ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ފުރަތަމަ ކެމްޕޭން ދަތުުރު މާކުރަތަށް

Jan 6, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރ. މާކުރަތަށް މިއަދު ވަޑައިގެންފި އެވެ.

މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށި ފަހުން ރައީސް ސޯލިހް ކެމްޕޭން ދަތުރުފުޅެއްގައި ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަތީ މިދިޔަ ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގަ އެވެ.

ރައީސް ސޯލިހް މިއަދު މާކުރަތަށް ވަޑައިގެންނެވީ ރ. އަލިފުށްޓަށް އިއްޔެ އެމަނިކުފާނު ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެވެ.

މާކުރަތަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ އެރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވުމަށް މަސައްކަތް ކުރައްވާ ސަބަބުތައް ސާފުކޮށްދެއްވާފަ އެވެ.


މާކުރަތަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ ރ. އިންނަމާދޫ އަށެވެ. އެރަށުގައި އެމްޑީޕީގެ މެންބަރުންނާ ރައީސް ސޯލިހް ބައްދަލުކުރައްވާނެ އެވެ.

ރ. އަތޮޅަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި މިއަދު އެ އަތޮޅު މީދޫ އަށް ވަޑައިގެން މިރޭ އެރަށުގައި ކެމްޕޭން ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ރައީސް ސޯލިހްގެ ވާދަވެރި ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ އއ. އަތޮޅާއި އދ. އަތޮޅާއި ފ. އަތޮޅާ އަދި ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އެހެންވެ ކެމްޕޭންގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ.