އެޗްޑީސީ

ހުޅުމާލޭގެ އާބަން އައިލްގައި 15 ގެސްޓްހައުސް އަޅަން ހުޅުވާލައިފި

Jan 6, 2023

ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް -- އާބަން އައިލްގައި 15 ގެސްޓްހައުސް ތަރައްގީކުރަން ނިންމީ ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އާބަން އައިލްގެ އިންވެސްޓާ ޕޯޓަލް މެދުވެރިކޮށް އެކްސްޕްރެޝަން އޮފް އިންޓަރެންސް (އީއޯއައި) ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ސަރަހައްދުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހެދުމަށް ހަމަޖެހިފައިވެ އެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ މީހުންނަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް މިސަރަހައްދުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ.

އެޗްޑީސީން ބުނީ އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށްވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށ.ް ކަމަށެވެ.

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައިވުމުގެ އިތުރުން މިސަރަހައްދުގައި އެޗްޑީސީ އިން ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗާގެ ސަބަބުން އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗާއެއް، އެޗްޑީސީ އިން މިވަގުތު ގާއިމުކުރަމުންދާއިރު ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި މަޝްރޫއު ތަރައްގީކުރުމަށް އެޗްޑީސީން ވަރަށް ބޮޑު އިސްކަމެއް ދެއެވެ.

އެޗްޑީސީން ބުނީ އިންޓަގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމުން ރާއްޖޭގެ އިގުތިސޯދަށް ހާއްސަކޮށް މާލެ ސަރަހައްދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މީގެ ސަބަބުން މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ މީހުންނަށްވެސް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ދެއެވެ.

މީގެ އިތުރުން ހުޅުމާލޭގެ ގެސްޓު ހައުސްތަކަށްވެސް އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފްއެންބީ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމުގައިވެސް އެޗްޑީސީން ބުނެ އެވެ.

"ފަތުރުވެރިކަމުގެ ދާއިރާއާއި އަދި ގުޅުންހުރި ގިނަ ދާއިރާތަކަކުން އެތައް ބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސް ވެގެންދާނެ އެވެ. އާބަން އައިލްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނުވައި، އިގުތިސޯދީ އެތައް ކުރިއެރުންތަކެއް ލިބި، އަދި މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ހިތްގައިމު ތަޖުރިބާތަކެއް ލިބިގެންދާނެ އެވެ." އެޗްޑީސީން ބުނެފައިވެ އެވެ.