އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

އިޒުރޭލުގެ ހަރުކަށި ވަޒީރުގެ އަމަލު ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Jan 7, 2023

އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު -- ގައުމީ ސަލާމަތާ ބެހޭ ވަޒީރު -- އިތަމާރު ބެންގަވީރު، އިރުމަތީ ގުދުސްގައި ހުންނަ މަސްޖިޖުލް އަލްއަގްސާގެ ގޯތިތެރެއަށް ވަދެގެން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ވަރުގަދަ ސެކިއުރިޓީއަކާ އެކު އިތަމާރު އަލް އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެގަތީ މިދިޔަ އަންގާރަ ދުވަހު އެވެ.

އިތަމާރުގެ އަމަލުތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާންގައި ބުނެފައިވަނީ މިކަމަކީ ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި ގާނޫނުތަކާއި އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިތަމާރުގެ އަމަލުތަކުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވެގެން ހިނގައިދާނެ ކަމަށެވެ.

"އެކަން ކުށްވެރިކޮށް އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އދ ގައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން ދަނީ ބައިވެރިވަމުންނެވެ." ބަޔާނުގައިވެ އެވެ.

އިތަމާރުގެ އަމަލުތައް ކުށްވެރިކުރުމުގެ މައްސަލައެއް އޯއައިސީ އިންނާއި އދގެ ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުން އިސްނަގައިގެން މިމަހުގެ ފަސްވަނަ ދުވަހު ހުށަހެޅުމުން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްވެސް ބޭއްވި އެވެ.

މީގެ އިތުރުން މިމަހުގެ 18 ވަނަ ދުވަހު މެދިއިރުމަތީގެ ހާލަތާ ގުޅޭގޮތުން އދ. ސަލާމަތީ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށްވެސް މިހާރު ވަނީ ނިންމާފަ އެވެ. މިބަހުސްގައި ރާއްޖެ އިން ބައިވެރިވެ އިޒުރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރުގެ އަމަލުތައް ކުށްވެރިކުރާނެ ކަމަށްވެސް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.

އިޒްރޭލުން ބައިނަލްއަގްވާމީ ޤާނޫނުތަކާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް، ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް، ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރެ އެވެ.