އަނިޔާވެރިކޮށް މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސްއަށް ކުރިމަތިވީ ފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ވިޔަނުދިނުމަށްޓަކައި ވެރިޔަކު ހޮވުމުގައި ވިސްނަންޖެހޭބކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރ. މީދޫއަށް ވަޑައިގެން މިރޭ އެ ރަށުގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އޮތް ސަރުކާރަކީ ބިރުވެރި އަދި އަނިޔާވެރި ސަރުކާރެއްކަން ހާމަވަނީ އޭރުގެ ރައީސްގެ ދައުރުގައި ހިނގައިދިޔަ ގިނަ އަދަދެއްގެ މަރުތަކުގެ ސަބަބުން ކަމަށެވެ.
އެގޮތުން މީދޫ އަށް ނިސްބަތްވާ އަނަސްގެ މަރުގެ ވާހަކަ އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ކޯޓުގައި ކުރިއަށްދާ އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ލިބިފައިވާ ކުރިއެރުންތައްވެސް ފާހަގަކުރެއްވި އެވެ.
"އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމުމަކާ ގާތްވަނީ. އަށް މީހެއްގެ މައްޗަށް ދައުވާ ކޮށް ކޯޓުގައި މައްސަލަ ކުރިއަށް އެބަދޭ. އަދި އޭގެ ތެރެއިން އެކަކަށް އެވަނީ ހުކުމް ކޮށްފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ބިރުވެރިކަމާއި އަނިޔާވެރިކަން އަލުން އަނބުރައި ނުގެނައުމަށްޓަކައި ގައުމުގެ ވެރިޔަކު ހޮވުމުގައި ހުރިހާ ރައްޔިތުންވެސް ވިސްނަންޖެހޭ ކަމަށެވެ.
އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ލިޓަސް ގަރާޖުގެ ތެރޭގަ އެވެ.
އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ހަތް މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރެ އެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.
މިގޮތުން ކުށް ސާބިތުވި ކުޑަކުއްޖާއަށް މިހާރު 18 އަހަރު ފުރިފައިވުމާ އެކު އޭނާގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރާއި ނުވަ މަހަށް ޖަލަށްލާން ކޯޓުން ވަނީ ނިމިދޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ.