ފިނިޕޭޖް

ޓޭލާގެ ބުޅާ އޮލީވިއާގެ އަގަކީ 97 މިލިއަން ޑޮލަރު

އެތައް ގްރެމީ އެވޯޑެއް ހާސިލްކޮށްފައިވާ 33 އަހަރުގެ ޓޭލާ ސްވިފްޓަކީ ކާމިޔާބު އަދި ވަރަށް ތަނަވަސް ލަވަކިޔުންތެރިއެއް އަދި ވިޔަފާރިވެރި އެކެވެ.

ޓޭލާ ލޯބިވާ ތިން ބުޅަލަށް ކިޔަނީ މެރެޑިތް ގްރޭ، އޮލީވިއާ ބެންސަން އާއި ބެންޖަމިން ބަޓަން އެވެ.

މެރެޑިތް އާއި އޮލީވިއާ އަކީ ސްކޮޓިޝް ފޯލްޑްސް ބުޅާ އަދި ބެންޖަމިން އަކީ ރެގްޑޯލް ބުޅަލެކެވެ. 2011 ގައި ޓޭލާ ހޯދި މެރެޑިތްއަށް ނަން ދީފައިވަނީ "ގްރޭސް އެނެޓޮމީ" ސީރީޒްގެ ލީޑް ކެރެކްޓާގެ ނަމެވެ. 2014 ގައި ލިބުނު ދެވަނަ ބުޅަލަށް "ލޯ އެންޑް އޯޑަ: ސްޕެޝަލް ވިކްޓިމްސް ޔުނިޓް"ގެ ލީޑް ކެރެކްޓާ އޮލީވިއާ ބެންސަން ކިޔާފައިވާއިރު، އެންމެ ހަގު ބުޅަލަށް ދީފައިވަނީ "ދަ ކިއުރިއަސް ކޭސް އޮފް ބެންޖަމިން ބަޓަން"ގެ ލީޑް ކެރެކްޓާ ބެންޖަމިން ބަޓަން އެވެ.

ޓޭލާ ދާ ހުރިހާ ތަނަކަށް މި ތިން ބުޅާ ގެންދެ އެވެ. މި ތިން ބުޅާ ޓޭލާއާ އެކު ބައެއް ފަހަރު ޓޭލާގެ ލަވަތަކުގެ ވީޑިއޯ، އިޝްތިހާރު އަދި ސޯޝަލް މީޑިއާއިން ފެނެ އެވެ.

މި ތިން ބުޅާ ވެސް މަޝްހޫރު އިރު، އޭގެ ތެރެއިން އެންމެ އަގުހުރި ބުޅަލަކީ އޮލީވިއާ ބެންސަން ކަމުގައި އޯލްއަބައުޓްކެޓްސް ވެބްސައިޓުން ބުނެފައިވެ ވެ.

މި ވެބްސައިޓުން އެންމެ މުއްސަނދި ޕެޓްސްގެ ލިސްޓް ޝާއިއުކުރިއިރު، އޮލީވިއާ އުޅެނީ 97 މިލިއަން ޑޮލަރާ އެކު ތިންވަނައިގަ އެވެ. މި ސައިޓުން މި ލިސްޓް އެކުލަވާލާފައިވަނީ ސޯޝަލް މީޑިއާއަށާއި އެ ނޫން ޕްރޮޖެކްޓް ތަކަށް ބަލާފައި ކަމަށް އެ ސައިޓުން ބުނެ އެވެ.

އޮލީވިއާ ވަނީ ޓޭލާއާއެކު "މީ!" އަދި "ބްލެކް ސްޕޭސް" ފަދަ ލަވައިގެ ވީޑިއޯ އިން ފެނުމުގެ އިތުރުން، ޑައިރެކްޓް ޓީވީ، އޭޓީއެންޑްޓީ، އަދި ޑައެޓް ކޯކް އިޝްތިހާރުތައް ކުޅެފަ އެވެ. އޮލީވިއާއަށް ވުރެ މުއްސަނދި ދެ ބުޅަލަކީ ގަންތާ ކޯޕަރޭޝަންގެ ގަންތާ 6 އަކާއި އިންސްތަގްރާމް އަށް މަޝްހޫރު ނާލާ އެވެ.

ޓޭލާ ބުނީ އޭނާ 2019 ގައި ނެރުނު "ކެޓްސް" މިއުޒިކަލްގެ ފިލްމު އެޑެޕްޓޭޝަން ކުޅުމުގެ ސަބަބަކީ އޭނާގެ ބުޅާތައް ދެކެ ވާ އިންތިހާ ލޯތްބެވެ.