ރައީސް މުހައްމަދު ނަޝީދު

ސަރުކާރު ސްލޯ، ދުވެލި ހުރީ ފިނިހަކަ ދުވެލީގައި: ނަޝީދު

ސަރުކާރު ސްލޯ ކަމަށާއި ތަރައްގީގެ ދުވެލި ހުރީ ފިނިހަކަ ދުވެލީގައި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ފ. ބިލެތްދޫގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ކަންކަން ބަލަހައްޓާ ހިންގުމުގެ ޝައުގުވެރިކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކިބައިގައި ނެތް ކަމަށެވެ.

"ކަންކަން ބަލަހައްޓާ ހިންގުމުގެ އެއްވެސް ޝައުގެއް ރައީސްގެ ނެތް. ވަޒީރުންގެ ވެސް ނެތް" ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަސީލަތްތައް ނެތް މިންވަރުން ކަންކަން ކުރަން ސަރުކާރުން އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ހައިމާކުގެ ދަތްގަނޑު ނެތް މިންވަރުން ކީއްކުރަންތޯ ކޮންނަން ވިސްނަނީ" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން ކޮށްދޭން ބުނި ކަންކަން ފަސް އަހަރުވެގެން ދިޔައިރުވެސް ނުކޮށްދޭ ކަމަށާއި އެމްއެމްޕީއާރްސީ ހިޔާނާތު ފައިސާ ނުހޯދުނު ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ދަތުރުފުޅުގައި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރު ފ. އަތޮޅާއި ދ. އަތޮޅަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ކެމްޕޭންގައި ރައީސް ނަޝީދު ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާ އަތޮޅުތައް

  • ނ ،ރ، އަދި ބ. އަތޮޅު - ޖެނުއަރީ ނުވައަކުން 11 އަށް
  • ލ، ތ، މ، އަދި ވ. އަތޮޅު - ޖެނުއަރީ 13 - 15 އަށް
  • ޅ. އަތޮޅާއި މާލެ އަތޮޅު - ޖެނުއަރީ 17 ގަ
  • ގއ އަދި ގދ. އަތޮޅު - ޖެނުއަރީ ޖެނުއަރީ 19 - 21 އަށް
  • އައްޑޫ ސިޓީ - ޖެނުއަރީ 23 - 24 އަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.

އެމްޑީޕީން އާންމުކުރި ދާއިމީ ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނެ އެވެ.