މާލޭ ސިޓީ ކައުންސިލް

ފުރަތަމަ ދުވަހުން މިސްކިތު ފަންޑަށް ތިން ލައްކަ ރުފިޔާ

މާލެ ސިޓީގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ފެށި ޓެލެތޯނަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި "ޗާލު މިސްކިތް" ހަރަކާތުގެ ފުރަތަމަ ދުވަސް ނިމުނުއިރު 313،397.90 ރުފިޔާ ވަނީ ލިބިފަ އެވެ.

މިސްކިތްތައް މަރާމާތު ކުުރުމަށް ފަންޑް ހޯދުމަށް ކުރިއަށް ގެންދާ ހަރަކާތް މިއަދު ހެނދުނު 9:00 އިން ހަވީރު 6:00އަށް އާޓިފިޝަލް ބީޗްގައި ކުރިއަށްދާނެ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މިސްކިތްތައް މަރާމާތުކުރަން ފަންޑު ހޯދުމަށް ޓެލެތޯންއެއް ބާއްވަނީ މިސްކިތްތަކަކީ އެ ކައުންސިލުން އެންމެ އިސްކަމެއްދޭ ތަންތަނަށް ވުމާއެކު، މިސްކިތްތައް ކައުންސިލާ ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށް ވާތީ އެވެ.

މިސްކިތްތަކުގެ މަރާމާތުތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު ކައުންސިލްގެ ބަޖެޓުން އެކަން ނުކުރެވޭ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.

މި ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މިސްކިތްތައް ބެލެހެއްޓުމަކީ ކައުންސިލްތަކަށް އޮންނަ ޒިންމާ އެކެވެ. މާލެ ސިޓީ ކައުންސިލުން މާލެ އާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެެވެ.