ދުނިޔެ

މުމްބާއީ އެއާޕޯޓް ގޮއްވާލާނެ ކަމުގެ އިންޒާރާއެކު ސެކިއުރިޓީ ވަރުގަދަކޮށްފި

އިންޑިއާގެ އިންޓަނޭޝަނަލް އެއާޕޯޓެއް ކަމަށްވާ ޗަތުރަޕްޓީ ޝިވާޖީ އެއާޕޯޓް ގޮއްވާލާނެ ކަމުގެ އިންޒާރު ބަޔަކު ދީފިއެވެ. އިންޒާރު ދިން މީހާގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، މުމްބާއީގައި އޮންނަ ޗަތުރަފްޓީ ޝިވާޖީ އެއާޕޯޓް އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވަނީ މީހަކު ފޯނުން ގުޅައިގެންނެވެ. އިންޒާރު ދީފައިވަނީ އިއްޔެ އިރުއޮއްސި ހައެއް ޖެހިއިރު އެއާޕޯޓަށް ގުޅައިގެންނެވެ. އިންޒާރު ދިން މީހާ ވާހަކަ ދައްކާފައިވަނީ ހިންދީ ބަހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިންޒާރާއެކު އެއާޕޯޓްގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ. އަދި މުމްބާއީ ތުރެޓް އެސެސްމަންޓް ކޮމިޓީ އިން ބައްދަލުކޮށް މަޝްވަރާ ކޮށްފައި ވެސްވެއެވެ.

މި އިންޒާރު ދީފައިމިވަނީ އިންޑިއާގައި ހަމަލާއެއް ދޭން އުޅުނު އައިއެސް ޖަމާއަތަށް ނިސްބަތްވާ ދެ މީހުން ހައްޔަރުކޮށްފައިވަނިކޮށެވެ. އެއާޕޯޓަށް އިންޒާރު ދީފައިވާއިރު އިންޑިއާގެ ޑެއްލީ އަދި މުމްބާއީގައި ދަތުރުކުރާ ރޭލުތައް ގޮއްވާލާނެ ކަމުގެ އިންޒާރު މިހަހުގެ ކުރީކޮޅު އައިއެސްއިން އެ ގައުމަށް ދީފައިވެ އެވެ. އެ އިންޒާރު އިންޑިއާއަށް ދިނީ މެއިލް މެދުވެރިކޮށެވެ.