން ދިޔަ ކަމެކެވެ.
ގަބުރު އަންދާލަން މެގަންގެ ފިއުނެރަލް ހޯމްއަށް ގެނައުމަށްފަހު ގަބުރު އަންދާލައިފި ކަމަށް ބުނެ އެ ގަބުރުގެ އަޅިކަމަށް ބުނާ އަޅިކޮތަޅެއް ވެސް ކޮންމެ މީހަކަށް ވެސް އެތަނުން ދެ އެވެ. ފަހުން އެމީހުން މި އަޅިތައް ޓެސްޓްކުރުމުން މިއީ އެމީހުންގެ އާއިލާގެ މީހާގެ އަޅި ނޫންކަމާއި އެތައް ބައެއްގެ އަޅިކަން ޔަގީން ކުރެވެ އެވެ.
މި މައްސަލަ ތަހުގީގުކުރި އެފްބީއައި އެޖެންޓު ޗާޖް ލިއޮނާޑް ކަރޮއްލޯ ވިދާޅުވީ މެގަން އާއި އޭނާގެ މަންމަ ބޮޑަށް ޓާގެޓްކުރަނީ އާއިލާގެ މީހާ މަރުވުމުން މާބޮޑަށް ހިތާމަ ލިބިފައި ތިބޭ އާއިލާ ތަކަށެވެ. އެމީހުންނަށް ލިބިފައިވާ ހިތާމައިގެ ބޮޑުކަމުން ގޮސް ގިނަ ފަހަރަށް ވާނުވާވެސް ނޭނގި ތިއްބާ މި ދެމައިން އެ ގަބުރަށް ހަދާނެ ގޮތެއް ހަދައި ނިންމައި ބާކީ އޮންނަ އެއްޗެއް އަންދާލަ އެވެ. އަދި ގުނަވަންތަކާއި މައިބަދަ ނަގާފައި ވުމުން އަޅިކޮޅު މާ މަދުނަމަ އެހެން މީހެއްގެ އަޅިކޮޅެއް އަޅައިގެން ގިނަ ކޮށްލަ އެވެ.
މި ފިއުނެރަލް ހޯމް އިން ކުރަމުންދިޔަ ކަންތައްތައް ފަޅާ އެރީ 2018ގައި ރޮއިޓާސް ނިއުސް އެޖެންސީން ހެދި އިންވެސްޓިގޭޝަނަކުންނެވެ.