ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވިޔަރެއާލުން ޗެމްޕިއަން ރެއާލް މެޑްރިޑް 1-2 އިން ބަލިކޮށްފި އެވެ.
ރޭގެ މެޗަކީ މިފަހުގެ ލީގުގައި ރެއާލް ބަލިވި ދެވަނަ މެޗެވެ. އަނެއްކޮޅުން މިއީ 2018 ވަނަ އަހަރުގެ ފަހުން ރެއާލް މެޑްރިޑް އަތުން ލީގުގައި ވިޔަރެއާލަށް ލިބުނު ފުރަތަމަ މޮޅެވެ. މިދިޔަ މުއްދަތުގައި ރެއާލަށް ދެކޮޅަށް ލީގުގައި ކުޅުނު ނުވަ މެޗުން ވެސް ވިޔަރެއާލަށް މޮޅެއް ނުލިބުނެވެ.
ބަލިވުމާ އެކު ލީގުގެ އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ރެއާލަށް ވަނީ ގެއްލިފަ އެވެ. މިހާރު އެޓީމު އޮތީ 16 މެޗުން ލިބުނު 38 ޕޮއިންޓާ އެކު ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އަށް 38 ޕޮއިންޓް ލިބިފައިވަނީ 15 މެޗުންނެވެ. ބާސެލޯނާ މިހާރު އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. ލީގުގައި ބާސެލޯނާ މިރޭ ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.
ލީގުގައި ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅާ އެކު ވިޔަރެއާލް މިހާރު ވަނީ ތާވަލުގެ ފަސްވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިޔަރެއާލްގެ ޔެރެމީ ޕީނޯ އެވެ. އެކަމަކު 60 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ ވަނީ ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއީ ވިޔަރެއާލްގެ ހުއާން ފޮއިތުގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
ބެންޒެމާގެ ގޯލަކީ ލީގުގައި ޖެހި 227 ވަނަ ގޯލެވެ. ބެންޒެމާ މިހާރު އޮތީ ސްޕެނިޝް ލީގުގެ ލަނޑު ލިސްޓުގެ ތާރީހުގެ ހަ ވަނައިގަ އެވެ.
ރެއާލުން ލީޑު ނެގިތާ ތިން މިނެޓު ފަހުން ވިޔަރެއާލްގެ ޖެރާޑް މޮރޭނޯ ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ދެވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. ލީޑު ނެގުމަށް ފަހު ވިޔަރެއާލުން ވަނީ ރެއާލް މެޑްރިޑްގެ ހަމަލާތައް ދިފާއުކުރުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ސްޕެނިޝް ލީގުގެ އެހެން ނަތީޖާތަކަށް ބަލާއިރު ރޭ މަޔޯކާ އަމިއްލަ ދަނޑުގައި ވަނީ ރެއާލް ވަލަޑޮލިޑް އަތުން 0-1 އިން މޮޅުވެފަ އެވެ. އެސްޕަންޔޯލް އާއި ޖިރޯނާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.