ފޮރިން މިނިސްޓްރީ

އިޒްރޭލުން ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް: ސަރުކާރު

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގްވާމީ އަދި އިންސާނީ ހައްގުތަކާބެހޭ އެންމެހައި ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ދިވެހި ސަރުކާރުން މިހެން ބުނެފައިވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ކުރިއަށްގެންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް އެކްސްޓްރާ އޯޑިނަރީ ކުއްލި ބައްދަލުވުމުގަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހްމަދު ހަލީލް އެވެ.

ހަލީލްގެ ތަގުރީރުގައި ވަނީ ކުޑަކުދިން ހިމެނޭހެން މައުސޫމު ރައްޔިތުންނަށް އަމާޒުކޮށް އިސްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއި ހޮސްޕިޓާތަކާއި އާއްމުން ދިރިއުޅޭ އިމާރާތްތަކަށް ދެމުންދާ ހަމަލާތަކަށް ތަފްސީލްކޮށް ވާހަކަދައްކަވާފަ އެވެ. އެގޮތުން ހަލީލް ވިދާޅުވީ އިސްރޭލުން ފަލަސްތީންގައި ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށެވެ.

"އިޒްރޭލުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން މެދު އިރުމަތީ ސަރައްހަދުގެ ސުލްހައާއި ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ބިރު އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޯއައިސީ އުފެއްދި މައިގަނޑު މަގުސަދަކީ ފަލަސްތީނާ އެއްކޮޅަށް ވަކާލާތުކުރުންކަމުން މި ދަނޑިވަޅުގައި އޯއައިސީގެ މަގުސަދު ފުރިހަމައަށް ހާސިލްކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި އަދި އެނޫންވެސް އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުމަށް ބާރުއެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށްވެސް ގޮވާލެއްވި އެވެ.

ދިވެހިރާއްޖެއާ ފަލަސްޠީނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލައްވައި ހަލީލް ވިދާޅުވީ ބައިނަލްއަގްވާމީ ގާނޫނީ އިމުގެ ތެރެއިން ފަލަސްތީނަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. ފަލަސްތީން ރައްޔިތުން ތަހައްމަލް ކުރަމުންދާ ހިތްދަތި އިހްސާސްތަކާ މެދު ހުރިހާ ދިވެހި ރައްޔިތުންވެސް ހިތާމަކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

"ފަލަސްތީން ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުން މިންޖުވެ، މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދުއާކޮށް ވަކާލާތުކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުމެ ދެމި ތިބޭނެކަމުގެ ޔަގީންކަން ދެން،" ހަލީލް ވިދާޅުވި އެވެ.

ހަލީލް އިތުރަށް ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މަތީގައި އިރުމަތީ ގުދުސް ފަލަސްތީންގެ ވެރިރަށް ކަމުގައި ކަނޑައެޅި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެގެން ކަމަށެވެ.